Roadha Mihaaru
އަނަސްގެ މަރުގެ ދައުވާލިބުނު ކުޑަކުއްޖާ ސަލާމަތްވެއްޖެ

އަނަސް އަށް ހަމަލާ ދިން ތަނުގައި ހުރިކަން ސާބިތުނުވާތީ އެކަކު ސަލާމަތްވެއްޖެ

03 ޖެނުއަރީ 2021

ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާލިބުނު "ކުޑަކުއްޖާ" ގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާލިބުނު "ކުޑަކުއްޖާ" ގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް އަނަސް އަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެ ހާދިސާ ހިނގިއިރު އުމުރުން 17 އަހަރުގެ ކުއްޖަކަށެވެ. އޭނާއަށް މިހާރު 20 އަހަރު ފުރިފައި ވިޔަސް، އޭނާގެ މައުލޫމާތު ޚަބަރުގައި ހިމަނާފައި ނުވަނީ ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންގެ މައުލޫމާތު ހާމަ ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ބަހަށް ބަލާއިރު، އަނަސްއަށް ހަމަލާދިނީ ކޮން ބައެއްކަން ނޭނގޭ ކަމަށް ބުނެފައި ވުމުގެ އިތުރަށް އެ ހާދިސާ ހިނގި ދުވަހު އެ ކުއްޖާ އޭނާގެ ރަހުމަތްތެރިންތަކަކާ އެކު ހުޅުމާލެ ދިއުމަށް ފަހު އެރޭ މެންދަމާ ހަމައަށް ގޭގައި ތިބި ކަމަށް އެ ކުއްޖާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ބުނެފައިވާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މީގެ އިތުރުން ވީޑިއޯ އެނަލިސިސް ރިޕޯޓުގައި، އަނަސްއަށް ހަމަލާދިން މީހަކާ އެ ކުއްޖާއާ އެއްގޮތް ސިފަތަކެއް ހުރި ކަމަށް ބުނެފައި ވިޔަސް، އެއީ އާންމު ތިން ސިފައެއް ކަމަށްވާތީ އެހެން މީހަކާ ވެސް އެ ސިފަތައް ދިމާވެދާނެ ކަމަށް އެ ރިޕޯޓް ތައްޔާރުކުރި ފަރާތުން ބުނެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެހެންވެ، އަނަސްއަށް ހަމަލާދިން މީހުންގެ ތެރޭގައި ދައުވާލިބުނު ކުއްޖާ ހުރި ކަމާ މެދު ޝައްކު އުފެދޭ ކަމަށް ހުކުމުގައި ބުނެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަނަސްގެ މަރާ ގުޅިގެން އިތުރު ހަތް މީހެއްގެ މައްޗަށް ވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރެ އެވެ. އެ މައްސަލަ އަދި ނިމުމަކާ ގާތަކަށް ނުދެ އެވެ.