Roadha Mihaaru
ހާލަތު ބެލި މިންގަނޑަށް ޝަކުވާ ހުށަހަޅަން ފުރުސަތެއް

ދިރިއުޅުމުގެ ހާލަތު ބެލި މިންގަނޑަށް ޝަކުވާ ހުށަހަޅަން ފުރުސަތުދީފި

30 ޑިސެމްބަރ 2020

ހިޔާ މަޝްރޫއުން ފްލެޓަށް އެދުނު މީހުންގެ ދިރިއުޅުމުގެ ހާލަތުގެ ބަޔަށް މި ސަރުކާރުގެ ފްލެޓް ކޮމިޓީން ޕޮއިންޓް ދީފައިވާ ގޮތާ މެދު ހިތްހަމަނުޖެހޭ މީހުން ޝަކުވާ ހުށަހަޅަން އެންމެ ފަހުން ފުރުސަތު ހުޅުވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާ މަޝްރޫއުން ފްލެޓަށް އެދުނު މީހުންގެ ދިރިއުޅުމުގެ ހާލަތުގެ ބަޔަށް މި ސަރުކާރުގެ ފްލެޓް ކޮމިޓީން ޕޮއިންޓް ދީފައިވާ ގޮތާ މެދު ހިތްހަމަނުޖެހޭ މީހުން ޝަކުވާ ހުށަހަޅަން އެންމެ ފަހުން ފުރުސަތު ހުޅުވާލައިފި އެވެ.

ކޮމިޓީގެ ނިންމުން ބަދަލުކޮށް މި ފުރުސަތު ދިނީ އެ މައްސަލައިގައި ޝަކުވާތައް ފުނިޖެހިފައި ވަނިކޮށެވެ.

ދިރިއުޅުމުގެ ހާލަތުގެ ބަޔަށް 30 ޕޮއިންޓް ލިބެ އެވެ. އެކަމަކު މި ޕޮއިންޓް ދިން މިންގަނޑު ފްލެޓް ކޮމިޓީން އާއްމުކުރީ ހިޔާ މަޝްރޫއުތަކުގެ އެކި ކެޓަގަރީތަކުގެ ވަގުތީ ލިސްޓު އާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވި ފަހުންނެވެ. އެއީ، އެތައް ބައެއްގެ ހައްގު ގެއްލިގެންދާނެ މައްސަލައެއް ކަމަށާއި ފްލެޓް ކޮމިޓީން އެގޮތަށް ހެދީ ވަކި ބަޔަކަށް ފައިދާ ހޯދައިދޭން ކަމުގެ ތުހުމަތާ އެކު މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.

ފްލެޓް ކޮމިޓީން ވެސް މިއަދު ބުނީ ދިރިއުޅުމުގެ ހާލަތު ބެލި މިންގަނޑު، ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވި ފަހުން އާއްމުކޮށްފައިވާތީ ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ. އެހެންވެ ޝަކުވާ އަށް ހަފުތާއެއްގެ މުއްދަތު ދީފައިވާ ކަމަށެވެ.

ދިރިއުޅުމުގެ ހާލަތު ބެލި ގޮތާ މެދު މައްސަލައެއް އޮތް ނަމަ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް https://hcp.presidency.gov.mv/ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. މިގޮތަށް ހަމަޖެއްސީ ކޮމިޓީން ބުނިގޮތުގައި ހުރިހާ އެންމެންނަށް ޝަކުވާ ހުށަހެޅުމުގެ ހަމަހަމަ ފުރުސަތު ދިނުމަށާއި އިންސާފުވެރިކަމާ އެކު ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.

"މި މުއްދަތުގެ ތެރޭގައި ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން މި ކޮމިޓީން މިފަހަރު ރިއާޔަތް ކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދެވިފައިވާ ގޮތާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކަށް އެކަނި ކަމުގައި ދަންނަވަމެވެ،" ކޮމިޓީގެ އިއުލާންގައިވެ އެވެ.

