Roadha Mihaaru
ރިޒޭ އަށް ސީރިއަސް އަނިޔާއެއް! މިވީ ކިހިނެއް؟

ރިޒޭ އަށް ސީރިއަސް އަނިޔާއެއް! މިވީ ކިހިނެއް؟

07 ޖެނުއަރީ 2021

މިދިޔަ ދެ ސީޒަނުގައި އެއް ފެންވަރެއްގައި ކުޅުނު މަދު ކުޅުންތެރިންގެ ތެރޭގައި އީގަލްސްގެ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ހިމެނެ އެވެ. މި ސީޒަނަށް އޭނާ ނުކުތީ ކުޅުމުގެ ފެންވަރު އިތުރު ހަރުފަތަކަށް ޖައްސާލުމުގެ އަމާޒުގަ އެވެ. އެކަމަކު ސީޒަނުގެ ވަރަށް ކުރީކޮޅު އޭނާގެ ކަކުލުގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓް (އޭސީއެލް) އެއްކޮށް ކަނޑައިގެން ގޮސް ކުޅުމާ ދުރަށް ދާން މިވަނީ ޖެހިފަ އެވެ. މިދިޔަ ހޯމަ ދުވަހު ވެލެންސިއާ އަތުން 2-0 އިން އީގަލްސް ބަލިވި މެޗުގައި ކުރިމަތިވި މި އަނިޔާއާ ގުޅިގެން އޭނާ އަށް މި ސީޒަނުގައި ދެން ނުކުޅެވިދާނެ ކަމުގެ ބިރު އެބައޮތެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިދިޔަ ދެ ސީޒަނުގައި އެއް ފެންވަރެއްގައި ކުޅުނު މަދު ކުޅުންތެރިންގެ ތެރޭގައި އީގަލްސްގެ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ހިމެނެ އެވެ. މި ސީޒަނަށް އޭނާ ނުކުތީ ކުޅުމުގެ ފެންވަރު އިތުރު ހަރުފަތަކަށް ޖައްސާލުމުގެ އަމާޒުގަ އެވެ. އެކަމަކު ސީޒަނުގެ ވަރަށް ކުރީކޮޅު އޭނާގެ ކަކުލުގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓް (އޭސީއެލް) އެއްކޮށް ކަނޑައިގެން ގޮސް ކުޅުމާ ދުރަށް ދާން މިވަނީ ޖެހިފަ އެވެ. މިދިޔަ ހޯމަ ދުވަހު ވެލެންސިއާ އަތުން 2-0 އިން އީގަލްސް ބަލިވި މެޗުގައި ކުރިމަތިވި މި އަނިޔާއާ ގުޅިގެން އޭނާ އަށް މި ސީޒަނުގައި ދެން ނުކުޅެވިދާނެ ކަމުގެ ބިރު އެބައޮތެވެ.

މިހާރު ޝެޑިއުލްކޮށްފައިވާ ގޮތުން މި ސީޒަން ނިމޭނީ ޖޫން ނުނީ ޖުލައި މަހު އެވެ. އަނިޔާއިން ރަނގަޅުވެ އެނބުރި ކުޅުމަށް އަންނަން އޭނާ އަށް މަދުވެގެން ހަ މަސް ދުވަސް ނަގާނެ އެވެ. އޭގެ މާނަ އަކީ މި ސީޒަނުގައި ދެން އޭނާ ފެނުމުގެ ފުރުސަތު ވަރަށް ކުޑަވުމެވެ. ސީޒަން ދިގުލައިގެން ގޮސްފި ނަމަ ފެނިދާނެ އެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ބަލާއިރު އޭސީއެލް އިރައިގެން ދިއުމަށް ފަހު އެނބުރި އަންނަން އެވްރެޖްކޮށް ފަސް މަސް ދުވަހާއި އަށް މަސް ދުވަހާ ދެމެދުގެ މުއްދަތެއް ނަގަ އެވެ.

