Roadha Mihaaru

އާސެނަލް ކެޓި މެޗަށް ފަހު ހަވާޓްޒްގެ އާއިލާ އަށް މަރުގެ އިންޒާރު

އިނގިރޭސި އެފްއޭ ކަޕުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން އާސެނަލް ބަލިވެ މުބާރާތުން ކެޓި މެޗަށް ފަހު އާސެނަލްގެ މިޑްފީލްޑާ ކައި ހަވާޓްޒްގެ އާއިލާ އަށް މަރުގެ އިންޒާރު ދީފި އެވެ.

އާސެނަލް ކެޓުމުން ހަވާޓްޒްގެ އާއިލާއަށް މަރުގެ އިންޒާރު
ހުސެއިން ހަބީބް
ހުސެއިން ހަބީބް

14 ޖެނުއަރީ 2025

އިނގިރޭސި އެފްއޭ ކަޕުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން އާސެނަލް ބަލިވެ މުބާރާތުން ކެޓި މެޗަށް ފަހު އާސެނަލްގެ މިޑްފީލްޑާ ކައި ހަވާޓްޒްގެ އާއިލާ އަށް މަރުގެ އިންޒާރު ދީފި އެވެ.

ހަވާޒްގެ އަންހެން ސޯފިއާ ހަވާޒް، ސޯޝަލް މީޑިއާގައި އާންމު ކުރި ދެ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ އާއިލާ އަށް މިގޮތް ހައްގު ނުވާ ކަމަށެވެ.

އޭނާގެ ޕޯސްޓްގައި ވަނީ އޭނާ އަށް ކުރި ދެ މެސެޖެއްގެ ސްކްރީން ޝޯޓެކެވެ. އޭގެއިން އެއް މެސެޖްގައި ވަނީ ސޯފިއާގެ "ބަނޑުގައި އޮތް ދަރިފުޅު ކަތިލާނެ" ކަމަށް ބުނެފަ އެވެ.

ޔުނައިޓެޑް އަތުން އާސެނަލް ބަލިވީ ޕެނަލްޓީ ޝޫޓްއައުޓްގަ އެވެ. އެ މެޗުގެ ފަހުކޮޅުގައި ހަވާޓްޒަށް، އާސެނަލް މޮޅުކޮށްދޭން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު އެ ފުރުސަތު އޭނާ އަށް ބޭނުމެއް ނުކުރެވުނެވެ. އަދި ޕެނަލްޓީ ޝޫޓްއައުޓްގައި އާސެނަލް އަށް ނާކާމިޔާބު ވީ އޭނާ ޖެހި ޕެނަލްޓީ ވައްދާނުލެވުމުންނެވެ.

"މިގޮތަށް ލިޔުނު މީހަކަށް މިއީ ހަމަ އެންމެ ރަނގަޅު ކަމެކޭ ހީކުރާތީ ވެސް އަހަރެން ހައިރާން ވެއްޖެ. އަހަރެން އުއްމީދުކުރަން ކަލޭ އަމިއްލަ އަށް ވެސް ލަދު ގަންނާނެ ކަމަށް،" އިންސްޓަގްރާމްގައި ސޯފިއާ ބުނެފައި ވެ އެވެ.

"(ދަރިފުޅަށް ނިސްބަތްކޮށް އެހެން މެސްޖް ކުރީމަ) ބުނާނެ އެއްޗެއްވެސް އަހަންނަކަށް ނޭނގެ. އެކަމަކު އެންމެންނޭ ކޮންމެވެސް ވަރެއްގެ އިހްތިރާމެއް ނަމަވެސް އަދާކުރޭ. މިއަށްވުރެ ރަނގަޅު ގޮތެއް އަހަރުމެންނަށް ހައްގުވޭ."

ހަވާޓްޒްގެ އާއިލާ އަށް ކުރިމަތިވި އިންޒާރުތަކާ ގުޅިގެން ފުޓްބޯޅަ އިދާރާތަކާއި ފުލުހުން ގުޅިގެން އަންނަނީ މައްސަލަ ބަލަމުންނެވެ.