Roadha Mihaaru
ސެމްސަންގުގެ އާ ޗެއާމަން ދެ އަހަރަށް ޖަލަށް

ސެމްސަންގުގެ އާ ޗެއާމަން ދެ އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

18 ޖެނުއަރީ 2021

ރިޝްވަތާއި ކޮރަޕްޝަނުގެ ކުށް ސާބިތުވެ، ދެކުނު ކޮރެއާގެ މަޝްހޫރު ފޯނު ކުންފުނި ސެމްސަންގުގެ މިހާރުގެ ޗެއާމަން ލީ ޖޭ ޔޮންގް ދެ އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލާން އެ ގައުމުގެ މަތީ ކޯޓުން ހުކުމްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިޝްވަތާއި ކޮރަޕްޝަނުގެ ކުށް ސާބިތުވެ، ދެކުނު ކޮރެއާގެ މަޝްހޫރު ފޯނު ކުންފުނި ސެމްސަންގުގެ މިހާރުގެ ޗެއާމަން ލީ ޖޭ ޔޮންގް ދެ އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލާން އެ ގައުމުގެ މަތީ ކޯޓުން ހުކުމްކޮށްފި އެވެ.

އުމުރުން 52 އަހަރުގެ ލީ ސެމްސަންގެ ކުންފުނީގެ ޗެއާމަންގެ މަގާމަށް ވަޑައިގަތީ އޭނާގެ ބައްޕަ ލީ ކުން-ހީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހާޓްއެޓޭކެއްގައި އަވަހާރަވުމާ ގުޅިގެންނެވެ. ޗެއާމަންގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ޔޮންގް 2014 އިން ފެށިގެން ހުންނެެވީ ސެމްސަންގެ ޑި ފެކްޓާ ހެޑްގެ މަގާމުގަ އެވެ.

ކުންފުނީގެ ޗެއާމަންގެ މަގާމަށް އޭނާ ވަޑައިގަތް އިރު އިރު ވެސް ޔޮންގް އަކީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި ޖަލުގައި ވެސް ދުވަސްތަކެއް ހޭދަކޮށްފައިވާ މީހެކެވެ.

ޔޮންގަކީ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގިއުން-ހީ އަށް ރިޝްވަތުގެ ދިނުމުގެ މައްސަލަ އާއި 2008 ގައި ޓެކްހަށް މަކަރު ހެދުން ފަދަ މައްސަލަތަކުގައި ދައުވާތަކާ ކުރިމަތިލާން ޖެހުނު މީހެކެވެ. އެގޮތުން ރިޝްވަތު ދިން މައްސަލަ ސާބިތުވެ އެންމެ ފުރަތަމަ އޭނާ ޖަލަށް ލީ 2017 ގަ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ވަރުގަދަ ޓެކް ކުންފުނީގެ ތެރޭގައި ގުނާލެވޭ ސެމްސަންގުގެ އެންމެ އިސްވެރިޔާގެ މަގާމަށް ވަޑައިގަތްތާ އެންމެ ތިން މަހެއްހާ ދުވަސް ފަހުން ޔޮންގް ޖަލު ހުކުމަކާ އަލުން ކުރިމަތިލާން ޖެހުމަކީ ކުންފުނީގެ ކުރިމަގާއި އޭނާގެ ކެރިއަރާ މެދު ވެސް ބޮޑެތި ސުވާލުތަކެއް އުފެދިގެން ދާނެ ކަމެކެވެ.

ޔޮންގް އަކީ ކުރީގެ ޗެއާމަން ލީގެ ހަމައެކަނި ފިރިހެން ދަރިފުޅު އަދި ދޮށީ ދަރިފުޅު ވެސް މެ އެވެ. އޭނާގެ މިލްކިއްޔާތު 10.1 ބިލިއަން ޑޮލަރަށް އަރަ އެވެ.