Roadha Mihaaru
ޔުވެންޓަސް އިން ސުޕަަ ކަޕް ކާމިޔާބުކޮށްފި

ރޮނާލްޑޯގެ ލަނޑާ އެކު ޔުވެންޓަސް އިން ސުޕަަ ކަޕް ކާމިޔާބުކޮށްފި

21 ޖެނުއަރީ 2021

ރެޖިއޯ، އިޓަލީ (ޖެނުއަރީ 21) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑާ އެކު 2-0 އިން ނަޕޯލީ ބަލިކޮށް ޔުވެންޓަސް އިން ރޭ އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.

ރެޖިއޯ، އިޓަލީ (ޖެނުއަރީ 21) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑާ އެކު 2-0 އިން ނަޕޯލީ ބަލިކޮށް ޔުވެންޓަސް އިން ރޭ އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.

މެޗުގެ 64 ވަނަ މިނިޓްގައި ރޮނާލްޑޯ ޔުވެންޓަސް އަށް ލީޑުނަގައިދިންއިރު މިއީ އޭނާ ކެރިއަރުގައި ޖެހި 760 ވަނަ ގޯލެވެ. ނަޕޯލީގެ ފަރާތުން ވެސް ވަރުގަދަ ކުޅުމެއް ފެނުނު މި މެޗުގައި ނަތީޖާ ހަމަހަމަކުރަން އެ ޓީމަށް ލިބުނު ޕެނަލްޓީ ކެޕްޓަން ލޮރެންޒޯ އިންސީނިއޭ އަށް ކާމިޔާބެއް ނުކުރެވުނެވެ. ޔުވެންޓަސްގެ ދެ ވަނަ ގޯލު ކާމިޔާބުކުރީ ހުއާން ކުއަޑްރާޑޯ ދިން ބޯޅައަކުން އަލްވާރޯ މޮރާޓާ އެވެ.

މި ނަތީޖާއާ އެކު ޔުވެންޓަސް އިން ވަނީ އެ ޓީމުގެ އާ ކޯޗު އަންދްރެއާ ޕިރްލޯއާ އެކު ފުރަތަމަ ތަށި އުފުލާލައިފަ އެވެ. މިއީ ޔުވެންޓަސް ތާރީހުގައި އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ނުވަ ވަނަ ފަހަރެވެ.

ޔުވެންޓަސްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔުވެންޓަސްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

"ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ލިބުނު. ކޯޗެއްގެ ގޮތުގައި މި ތަށްޓަކީ ފެށުމެއްގެ ގޮތުގައި ދެކެން،" ރޭގެ މެޗަށް ފަހު އިޓަލީ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ޕިރްލޯ ބުންޏެވެ.

ރޮނާލްޑޯ ރޭގެ މެޗުގައި ޖެހި ގޯލާ އެކު ރަސްމީކޮށް މިހާތަނަށް ފެންނަން އޮތް ތަފާސްހިސާބުތަކަަށް ބަލާއިރު ފުޓްބޯޅައިގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ރޮނާލްޑޯ އެވެ. ފުޓްބޯޅަ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހިކަމަށް އެކި ލިޔެކިޔުންތަކުން ފެންނަން އޮތް ކުޅުންތެރިއަކީ ޗެކް ރިޕަބްލިކްގެ ކުރީގެ ކުޅުންތެރިޔާ ޔޯސެފް ބިކޭން އެވެ. އޭނާ ޖެހި ގޯލުގެ އަދަދު 805 އަށް އަރާކަމަށްވެ އެވެ. އެކަމަކު އޭގެ ތެރެއިން 27 ގޯލަކީ އޭނާ ރެޕިޑް ވިއޭނާ ރިޒާވް ޓީމަށް ޖެހި ގޯލުތަކެއް ކަމަށްވާތީ އެ ގުނަން ނުޖެހޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެ ގޮތަށް ބަލާނަމަ ފުޓްބޯޅައިގައި މި ވަގުތު އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިއަކީ ރޮނާލްޑޯ ކަމަށް ބުނެ މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

ބްރެޒިލްގެ ފުޓްބޯޅަ ތަޖުރިބާކާރުން ބުނާގޮތުގައި ފުޓްބޯޅަ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހީ ބްރެޒިލްގެ ލެޖެންޑް ޕެލޭ އެވެ. އެކަމަކު މިހާތަނަށް އެއްވެސް ރަސްމީ ލިޔެކިޔުންތަކަކުން އޭގެ ސައްހަކަން ކަށަވަރުކޮށްދެވިފައިނުވެ އެވެ.