Roadha Mihaaru
ރާއްޖެއަކީ އެމެރިކާގައި މަގުބޫލްކަމުގެ ގޮތުން ތިނެއް

ރާއްޖެއަކީ އެމެރިކާގައި ތިން ވަނައަށް އެންމެ މަގްބޫލް މަންޒިލް

16 ޖެނުއަރީ 2021

އެމެރިކާގައި ތިން ވަނައަށް އެންމެ މަގްބޫލް މަންޒިލަކީ ރާއްޖެ ކަމަށް، ސާވޭއަކުން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމެރިކާގައި ތިން ވަނައަށް އެންމެ މަގްބޫލް މަންޒިލަކީ ރާއްޖެ ކަމަށް، ސާވޭއަކުން ދައްކައިފި އެވެ.

އޮންލައިން މާކެޓިން އޭޖެންސީއެއް ކަމަށްވާ "ކޯލާ" އިން ހެދި ސާވޭއިން ދައްކާ ގޮތުގައި އެމެރިކާގެ ދަށުގައި އޮންނަ ޕޯޓޯ ރީކޯ އާއި އެމެރިކާގެ އަވަށްޓެރި މެކްސިކޯ ނަގާފައި މިދިޔަ ހަ މަސް ދުވަހު އެންމެ ގިނައިން އެމެރިކާ މީހުން ގޫގުލް ސާޗުކޮށްފައިވަނީ ރާއްޖެ އެވެ.

ޕޯޓޯ ރިކޯގެ މައުލޫމާތު ހޯދަން 800،000 އަށް ވުރެ ގިނަ މީހުން ގޫގުލް ބޭނުންކުރި އިރު މެކްސިކޯގެ މައުލޫމާތު ހޯދަން 400،000 އަށް ވުރެ ގިނަ މީހުން ގޫގްލް ސާޗަށް ވަދެފައިވެ އެވެ. އެމެރިކާއާ އެތައް ހާސް ކިލޯމީޓަރެއްގެ ދުރުގައި އޮތް ރާއްޖެއާ ބެހޭ މައުލޫމާތު 300،000 އަށް ވުރެ ގިނަ މީހުން ހޯދި އެވެ.

ޖަޕާނާއި ޖެމެއިކާ އާއި ގްރީސް އާއި ކޮސްޓަރީކާ އަދި ބަހާމަސް ފަދަ ގައުމުތައް ދަނީ ރާއްޖެއަށް ވުރެ ފަހަތަށެވެ.

މިދިޔަ އަހަރު ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި ރާއްޖެ އޮތް އިރު ވެސް އެމެރިކާ އިން 19،000 ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަ އެވެ. މިދިއަ ދެ ހަފުތާގައި 800 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އެމެރިކާ ހިމެނެނީ ކޮވިޑަށް ފަހު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް މަންޒިލްގެ ގޮތުގަ އެވެ.

އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހި މިހާތަނަށް އެއް ގައުމަކުން އެންމެ ގިނަ މީހުން މަރުވީ ވެސް އެމެރިކާގަ އެވެ. އަދިވެސް ކޮންޓްރޯލް ނުވެ ބަލި ފެތުރުން އޮތީ މަތީ މިންވަރެއްގަ އެވެ. އެހެންކަމުން ކޮވިޑުން ސަލާމަތްވެ އެ ގައުމު އާންމު ހާލަތަށް ދިއުމުން އެމެރިކާ އިން ރާއްޖެ އަންނަ ޓޫރިސްޓުން ވެސް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ލަފާކުރެ އެވެ.