ކެރިއަރުގެ ރަނގަޅު ފޯމެއްގައި ހުއްޓައި ރިޒޭ އަށް އަނިޔާވުމަކީ ދިވެހި ފުޓްބޯޅަ އަށް ވެސް ދެރައެކެވެ. އޭނާ އަކީ އީގަލްސްގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޒޭ އަށް ލިބުނު އަނިޔާގެ ހަބަރު އަޑުއެހީ ހިތާމައާ އެކު ކަމަށެވެ.

ބައްސާމް ކުރެއްވި ޓްވީޓް.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރިޒޭގެ ކަކުލުގެ އޮޕަރޭޝަން ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިދިޔަ ސީޒަނުގައި ވެސް އީގަލްސްގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ނާއިމް އާއި ހައިޝަމް ހަސަން ވަނީ ކަކުލުގެ އޮޕަރޭޝަނެއްކޮށްފަ އެވެ. އެ ދެ ކުޅުންތެރިން އެނބުރި އައިސް މި ސީޒަނުގައި އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

އަނިޔާ އިން ރިކަވާނުވަނީސް ކުޅެން އެރުވީތަ؟

ރިޒޭ މި ފަހަރުގެ ސީޒަން ހުޅުވަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ކުޅުނެވެ. ލީގު ޗެމްޕިއަން މާޒިޔާ އަތުން އީގަލްސް ފަހަތުން އަރައި 3-2 އިން މޮޅުވި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރިޒޭ ވަނީ އެއް ގޯލު ޖަހައި ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެ މެޗުގެ 80 ވަނަ މިނިޓްގައި ރިޒޭ ބަދަލުކުރީ ކޮންމެވެސް ވަރަކަށް އަނިޔާއެއްގައި އުޅޭތީ އެވެ.

ފަހުން އީގަލްސްގެ ޕްރެކްޓިސްގައި ބައިވެރިވާން ބެލިއިރު ކަކުލުގައި ރިއްސާތީ އޭނާ ޓެސްޓްތަކެއް ހެދި އެވެ. އެމްއާރްއައި އެއް ހެދިއިރު އެނގުނީ ރިޒޭގެ ކަކުލުގެ މެނިސްކަސް އަށް އަނިޔާވެފައިވާ ކަމެވެ. ރިޒޭ ރިކަވާވާން ވަގުތު ދިނުމަށް ފަހު އީގަލްސް އިން އޭނާ ނުލައި ލީގުގެ ފުރަތަމަ ދެ މެޗު ކުޅުނެވެ. ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 1-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ޓީސީ އަތްދަށުވީ 2-0 އިންނެވެ.

Rizey ge aniyaa serious, eynaa neiythan dhakkaa: Mohan

Rizey ge aniyaa serious, eynaa neiythan dhakkaa: Mohan

The most trusted news source in the Maldives

Mihaaru

ޗެރިޓީ ޝީލްޑް މެޗުގައި ރިޒޭގެ ކަކުލުގެ މެނިސްކަސް އަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް މޯހަން ވަނީ ބުނެފައި.-

ޓީސީ އަތުން ބަލިވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ރިޒޭގެ އަނިޔާ ސީރިއަސް ކަމަށާއި 10 ނޫނީ 15 ވަރަކަށް ދުވަސް ފަހުން ރިޒޭގެ އިތުރު ޓެސްޓްތަކެއް ހަދާނެ ކަމަށާއި ދަނޑަށް އެނބުރި އާދެވޭނެ ދުވަހެއް ބުނަން އެނގޭނީ އޭގެ ފަހުން ކަމަށެވެ.

އެކަމަކު މޯހަން އެހެން ބުނިތާ ފަސް ވަރަކަށް ދުވަސް ފަހުން އީގަލްސް އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި އީގަލްސްގެ ފުރަތަމަ އެގާރައިގައި ރިޒޭ ކުޅުނެވެ. އެ މެޗުގައި ރިޒޭ ވަނީ އެއްކޮށް ކުޅެ ފަހު ވަގުތު ގޯލެއް ވެސް ޖަހައިފަ އެވެ. ރިޒޭގެ އަނިޔާ އެންމެ ގޯސް ފައްތަރަކަށް މިދިޔައީ ދަ ގްރާންޑޭ މެޗު ކުޅުނުތާ އަށް ވަރަަކަށް ދުވަސް ފަހުން ވެލެންސިއާއާ ދެކޮޅަށް ކުޅެނިކޮށެވެ. ވެލެންސިއާ މެޗުގެ ފުރަތަމަ ހާފުގައި ރިޒޭ ކަކުލަށް ލިބުނު އަނިޔާއާ އެކު ވަގުތުން އަށިގަނޑަށް ލައިގެން އޭނާ ބަދަލުކުރި އެވެ.

