Roadha Mihaaru
އައްޑު އާއި ހުވަދުއާ ދެމެދު އަލުން ސީޕްލޭން

އައްޑު އާއި ހުވަދުއާ ދެމެދު ސީޕްލޭންގެ ދަތުރުތައް އަލުން ފަށަނީ

03 އޮކްޓޯބަރ 2020

އައްޑު އާއި ހުވަދު އަތޮޅާ ދެމެދު ސީ ޕްލޭންގެ ދަތުރުކުރުމާ ގުޅޭ ގޮތުން މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާއި އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑު އާއި ހުވަދު އަތޮޅާ ދެމެދު ސީ ޕްލޭންގެ ދަތުރުކުރުމާ ގުޅޭ ގޮތުން މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާއި އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އައިއޭއެސްގެ ފަރާތުން ސޮއިކުރެއްވީ މެނެޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ. އަދި އޭއައިއޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު ގައިސް ނަސީރެވެ. ގަމުގައި ގާއިމުކޮށްފައިވާ ސީ ޕްލޭންގެ ހިދުމަތަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ މެމްބަރުން ވެސް ބައިވެރިވައިގެންނެވި އެވެ.

ގަމާއި ހުވަދު އަތޮޅާ ދޭތެރޭ ސީ ޕްލޭންގެ ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރި އިތު ހިދުމަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފަށާނެ އެވެ. އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވެސް އަންނަނީ ވަމުންނެވެ. މީގެ ސަބަބުން ދެކުނުގެ ޓޫރިޒަމަށް ވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އައިއޭއެސް އާއި އޭއައިއޭ އިން ބުންޏެވެ.

މީގެ ކުރިން 2016 ގައި ވެސް ޓޫރިޒަމަށް ހާއްސަކޮށްގެން އައްޑު އާއި ހުވަދުއާ ދެމެދު ސީ ޕްލޭންގެ ދަތުރުތަކެއް ފެށި އެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ އެކަން ވަނީ ހުއްޓިފަ އެވެ. އަލުން އެ ހިދުމަތް ފަށާ އިރު އައިއޭއެސްގެ އެމްޑީ ވިދާޅުވީ އެ ކުންފުނިން އަންނަނީ ރާއްޖޭގެ ހިސާބުތަކުގައި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވަން އެހީވަމުން ކަމަށެވެ. އެގޮތުން އަނެއްކާ ވެސް އަލުން ރާއްޖޭގެ އެންމެ ދެކުނުގައި މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޓްކުރަން ފެށުންވެގެންދާނީ މި ސަރަހައްދުގެ ޓޫރިޒަމަށް އަންނާނެ ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

އައިއޭއޭ އަކީ ގަން އިންޓަނެޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ ކުންފުންޏެވެ،

އައްޑު އާއި ހުވަދު އަތޮޅަކީ ރިސޯޓްކާއި ގެސްޓްހައުސްތައް ވެސް ހިންގަމުން އަންނަ ދެ ސަރަހައްދެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މި ސަރަހައްދުގެ ޓޫރިޒަމަށް ވަނީ ވަރަށް ބޮޑު ހީނަރު ކަމެއް އައިސްފަ އެވެ. އެގޮތުން އައްޑޫގެ އެންމެ ދެ ރިސޯޓް މި ވަގުތު އޮތީ ވަގުތީ ބަންދުކޮށްފަ އެވެ. އެއީ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގެ އިތުރުން ކެނަރީފް ރިސޯޓެވެ.