Roadha Mihaaru
ރައީސް އަބޫދާބީގެ ވަލީއަހުދާ ބައްދަލުކުރައްވައިފި

ރައީސް އަބޫދާބީގެ ވަލީއަހުދާ ބައްދަލުކުރައްވައިފި

04 ޖެނުއަރީ 2021

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަމިއްލަފުޅު ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) އަށް ވަޑައިގެން އެ ގައުމުގެ ސުޕްރީމް ކޮމާންޑަރު އޮފް ދަ އާމްޑް ފޯސަސް އަދި އަބޫދާބީގެ ވަލީ އަހުދު، ޝައިޚު މުހައްމަދު ބިން ޒާއިދު އަލް ނަހްޔާން އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަމިއްލަފުޅު ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) އަށް ވަޑައިގެން އެ ގައުމުގެ ސުޕްރީމް ކޮމާންޑަރު އޮފް ދަ އާމްޑް ފޯސަސް އަދި އަބޫދާބީގެ ވަލީ އަހުދު، ޝައިޚު މުހައްމަދު ބިން ޒާއިދު އަލް ނަހްޔާން އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އަބޫދާބީގެ ވަލީއަހުގެ ގަނޑުވަރުގައި މިއަދު ހެނދުނު ބޭއްވެވި އެ ބައްލުވުމުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ރާއްޖޭގެ ހާލަތު އަބޫދާބީގެ ވަލީ އަހުދު އޮޅުންފިލުއްވި ކަމަށާއި ރައީސް ވެސް ޔޫއޭއީގެ ހާލަތު އޮޅުންފިލުއްވި ކަމަށެވެ. ކޮވިޑް-19 ކޮންޓްރޯލްކުރަން ގައުމުތަކުން ކުރަމުން އަންނަ މަސައްކަތުގައި ޔޫއޭއީން ދައްކަމުން އަންނަ ލީޑަޝިޕަށް އެ ބައްދަލުވުމުގައި ރައީސް ތައުރީފު ކުރެއްވި އެވެ. ވަކިން ހާއްސަކޮށް އެ މަސައްކަތުގައި ޔޫއޭއީން ޓެކްނޮލޮޖީ ބޭނުންކުރާ ގޮތަށް އެމަނިކުފާނު ތައުރީފު ކުރެއްވި އެވެ.

ޔޫއޭއީގެ އެހީގައި ރާއްޖޭގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް ރައީސާއި ވަލީ އަހުދު މަޝްވަރާކުރެއްވި އެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) މެދުވެރިކޮށް ރާއްޖޭގެ މަޝްރޫއުތަކަށް އެހީތެެރިވެދޭތީ އެކަމުގެ އަގު ވަަޒަންކުރައްވާ ކަމަށް ރައީސް މިއަދު ވެސް ވިދާޅުވި އެވެ. ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުންނާއި އެއްބާރުލުން އިތުރުކުރެވޭނެ އިތުރު ދާއިރާތަކާ ބެހޭ ގޮތުން ވެސް ރައީސާއި އަބޫދާބީގެ ވަލީއަހުދު މަޝްވަރާކުރެއްވި އެވެ.

ރާއްޖޭގެ ތަރައްގީގެ މަަޝްރޫއުތަކަށް ޔޫއޭއީން އެހީވެދޭނެކަމުގެ ޔަގީންކަން އަބޫދާބީގެ ވަލީއަހުދު ތަކުރާރުކުރެއްވި އެވެ. ރައީސް އޮފީހުން ބުނިގޮތުގައި ވަކިން ހާއްސަކޮށް މަސްވެރިކަމާއި ކާނާގެ ރައްކާތެރިކަމާއި ޓްރާންސްޕޯޓް އަދި ޓޫރިޒަމް ދާއިރާއިން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވެދޭނެކަމުގެ ޔަގީން އެމަނިކުފާނު ދެއްވި އެވެ.

ޔޫއޭއީ އަކީ 1970 ގެ އަހަރުތަަކުން ފެށިގެން ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަަޝްރޫއާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ އެގައުމުން މިފަހުން އެންމެ ބޮޑަށް އެހީވި ދެމަޝްރޫއެވެ. ރާއްޖޭގެ ބަޖެޓް ސަޕޯޓަށް 50 މިލިޔަން ޑޮލަރުގެ ހިލޭއެހީއެއް ދިނުމުގެ އެމްއޯޔޫއެއްގައި ވަނީ މިދިޔަ މާޗްމަހު ސޮއިކޮށްފަ އެވެ.