ރިޒޭ ލައްވައި ކުޅުވަން ފެށީ އެއްކޮށް ފިޓްނުވަނީސްތޯ މޯހަން ގާތުގައި ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ އެއްގޮތަކަށް ވެސް އެހެން ނޫން ކަމަށާއި ކުޅުނީ ޑޮކްޓަރުގެ ހުއްދަ ހޯދުމަށް ފަހު ރިޒޭ ވެސް އެ ގޮތަށް ބޭނުންވާތީ ކަމަށެވެ.

"ޑޮކްޓަަރުންގެ ހުއްދަ އާ އެކީގައި ކުޅުވާފައި ހުންނާނީ. އެއްގޮތަކަށްވެސް އަޅުގަނޑު ފޯސް (މަޖުބޫރު) ކޮށްގެންނެއް ނޫން. ޑޮކްޓަރުންގެ ހުއްދަޔާ އެކީގައި ރިޒޭ ވެސް ހަމަ ބޭނުން ވެގެން ކުޅުވާފަ ހުންނާނީ. މިކަހަލަ ކަންކަމަކީ ނަސީބޭ ދަންނަވަން ޖެހޭނީ. ވަރަށް ބަދު ނަސީބުކޮށް މިދިޔައީ،" މޯހަން ބުންޏެވެ.

އެނގެން އޮތް ކަމަކީ ދަ ގްރާންޑޭ މެޗުގައި ރިޒޭ ކުޅުނީ އޭނާގެ ކަކުލަށް އެންމެ ފުރަތަމަ ލިބުނު އަނިޔާއިން އެއްކޮށް ރަނގަޅުވާން ނަގާނެ މުއްދައް ވުރެން މާ އަވަހަށް ކަމެވެ. ކަކުލަށް ލިބޭ އަނިޔާއަކީ ކިތަންމެ ކުޑަނަމަވެސް ސީރިއަސް ނަޒަރަކުން ބަލަންޖެހޭ ކަމެކެވެ. ކަކުލަށް ލިބޭ އެއް އަނިޔާއިން އެއްކޮށް ރަނގަޅު ނުވަނީސް ތަދު ކެނޑުނު ނަމަވެސް ކުޅެން ފަށައިފިނަމަ ގޯސްވުމުގެ ފުރުސަތު އޮންނާތީ ދުނިޔޭގެ ފުޓްބޯޅައިގައި ވެސް އެ ރިސްކު ނުނަގަ އެވެ. ކުޅުންތެރިޔާގެ އިހުތިޔާރަށް ވުރެން އެކަން ދޫކޮށްލަނީ މެޑިކަލީ ބަލަންޖެހޭ ކަންތައްތަކަށް އިސްކަންދީގެންނެވެ.

ކޮވިޑް-19ގެ މެދުކެނޑުމާ ހެދި ގާތްގަނޑަކަށް ނުވަ ވަރަކަށް މަހު މެޗެއް ނުކުޅެ ތިބެފައި ކުއްލިއަކަށް ފަށާއިރު އެންމެ ބޮޑަށް ވިސްނަންޖެހޭނެ އެއް ކަމަކީ ގާތްގާތުގައި މެޗުތަކެއް ޖެހޭއިރު ފިޒިކަލީ ކުޅުންތެރިންނަށް އަންނަ އެ ލޯޑު ރަނގަޅަށް މޮނިޓާކުރުމެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ތަރައްގީ ބައްރުތަކުގައި ވެސް އަމަލުކުރަމުން އައި ގޮތެވެ.