ދިރިއުޅުމުގެ ހާލަތު ބެލި މިންގަނޑު އާއްމުކުރުމުން އުފެދުނު ޝަކުވާތަކަށް ހުށަހަޅަން އަލުން ފުރުސަތެއް ދިން ނަމަވެސް ގޭގެއަށް ޒިޔާރަތްކޮށް އެ މިންގަނޑާ އެއްގޮތަށް މިހާރު ވެސް ޕޮއިންޓް ދީފައި ވާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކުގައި ކަން ކޮމިޓީން ބުންޏެވެ. ދިރިއުޅުމުގެ ހާލަތުގެ ބައިން ޕޮއިންޓު ދޭން އެކުލަވާލާފައިވާ މިންގަނޑު ކުރިން އާއްމު ނުކުރީ އެ މައުލޫމާތު ކުރިން ހާމަކޮށްފި ނަމަ އެންމެ އިންސާފުވެރިކަމާ އެކު ޕޮއިންޓް ދޭން ހުރަސް އެޅޭނެތީ ކަމަށް ވެސް ކޮމިޓީން ކުރިން ވަނީ ބުނެފަ އެވެ.

އެކި ކެޓަގަރީތަކުން ދިރިއުޅުމުގެ ހާލަތު ބެލި މިންގަނޑު އާއްމުކޮށްފައިވާއިރު އެންމެ ގިނަ ބަޔަކު ކުރިމަތިލީ އަދި އެންމެ މައްސަލަ ބޮޑުވި އެޗް7 ކެޓަގަރީގައި ދިރިއުޅުމުގެ ހާލަތު މިންގަނޑުގައި ޕޮއިންޓް ދެނީ ކޮޓަރިއެއްގައި ނިދާ މީހުންގެ އަދަދާއި ކައިވެނި ކޮށްގެން އުޅޭ ދެމަފިރިންނަށް ވަކި ކޮޓަރިއެއް ހުރިތޯ އާއި ފާޚާނާ ބޭނުންކުރާ މީހުންގެ އަދަދާއި ގޭގައި ކެއްކުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަ ގޮތާއި ފެން ލައިޓް ބޭރަށް ހުޅުވޭ ގޮތަށް ހުރިތޯ ބެލުމާއި ކާރިސާއެއް ދިމާވެއްޖެ ނަމަ ފަސޭހައިން ސަލާމަތްވާނެ ގޮތެއް ހުރިތޯ އާއި ދިރިއުޅޭ ތަނުގެ އެތެރޭގެ ފާރުތަކުގައި ރެނދުލައި ވީރާނާވެފައި ހުރިތޯ ބެލުމާއި ފެންބޮޑުވާ ގޮތަށް ހުރިތޯ އާއި ސީލިންގު ހަލާކުވެފައި ހުރިތޯ ބެލުން ފަދަ ކަންކަން ބެލުމަށް ފަހު އެވެ.

މީގެ އިތުރުން ޕޮއިންޓް ދިނުމުގައި ބަލަނީ ކައިވެނީގެ މުއްދަތަށާއި ވަޒީފާ އަދާކުރި މުއްދަތާއި ލިބޭ އާމްދަނީ އަށެވެ.

ކޮމިޓީއާ ހަވާލުވެފައި އޮތީ ހިޔާ މަޝްރޫއަށް ހުށަހެޅި ފޯމުތަކަށް، އޭރުގެ ހައުސިން މިނިސްޓްރީން ޕޮއިންޓް ދިނީ އުސޫލާ އެއްގޮތަށް ކަން ކަށަވަރު ކުރުމެވެ. ދިރިއުޅުމުގެ ހާލަތު ބައިން ފިޔަވައި އެހެން ބައިތަކަށް ޕޮއިންޓް ދިނުމުގައި ކޮމިޓީން ރިއާޔަތްކުރީ ފޯމު ހުށަހެޅި ތާރީޚާ ހަމައަށް ފޯމު ހުށަހެޅި ފަރާތުގެ ހާލަތަށާއި އެ ފޯމާ އެކު ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ކަމަށް ކޮމިޓީން ބުންޏެވެ.

ހިޔާ މަޝްރޫއުގައި ހުޅުމާލެ އިން 7،000 ފްލެޓަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 25،000 ފޯމު ހުށަހެޅި އެވެ. މީގެ ތެރެއިން ފްލެޓު ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރީގެ ސަރުކާރަށް ކުރި އެވެ. މާކްސް ދޭނެ ވަކި ކްރައިޓީރިއާއެއް އިއުލާންކޮށްފައި އޮތަސް އޭރުވެސް ބޮޑު މައްސަލައަކަށް ދިރިއުޅުމުގެ ހާލަތުގެ ބައިން ޕޮއިންޓްދިން ގޮތެވެ. ގޭގެ އަށް ނުގޮސް ދިރިއުޅޭ ހާލަތުގެ ބައިން ޕޮއިންޓް ދިން ގޮތާ މެދު ގިނަ ބަޔަކު މައްސަލަ ޖެއްސި އެވެ.