Roadha Mihaaru
ފްލެޓްތަކާ ގުޅޭ ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފި

ފްލެޓްތަކާ ގުޅޭގޮތުން ކޮމެޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

04 މާޗް 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ، ފްލެޓްތަކުގެ މައްސަލަތައް ބަލާ ކޮމެޓީއަށް އެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ، ފްލެޓްތަކުގެ މައްސަލަތައް ބަލާ ކޮމެޓީއަށް އެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

"ހިޔާ މަޝްރޫއު" އާއި "ގެދޮރުވެރިކުރުމުގެ މަޝްރޫއު"ގެ އިތުރުން "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް"ކުރިއަށް ގެންގޮސްފައިވާ ގޮތާއި އެ މަޝްރޫއުތަކުގެ ދަށުން ފްލެޓް ދޫކޮށްފައިވާ ގޮތް މުރާޖައާކޮށް، އިންސާފުވެރިކޮށް، ފްލެޓް ހައްގުވާ މީހުންނަށް ފްލެޓް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކޮމެޓީއެއް އުފައްދަވާފަ އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނިގޮތުގައި ފްލެޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ، ކޮމެޓީގެ މަސައްކަތްތައް، ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔުމުގެ މަގްސަދުގަ އެވެ.

އެގޮތުން މިއަދުން ފެށިގެން މި މަހުގެ 25ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ސިޓީ އާއި މެއިލް އަދި އެސްއެމްއެސް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ އެވެ. ޝަކުވާ ހުށަހަޅަނީ އެ ފްލެޓްތަކަށް އެދި ފޯމު ހުށަހެޅި މީހެއްގެ ހައިސިއްޔަތުން ނަމަ، އެކަން ބަޔާންކުރަން ވެސް ޖެހެ އެވެ. ޝަކުވާ ހުށަހަޅާއިރު މަޝްރޫއުގެ ނަން، ފްލެޓަށް އެދިފައިވާ ފޯމު ނަންބަރު، ފުރިހަމަ ނަން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި ދާއިމީ އެޑްރެސް ހިމަނަން ޖެހޭނެ އެވެ.

ޝަކުވާ ހުށަހަޅައި ސިޓީ އެޑްރެސްކުރާނީ ރައީސް އޮފީހަށް، "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އަށެވެ. އީ-މެއިލް ފޮނުވާނީ [email protected] އަށެވެ. އަދި އެސް.އެމް.އެސް އިން ނަމަ ފޮނުވާނީ 7761108 އަށެވެ.

"ހިޔާ" މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން، ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ކެޓަގަރީއާ ގުޅިގެން، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަދި ހުޅުވައެއް ނުލަ އެވެ. ކޮމިޓީން ބުނީ އެ ފުރުސަތު ފަހުން ހުޅުވާލާނެ ކަމަށެވެ.

ފްލެޓް ދީފައިވަނީ ހައްގުވެރިންނަށްތޯ ބެލުމުގެ މަސައްކަތް ކޮމެޓީން މިހާރު ކުރަމުން އަންނައިރު އެކަމާ ގުޅޭގޮތުން ގޮތުން ގޮތް ނިންމުމުގައި ރައްޔިތުންނަށް ވީހާ ވެސް ލުއި ފަސޭހަ ގޮތަކަށް އެކަން ކުރަން ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.