Roadha Mihaaru
ކޮވިޑް ފެތުރި، ދެއްވަދޫގެ ހާލަތު ގޯސްވަނީ!

ކޮވިޑް ފެތުރި، ދެއްވަދޫގެ ހާލަތު ގޯސްވަނީ!

10 ޖެނުއަރީ 2021

ގއ. ދެއްވަދޫން 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އެ ރަށުން ނެގި ރެންޑަމް ސާމްޕަލްތަކުން އިތުރު އަށް މީހަކު ބައްޔަށް ޕޮޒިޓިވްވެ އެ ރަށުގައި ބަލީގެ ބިރު ބޮޑުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގއ. ދެއްވަދޫން 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އެ ރަށުން ނެގި ރެންޑަމް ސާމްޕަލްތަކުން އިތުރު އަށް މީހަކު ބައްޔަށް ޕޮޒިޓިވްވެ އެ ރަށުގައި ބަލީގެ ބިރު ބޮޑުވެއްޖެ އެވެ.

ދެއްވަދޫގައި އެންމެ ފުރަތަމަ ކޮވިޑް-19އަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 24 ގައި، ހަތަރު މަހުގެ ތުއްތު ކުއްޖެކެވެ. މާލޭން ރަށަށް ދިޔަ އާއިލާއެއް ކަރަންޓީނުގައި ތިއްބާ ނެގި ސާމްޕަލުން ކުޑަކުއްޖާ ޕޮޒިޓިވްވިކަން އެނގުނަސް، ފަހުން އެ ރަށު ސިއްހީ މަރުކަޒުން ވަނީ އެއީ އޮޅުމެއް ކަމަށް ބުނެފަ އެވެ. އަދި ސާމްޕަލް ނެގެޓިވް ކަމަށް ބުނުމުން، ކަރަންޓީނުގެ ދިހަ ދުވަސް ފުރިހަމަކޮށް، އާއިލާ ވަނީ ބޭރަށް ނުކުމެފަ އެވެ.

އެކަމަކު މީހުން ތުއްތު ކުއްޖާ އުރައިގެން ވެސް ގެންގުޅުނު ފަހުން، އަނެއްކާ ވެސް ސިއްހީ މަރުކަޒުން ވަނީ ސާމްޕަލް ޕޮޒިޓިވްކަމަށް އަންގާފަ އެވެ. އެއާ އެކު، ތުއްތު ކުއްޖާ އުރި މީހުން ހޯދައި، އެ މީހުންގެ ސާމްޕަލްތައް ޓެސްޓު ކުރި އިރު އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އޭނާގެ ފަރާތުން އެ އާއިލާގެ އިތުރު ހަތް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

"ގެއިން ޕޮޒިޓިވްވީ ބޭބީ އެކަނި. އޭނާގެ މަންމައަށް ވެސް އިތުރު މީހަކަށް ވެސް ބައްޔެއް ނުޖެހޭ. އެކަމަކު ކަރަންޓީނަށް ފަހު ބޭރަށް ނުކުތުމުން އެ ކުއްޖާ އުރި މީހަކަށް ބަލި މި ޖެހުނީ،" ތުއްތު ކުއްޖާގެ އާއިލާގެ މީހަކު ބުންޏެވެ.

ތުއްތު ކުއްޖާ އުރި މީހަކު ޕޮޒިޓިވްވި އިރު، ދެން ބަލި ޖެހުނީ އެ ކުއްޖާ އުރައިގެން އުޅުމުން ބަލި ޖެހުނު މީހާގެ އާއިލާގެ މީހުންނަށެވެ. އަދި އެ މީހުންގެ ފަރާތުން އިތުރު ބަޔަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ލ. ފޮނަދުއަށް ގޮސްފައިވާއިރު އެ ރަށުގެ ހަތަރު މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.

ދެއްވަދޫގައި އާއްމުންގެ ތެރޭގައި ބަލި ފެތުރެމުންދާކަން ޔަގީންކުރުމަށް އެޗްޕީއޭ އިން ވަނީ ރެންޑަމް ސާމްޕަލް ނަގަން ފަށައިފަ އެވެ. އޭގެ ތެރެއިން ބައެއް ސާމްޕަލްތަކުގެ ނަތީޖާ މިއަދު ލިބުނު އިރު، އޭގެ ތެރެއިން އަށް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިހާރު އެ ރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 18 އަށް އެރީ އެވެ.

އެއާއެކު، 1،300 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ. ގެއިން ބޭރަށް ނުކުމެ އުޅުން މަނާ ނޫން ނަމަވެސް، މަގުތައް ގިނަ ވަގުތުތަކުގައި އޮންނަނީ ފަޅަށެވެ. ބޮޑު ޗުއްޓީއާ ދިމާކޮށް މާލޭގައި ދިރިއުޅޭ އެ ރަށުގެ ގިނަ ބަޔަކު ރަށަށް ދިޔަ ނަމަވެސް، ޗުއްޓީގެ މަޖާކަން ވަނީ، ހާލަތުގެ ގޮތުން ކެނޑިފަ އެވެ.

"މާލޭގައި ބަލި އުޅޭތީ، ރަށުން ރައްކާތެރިކަން ލިބޭނެ ކަމުގެ އުއްމީދުގައި މި އައީ. އެކަމަކު މިތަނުގައި ބަލި ފެތުރެން ފެށުމުން މާ ދެރަވެއްޖެ. މިތަނުގައި މިއުޅެނީ ހުސް ގާތް މީހުން،" ދެއްވަދޫގެ މީހަކު ބުންޏެވެ.

ކޮވިޑްގެ ބަލިމަޑުކަން އޮތުމާއެކު ދެއްވަދޫއަށް މި ވަގުތު އަރާ ފޭބުމަކީ މަނާކަމެކެވެ. އެހެންވެ، މިއަދު ބޮޑު ޗުއްޓީ ނިމި ސްކޫލުގެ ކިޔެވުން ފެށޭއިރު، ޗުއްޓީއަށް ރަށަށް ދިޔަ މީހުންނަށް އަނބުރާ މާލެ ނުވަތަ ރަށްރަށް ނުދެވުމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ.

އެޗްޕީއޭން މިހާރު ވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގެ ފަހުން ދެއްވަދޫން އެހެން ރަށްރަށަށް ފުރި މީހުން ކަރަންޓީނު ވުމަށް އަންގާފަ އެވެ. ނޮވެމްބަރު ތިނެއްގެ ފަހުން، ދެއްވަދޫން ފުރާފައިވާ މީހެއް ނަމަ ވީ އެންމެ އަވަހަކަށް އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަށް އެންގުމަށާއި ސާމްޕަލް ނަގައި ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީންގައި ތިބުމަށް ވެސް އަންގަ އެވެ.

އެ މުއްދަތުގައި ދެއްވަދޫން މާލެ އައި މީހުން ވެސް، ފްލޫ ކްލިނިކްތަކަށް ގޮސް ސާމްޕަލް ނަގައި ޓެސްޓުގެ ނަތީޖާ ޔަގީން ކުރުމަށް އެޗްޕީއޭން އެދެ އެވެ.

"ސާމްޕަލް ނަތީޖާ ނުލިބެނީސް ސްކޫލަށް، މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނިކުންނެވުމަށް ހާއްސަ ސަމާލުކަން ދެއްވުމަށް ދަންނަވަން،" އެޗްޕީއޭ އިން ބުންޏެވެ.