Roadha Mihaaru

ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއަކު ފިލައިގެން އުޅޭތީ ހޯދަނީ!

ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއަކު ފިލައިގެން އުޅޭތީ އޭނާ ހޯދަން ފޮޓޯ އާއި އެ މީހާގެ ވަނަވަރުތައް ހިމަނައިގެން ސޯޝަލް މީޑިއާގައި މިއަދު މައުލޫމާތުތަކެއް އާންމުކޮށްފި އެވެ.

ގައިންގަޔަށްއަރާ ބައްޔެއް ހުރި މީހަކު ފިލައިގެން ހޯދަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

02 ޖޫން 2025

ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއަކު ފިލައިގެން އުޅޭތީ އޭނާ ހޯދަން ފޮޓޯ އާއި އެ މީހާގެ ވަނަވަރުތައް ހިމަނައިގެން ސޯޝަލް މީޑިއާގައި މިއަދު މައުލޫމާތުތަކެއް އާންމުކޮށްފި އެވެ.

އެ ބިދޭސީމީހާ މަސައްކަތްކުރާ ފެކްޓަރީގައި އުޅޭ ދިވެއްސަކު ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައިވާ ޕޯސްޓެއްގައިވާ ގޮތުން އެއީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުޅެމުން އަންނަ ބަންގްލަދޭޝްގެ މީހެކެވެ. އުމުރުން 31 އަހަރުގެ އެ ބިދޭސީމީހާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ވިލިމާލޭގައި ހުންނަ ފެކްޓަރީއެއްގަ އެވެ.

އެ ފެކްޓަރީގެ މުވައްޒަފަކު "މިހާރު" އަށް މިއަދު ބުނީ ބިދޭސީމީހާ އެ ތަނުގެ މަސައްކަތަށް ގެނައީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކަމަށެވެ. ބިދޭސީ މީހާގެ ގައިގައި ބައްޔެއް ހުރިކަން އެނގުނީ ވިސާ އާ ކުރުމަށް މެޑިލަކް ޓެސްޓު ހެދުމުން ކަމަށް ވެސް ބުންޏެވެ.

"މެޑިކަލް ޓެސްޓު ހެދުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅާފައި ބުނީ އެ ބިދޭސީ މީހާގެ ގައިގައި ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް. ކޮން ބަޔެއް ކަމެއް ނުބުނޭ، އެކަމަކު ގައިންގަޔަށް އަރާ ބައްޔެއް ކަމަށް ބުނި،" ފެކްޓަރީގައި މަސައްކަތްކުރާ މުވައްޒަފު ބުންޏެވެ.

އެކަން އެނގުމުން އެ ކުންފުނިން ބިދޭސީ މީހާ ބޭސްފަރުވާ ކުރުމަށް ގައުމަށް ފުރުވާލަން ނިންމި އެވެ. އަދި މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާން ވިލިމާލޭގެ ފެރީ އަށް އެރި ކަމަށް ވެސް "މިހާރު" އާ މައުލޫމާތު ހިއްސާކުރި މުވައްޒަފު ބުންޏެވެ.

ނަމަވެސް އޭގެ ފަހުން އެޗްޕީއޭ އިން ގުޅައި ބިދޭސީ މީހާ ރާއްޖެއިން ބޭރު ނުވާ ކަމަށް ބުނި ކަމަށާއި އެހެންވެ އެ މީހާ ހޯދުމުގެ މަސައްކަތް، އެ ދުވަހުން ފެށިގެން ކުރަމުން އަންނަ ކަމަށް ވެސް ފެކްޓަރީގެ މުވައްޒަފު ބުންޏެވެ.

"ގައިންގަޔަށް އަރާ ބައްޔެއް ހުރުމުން އާންމުންގެ ރައްކާތެރި ކަމަށް މިކަން [ސޯޝަލް މީޑިއާގައި] ހިއްސާކުރީ،" އޭނާ ބުންޏެވެ.

މި މައްސަލާގައި އެޗްޕީއޭ އިން ބުނީ ބަލި މީހުންގެ ޒާތީ މައުލޫމާތުތަކަކީ ސިއްރެއް ކަމަށާއި އޭގެ ތެރޭގައި ގައިންގަޔަށް އަރާ ބަލިތައް ހުންނަ މީހުން ވެސް ހިމެނޭނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ، މިފަދަ މައްސަލައެއް އެ އިދާރާއާ ހަމައަށް އަދި ލިބިފައި ނެތް ކަމަށެވެ.

ބިދޭސީ މީހާގެ މައްސަލަ ފުލުހަށް ހުށަ ނޭޅި ނަމަވެސް އޭނައާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ 7478833 އަށް ގުޅުމަށް ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓުގައި ވެ އެވެ.