Roadha Mihaaru
ކޭސްތައް އިތުރުވަނީ މުވައްޒަފުން ގައިގޯޅިކޮށް އުޅޭތީ

ރިސޯޓުތަކުގައި ކޭސްތައް އިތުރުވަނީ މުވައްޒަފުން ގައިގޯޅިކޮށް އުޅޭތީ: ޑރ. މައުސޫމް

14 ޖެނުއަރީ 2021

ރިސޯޓުތަކުގެ މުވައްޒަފުންގެ ތެރޭގައި ކޮވިޑް-19ގެ ކޭސްތައް މި ދުވަސްވަރު އިތުރުވަނީ އެކަކުއަނެކަކާ މާ ގައިގޯޅިކޮށް އުޅޭތީ ކަމަށް ލަފާކުރެއްވޭ ކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރިސޯޓުތަކުގެ މުވައްޒަފުންގެ ތެރޭގައި ކޮވިޑް-19ގެ ކޭސްތައް މި ދުވަސްވަރު އިތުރުވަނީ އެކަކުއަނެކަކާ މާ ގައިގޯޅިކޮށް އުޅޭތީ ކަމަށް ލަފާކުރެއްވޭ ކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ ކޭސްތައް ފެންނަ ރިސޯޓްތައް އިތުރުވާ ނަމަ މިހާރު އަމަލްކުރާ ގައިޑްލައިނަށް ވެސް ބަދަލުތައް ގެންނަން ޖެހޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް ބަލާއިރު ކޮވިޑް ކޭސްތައް ފެންނަ އަދަދު މަދު ނަމަވެސް އެއް ކްލަސްޓާއެއްގެ ކޭސްތައް އިތުރުވަނީ ކަނޑައަޅާފައިވާ ގައިޑްލައިނަށް ފުރިހަމައަށް އަމަލުނުކުރެވޭތީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19އަކީ އަލާމާތެއް ނުފެނި ވެސް ފެތުރޭ ބައްޔަކަށް ވާތީ ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހޭ އެވެ. އެހެންކަމުން މުވައްޒަފުންނާއި މެނޭޖްމަންޓާއި ޓޫރިސްޓުން ވެސް އެކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު ނެގެޓިވް ޕީސީއާރު ޓެސްޓެއް ހިފައިގެން ޓޫރިސްޓުންނާއި ދިވެހިން ރިސޯޓަށް ދިޔަސް އެމީހެއްގެ ގައިގައި ވައިރަސް ނެތް ކަމަށް ނިންމައިގެން ނުވާނެ. އަބަދުވެސް ތިބެން ޖެހޭނީ ބަލި ޖެހިދާނެ ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން،" ޑރ. މައުސޫމް ވިދާޅުވި އެވެ.

"އެކަމަކު ބައެއް ފަހަރު މުވައްޒަފުންނަށް މިއުޅެވެނީ މާ ގައިގޯޅިކޮށް."

ރިސޯޓުތަކުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ގައިޑްލައިނެއް އެކުލަވާލައިފަ އެވެ. ނަމަވެސް މި ގައިޑްލައިންތަކަށް ބައެއް ރިސޯޓުތަކުން އަމަލުނުކުރާ ކަމުގެ ޝަކުވާ އެބަ އޮތެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓުތަކުން ވެސް މިހާރަށް ވުރެ ބޮޑަށް އެ ގައިޑްލައިނަށް އަމަލުކުރަން ޖެހޭ ކަމަށެވެ.

"ގައިޑްލައިނެއް އޮންނަނީ އަމަލުކުރަން. އަޅުގަނޑުމެން މިހާތަނަށް ބެލި ރިސޯޓުތަކުގައި ގައިޑްލައިނަށް އަމަލު ކުރޭ. އެކަމަކު އަމިއްލަ ފަރުދީ ޒިންމާ އަދާނުކުރެވޭތީ ކްލަސްޓާގެ ކޭސްތައް އިތުރުވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިއްޔެ އެކަނި ވެސް ރިސޯޓުތަކުން 33 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފަ އެވެ. މީގެ ތެރޭގައި ގިނައީ ރިސޯޓު މުވައްޒަފުންނެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންގެ ނިސްބަތުން ޕޮޒިޓިވްވާ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށެވެ.

ގިނަ ރިސޯޓްތަކުގެ މުވައްޒަފުން ތިބޭ ތަންތަން ހުންނަ ގޮތުން ގިނަ އަދަދެއްގެ ބަޔަކު އެއްތަނަކަށް ޖަމާވާން ޖެހޭ ފަދަ ގައިގޯޅިކަން ބޮޑު މާހައުލުތައް އުފެދެ އެވެ. އެކަމަކު ކޮވިޑުން ރައްކާތެރިވާން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ހިންގާ ރިސޯޓްތައް ވެސް މަދެއް ނޫނެވެ.