ކުޑަ އަނިޔާއެއް ބޮޑު ސީރިއަސް އަނިޔާއަކާ ހަމައަށް ދިއުމުގެ ކުރިން ކޮންޓްރޯލް ކުރެވޭނެ ގޮތެއް އޮތްނަަމަ އެ ގޮތަކަށް ކަންތައް ކުރުން ވަރަށް މުހިއްމެވެ. ރިޒޭ އަށް މިދިމާވި ހާލަތުގައި ހަގީގަތުގައި ޑޮކްޓަރުގެ ހުއްދައަކާ އެކު ރިޒޭ ބޭނުންވި ނަމަވެސް ދަނޑަށް އަނބުރާ ނެރެން ޖެހޭނީ މީގެ ބަަލަންޖެހޭ ފުރިހަމަ މިންވަރަށް ބަލައި ރިސްކުތައް ވެސް ދެނެގަނެފަ އެވެ. މޯހަންގެ ވާހަކައިގައި ފާހަގަކުރި ގޮތަށް ރިޒޭގެ އަނިޔާގައި ބަދުނަސީބުކޮށް ދިމާވިކަމަށް ބެލެވޭނެ ޖާގަ ވެސް އެބައޮތެވެ. އަނިޔާއަކީ ފުޓްބޯޅަ ކަހަލަ ފިޒިކަލް ކޮންޓެކްޓް ކުޅިވަރެއްގައި ކޮންމެ ވަގުތެއްގައި ވެސް އައިސްދާނެ ކަމެކެވެ. ބޮޑެތި އިންޖަރީން ރަނގަޅުވާން އޮޕަރޭޝަން ކުރުމަށް ފަހު އެނބުރި އައިސް އަނެއްކާ ވެސް އަނިޔާތަކުރާރުވެފައި ވެސް އެބަހުއްޓެވެ. އެކަމަކު އަނިޔާގައި ހުރެފައި އައި ކުޅުންތެރިއެއް އަމުދުން ކަކުލުގެ އަނިޔާއެއްގަައި ހުރެފައި އެއްކޮށް ރިކަވާވިކަމުގެ ފުރިހަމަ ޔަގީންކަން ނެތް ކުޅުންތެރިއަކަށް ސަމާލުވެގެން ނިންމުންތައް ނިންމަން ޖެހޭނެ އެވެ.

މި ފަހަރު ކަކުލަށް ފުރަތަމަ ލިބުނު އަނިޔާއިން އެކަށީގެންވާ މުއްދަތެއް ދިނުމަށް ފަހު ރިކަވާވެގެން އަންނަން ބެލިނަމަ އޮޕަރޭޝަނެއް ނުކޮށް ސީޒަން ފުރިހަމަކުރުމުގެ ފުރުސަތު ރިޒޭ އަށް އޮތެވެ. މިހާރު އޭސީއެލް އިރައިގެން ދިއުމުން ދެން އޮތީ އޮޕަރޭޝަނެއް ކޮށް އެ އަށް ފަހު ރަނގަޅު ރިހެބިލިޓޭޝަނެއް ފުރިހަމަކޮށް ދަނޑަށް އެނބުރި އައުމެވެ.

ރިޒޭގެ އަނިޔާއާ އެކު މިހާރު މި ދިމާވި ހާލަތުން އީގަލްސް އިން މި ސީޒަންގައި ދެން ފުރިހަމަކުރަން ޖެހިފައި މި އޮތީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ނުލަ އެވެ. މި ފަަހަރަކީ އީގަލްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގައި ކުޅެން އޮތް އަހަރެވެ. އޭނާ ނެތުމަކީ އެ ޓީމަށް ކުރިމަތިވާނެ ވަރަށް ބޮޑު ގެއްލުމެކެވެ. އަނެއްކޮޅުން އީގަލްސް ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ފަހުން އެންމެ ދަށްކޮށް ފެށީ މި އަހަރެވެ. ލީގުގައި އެ ޓީމުން މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން އަދި މޮޅެއް ލިބިފައިނުވާއިރު ވީ އެންމެ އަވަހަށް ޓީމުގެ ހާލަތު ބަދަލުކުރަން ނަތީޖާ ނެރެން ޖެހެ އެވެ.