Roadha Mihaaru
މަރުގެ ދައުވާލިބޭ ކުއްޖާ ގޭގައި ހުރުމުގައި ގޯހެއް ނެތް

މަރުގެ ދައުވާލިބޭ ކުއްޖާ ގޭގައި ބެހެއްޓުމުގައި ގޯހެއް ނެތް: ސުޕްރީމް ކޯޓް

04 ޖުލައި 2022

ހުޅުމާލޭގައި ކުޑަކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ދައުވާލިބޭ ކުޑަކުއްޖާ ގޭ ބަންދުގައި ބަހައްޓަން ނިންމުމުގައި ގޯހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގައި ކުޑަކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ދައުވާލިބޭ ކުޑަކުއްޖާ ގޭ ބަންދުގައި ބަހައްޓަން ނިންމުމުގައި ގޯހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު 13 އަހަރުގެ ކުޑަކުއްޖަކު ރަހީނުކުރުމަށް ފަހު ފޮއްޓަކަށް ލައިގެން ގޮސް އެއްލާލި މައްސަލާގައި ދައުވާލިބޭ ކުއްޖާ ގޭ ބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެ ކުއްޖާ ގޭ ބަންދުގައި ބަހައްޓަން ނިންމީ ކުޑަކުދިންގެ އަދުލުގެ ގާނޫނާ ޚިލާފަށް ކަމަށް ދައުލަތުން ބުނެ ކަމަށް ވިޔަސް، އެއީ އިސްތިއުނާފަށް ހުށަހެޅޭނެ ފަދަ ގާނޫނީ ސަބަބެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށެވެ. އަދި ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފް ކުރާއިރު، އެ ނިންމުމެއް އިސްތިއުނާފް މަރުހަލާއިން ބަދަލު ކުރެވޭނެ ކަމުގެ ފުރުސަތު އޮތީ ކިހާ މިންވަރަކަށް ކަން ބަލަންވާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ހުކުމުގައިވާ ގޮތުން އާންމު އުސޫލުން، ދަށު ކޯޓުތަކުގައި ސާބިތުވެފައިވާ ވާގިއާއެއް ނުވަތަ ދަށު މަރުހަލާގައި ފަނޑިޔާރުގެ އިހްތިޔާރު ބޭނުންކުރި ގޮތް އިސްތިއުނާފް މަރުހަލާއިން ބަދަލު ކުރުމަކީ ވަރަށް މަދު ހާލަތްތަކެއް ނޫނީ ނުކުރާނެ ކަމެކެވެ.

ހުކުމުގައިވަނީ ކުޑަކުއްޖާ ގޭ ބަންދަށް ބަދަލުކުރަން ނިންމުމުގައި އޮތް ގާނޫނީ ބަހުސެއް ދައުލަތަށް ބުނެ ނުދެވޭއިރު، އެކަމުގައި ފަނޑިޔާރުންގެ އިހްތިޔާރު ބޭނުންކުރި ގޮތާ މެދު އިސްތިއުނާފް މަރުހަލާއިން ގޮތެއް ނިންމަންޖެހޭ ފަދަ ހާލަތެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.

ސުޕްރީމް ކޯޓުން މިފަހަރު އެގޮތަށް ނިންމިޔަސް، އެ ކުއްޖާ މިދިޔަ އަހަރުގެ ފަހުކޮޅު ގޭ ބަންދުގައި ބެހެއްޓުމުން ސުޕްރީމް ކޯޓުން އޭރު އޮތީ އެ ނިންމުން ގޯސްކޮށް ކަމަށް ހުކުމްކޮށްފަ އެވެ. އެކަމަކު ޖުވެނައިލް ކޯޓުން އަނެއްކާވެސް ނިންމީ އެ ކުއްޖާ ގޭގައި ބެހެއްޓުމަށެވެ.