Roadha Mihaaru
ގަން އެއާޕޯޓްގައި 35 ޖެޓް؛ މިއަހަރު ރެކޯޑް ހަދާނެ

ގަން އެއާޕޯޓްގައި 35 ޖެޓް؛ މިއީ އެންމެ ގިނަ ޖެޓް އަންނަ އަހަރަށް ވާނެ

28 ޑިސެމްބަރ 2020

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މި މަހު ރެކޯޑް އަދަދަކަށް ޕްރައިވެޓް ޖެޓް ޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މި މަހު ރެކޯޑް އަދަދަކަށް ޕްރައިވެޓް ޖެޓް ޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި ހިންގާ މި އެއާޕޯޓްގައި މި ވަގުތު ވެސް 35 ޖެޓް އެބައޮތެވެ. މިއީ 2015 ގެ ފަހުން ގަން އެއާޕޯޓަށް މިހާ ގިނަ އަދަދަކަށް އެއްފަހަރާ ޖެޓްތައް ޖެއްސި ފުރަތަމަ ފަހަރެވެ. ކުރީގެ ރެކޯޑަކީ 26 އެވެ.

ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް މިސްބާހް ނަޒީރު މިއަދު ވިދާޅުވީ މި މަހުން ފެށިގެން އަންނަ މަހުގެ 15 އާ ހަމައަށް ގަން އެއާޕޯޓަށް 100 އެއްހާ ޖެޓް އަންނާނެ ކަމަށެވެ.

"މިއީ މި އެއާޕޯޓްގެ ތާރީހުގައި ވެސް ރެކޯޑް އަދަދަކަށްވާނެ،" އޭނާ ވިދާޅުވި އެވެ. "މިހާރު މޫވްމަންޓްތަކަށް ދުވާލަކަށް އަށެއްކަ ޖެޓްގެ މޫވްމަންޓް ގަން އެއާޕޯޓްގައި އެބަ ހިނގާ."

އޭއައިއޭ އިން ބުނީ ގަމަށް އަންނަ ޖެޓްތަކުގެ ތެރޭގައި ފަސިންޖަރުން ގޮވައިގެން އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެ މީހުން ބާލައި ޕާކްކުރަން އަންނަ ޖެޓްތައް ވެސް ހިިމެނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އައްޑޫގައި އޮތް އެންމެ ބޮޑު ދެ ރިސޯޓް ކަމަށްވާ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އާއި ކެނެރީފް (ހެތެރަތަ) ކޮވިޑް-19 އާ ހެދި ބަންދުކޮށްފައި ނެތް ނަމަ މި އަހަރަކީ މިހާރު އަންދާޒާކޮށްފައި އޮތް ވަރަށް ވުރެ މާ ގިނައިން ޖެޓްތައް އަންނާނެ އަހަރެކެވެ.

ގަން އެއާޕޯޓްގައި ހުރި ޖެޓްތަކެއް. ފޮޓޯ/ އޭއައިއޭ

ގަން އެއާޕޯޓްގައި ހުރި ޖެޓްތަކެއް. ފޮޓޯ/ އޭއައިއޭ

"އެކަމަކު މިތަނަކު ނެތް މިހާރު ޖެޓްތަކުގައި އަންނަ ޓޫރިސްޓުންނަށް ހިދުމަތްދޭނެ ލަގްޒަރީ ބެޑްތަކެއް. އެއީ މި ވަގުތު އޮތް ވަރަށް ބޮޑު ގެއްލުމަކަށްވާނީ،" މިސްބާހް ވިދާޅުވި އެވެ. "މިތަނުގައި ޖެޓްތައް ޕާކްކޮށްފައި، ޑޮމެސްޓިކް ފްލައިޓެއް ނަގައިގެން ރާއްޖޭގެ އެކި ދިމަދިމާލަށް ޖެޓްތަކުގައި އަންނަ މީހުން ޗުއްޓީ ހަދާލަން ދަނީ."

އޭނާ ވިދާޅުވި ގޮތުގައި ޖެޓްތަކުގައި އަންނަ ބައެއް ކްރޫން މިހާރު ވެސް ގަމުގެ އީކްއޭޓަ ވިލެޖާއި ސައުތު ޕާމް ރިސޯޓްގެ އިތުރުން އައްޑޫގެ ފެންވަރު ރަނގަޅު ގެސްޓްހައުސްތަކުގެ ހިދުމަތް ހޯދަ އެވެ.

ގަން އެއާޕޯޓްގައި އޮތް ޖެޓެއްގެ ކައިރީގައި އެއާޕޯޓްގެ އޮފިޝަލުންތަކެއް. ފޮޓޯ/ އޭއައިއޭ

ގަން އެއާޕޯޓްގައި އޮތް ޖެޓެއްގެ ކައިރީގައި އެއާޕޯޓްގެ އޮފިޝަލުންތަކެއް. ފޮޓޯ/ އޭއައިއޭ

"އަސްލު މި އެއާޕޯޓާއި އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ކުރަން ޖެހޭ މަސައްކަތް ނުކުރެވޭތީ އެއާޕޯޓްގެ ހަގީގީ ފައިދާ ނުފެންނަނީ،" މިސްބާހް ވިދާޅުވި އެވެ. "އައްޑޫ ޕްރޮމޯޓްކުރި ވަރަކަށް ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ މޫވްމަންޓްތައް އިތުރުވަމުން ދާނެ."

އައްޑު އަށް އަންނަ ޖެޓްތަކުގެ ތެރޭގައި ކުދި ޖެޓްތަކާއި އޭ320 މަރުކާގެ ބޮޑެތި ޖެޓްތައް ވެސް ހިމެނެ އެވެ. އާ އަހަރާ ދިމާކޮށް އާންމުކޮށް އައްޑު އަށް އަންނަ ޖެޓްތަކުގެ އިތުރުވެ އެވެ. ޑިސެމްބަރު މަހަކީ އެންމެ ބާރު ބޮޑުވާ މަހެވެ. އަދި އެ ޖެޓްތައް ގަން އެއާޕޯޓްގައި ހަތަރު ދުވަހާއި ހަފުތާއެއްހާ ދުވަހުގެ މުއްދަތަކަށް މަޑުކުރެ އެވެ.