Roadha Mihaaru
އާސެނަލާއި ޔުނައިޓެޑް ހަތަރު ވަނަ ބުރަށް

އާސެނަލާއި ޔުނައިޓެޑް ހަތަރު ވަނަ ބުރަށް

10 ޖެނުއަރީ 2021

ލަންޑަން (ޖެނުއަރީ 10) - އިނގިރޭސި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލާއި މިދިޔަ އަހަރު ސެމީ ފައިނަލްގައި ކުޅުނު މެންޗެސްޓާ ޔުނައިޓެޑް މި ފަހަރުގެ މުބާރާތުގެ ތިން ވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

ލަންޑަން (ޖެނުއަރީ 10) - އިނގިރޭސި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލާއި މިދިޔަ އަހަރު ސެމީ ފައިނަލްގައި ކުޅުނު މެންޗެސްޓާ ޔުނައިޓެޑް މި ފަހަރުގެ މުބާރާތުގެ ތިން ވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި އާސެނަލް އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރީ 2-0 އިންނެވެ. އަދި މެންޗެސްޓާ ޔުނައިޓެޑުން ވަނީ 1-0 އިން ވަޓްފޯޑް ބަލިކޮށްފަ އެވެ.

ނިއުކާސަލްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ 90 މިނިޓް ހަމަވިއިރު ދެ ޓީމު އޮތީ އެއްވަރުވެފަ އެވެ. އާސެނަލް މޮޅުވީ އިތުރު ވަގުތުގެ ދެ ހާފް ތެރޭގައި ޖެހި ގޯލުތަކާ އެކީގަ އެވެ. މެޗުގެ 90 މިނިޓް ހަމަވުމުގެ ކުރިން މޮޅުވާން އާސެނަލާއި ނިއުކާސަލް އަށް ވެސް ފުރުސަތުތަކެއް ލިބުނެވެ. ނިއުކާސަލް އިން އެންމެ ރަނގަޅު ހަމަލާތަކެއް ފޮނުވާލީ ފޯވާޑް އެންޑީ ކެރޯލް އެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފްގައި އާސެނަލުން ލީޑުނެގީ އެމީލް ސްމިތް ރޯވް ޖެހި މޮޅު ގޯލުންނެވެ. ނިއުކާސަލް އޭރިއާތެރެއިން އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ. އާސެނަލަށް ޕްރެޝަރުން އަރައިގަނެވުނީ އެ ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ޖެހި ގޯލުންނެވެ.

އެފްއޭ ކަޕްގެ ތަށި 14 ފަހަރު އުފުލާލާފައިވާ އާސެނަލް މި މުބާރާތުގެ ތިން ވަނަ ބުރުން ކެޓީ މިދިޔަ 25 އަހަރު ތެރޭ އެންމެ ފަހަރަކު އެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މެޗުތަކުން މޮޅުވާ ވަރަކަށް ކުޅުންތެރިންގެ ކޮންފިޑެންސް މަތިވަމުން އަންނަ ކަމަށާއި ބޭނުންވަނީ މި ފޯމު ދަމަހައްޓަން ކަމަށެވެ.

ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ވަޓްފޯޑާ ދެކޮޅަށް ޔުނައިޓެޑުން ނުކުތީ އާންމުކޮށް ނެރޭ ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްކޮޓްލެންޑްގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އެވެ. ވަޓްފޯޑަށް ލަނޑެއް ޖަހައިދޭން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ އެޑަމް މެސީނާ އެވެ. އޭނާ ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑީން ހެންޑަސަން ވަނީ މަތަކޮށްފަ އެވެ.

ފަހު ވަގުތު އަބްދުﷲ ޑޮކޫރޭ ޖެހި ގޯލުން އެވަޓަން އިން ވަނީ 2-1 އިން ދެ ވަނަ ޑިވިޝަނުގެ ރޮތަހަމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ޗެންކް ޓޮސުންގެ ގޯލުން އެވަޓަން ލީޑުނަގާފައިވަނިކޮށް ރޮތަހަމް އަށް އެއްވަރުކޮށްދިނީ މެތިއު އޮލަސުންޑޭ އެވެ.