Roadha Mihaaru
އަނިޔާގެ ސަބަބުން ޑިބްރޭނާ އަށް 10 މެޗު ގެއްލިދާނެ

އަނިޔާގެ ސަބަބުން ޑިބްރޭނާ އަށް 10 މެޗު ގެއްލިދާނެ

22 ޖެނުއަރީ 2021

މެންޗެސްޓާ (ޖެނުއަރީ 22) - މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އަށް އަނިޔާގެ ސަބަބުން 10 މެޗު ގެއްލިދާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މެންޗެސްޓާ (ޖެނުއަރީ 22) - މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އަށް އަނިޔާގެ ސަބަބުން 10 މެޗު ގެއްލިދާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ސިޓީން 2-0 އިން އެސްޓަން ވިލާ ބަލިކުރި މެޗުގައި ޑިބްރޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ބަދަލުކުރި އެވެ. ޑިބްރޭނާގެ އަނިޔާގެ އިތުރު ތަފްސީލް ހޯދަން އިއްޔެ ކުރި ޓެސްޓްތަކުން އެނގުނީ ހީކުރި ވަރަށް ވުރެ ހާލަތު ގޯސްކަމެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޑޮކްޓަރުން ބުނާގޮތުގައި ޑިބްރޭނާ އަށް ގިނަވެގެން ހަ ހަފްތާ ވަރު ގެއްލޭނެ ކަމަށެވެ. އަދި އެންމެ އަަވަހަށް ވެސް އުމުރުން 29 އަހަރުގެ ޑިބްރޭނާ އަށް ކުޅުމަށް އެނބުރި އާދެވޭނީ ހަތަރު ހަފްތާތެރޭގައި ކަމަށް ސިޓީން ބުނެ އެވެ.

މި ވަގުތު ރަނގަޅު ފޯމެއްގައި ސިޓީ އޮއްވައި ޑިބްރޭނާ އަށް އަނިޔާވުމަކީ އެ ޓީމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. ސިޓީން ފަހަކަށް އައިސް ނެރުނު ނަތީޖާތަކުގެ ފަހަތުގައި ޑިބްރޭނާގެ މުހިއްމު ދައުރެއް އެބައޮތެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭއިރު ސިޓީން އެންމެ އަވަހަށް ކުޅޭ 10 މެޗުގައި ވެސް ޑިބްރޭނާ ފެނުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

ކުރިން ޗެލްސީ އަށް ކުޅުނު ޑިބްރޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 23 މެޗުގައި ތިން ގޯލު ޖަހައި 15 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޑިބްރޭނާ އަށް ގެއްލޭ މުހިއްމު މެޗުތަކުގެ ތެރޭގައި ޕްރިމިއާ ލީގުގައި އަންނަ މަހު ހަތް ވަނަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ހިމެނެ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ނޮކައުޓު ބުރުގެ ފުރަތަމަ މެޗުގައި ވެސް ޑިބްރޭނާ އަށް ކުޅެވުމާ މެދު ޝައްކެވެ. އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި ވެސް ޑިބްރޭނާ އަށް ސިޓީގެ މުހިއްމު ގިނަ މެޗުތަކެއް ގެއްލުނެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ބައްދަލުވެފައިވާތީ އެކަހެރި ކޮށްފައި ހުރި ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އައިސޮލޭޝަނުން ދޫކޮށްލުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ ސިޓީ ދެން ކުޅޭ މެޗުތަކުގައި އަގުއޭރޯ ވެސް ނުފެންނާނެ އެވެ.

ލެސްޓާ ސިޓީގެ އިނގިރޭސި ފޯވާޑް ޖޭމީ ވާޑީ ވެސް ކުރިއަށް ހުރި މެޗުތަކުގައި ނުފެންނާނެ އެވެ. ލެސްޓާ އިން ބުނީ ވާޑީގެ ހާނިއާ އޮޕަރޭޝަނެއް ވަރަށް އަވަހަށް ކުރާނެ ކަމަށެވެ. ބެލެވޭ ގޮތުގައި ތިން ހަފްތާއެއްހާ ދުވަހު ވާޑީ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.