Roadha Mihaaru
އާސެނަލް ކެޓިއިރު، ފަހު ވަގުތު ސިޓީ މޮޅުވެއްޖެ

އާސެނަލް ކެޓިއިރު، ފަހު ވަގުތު ސިޓީ މޮޅުވެއްޖެ

24 ޖެނުއަރީ 2021

ލަންޑަން (ޖެނުއަރީ 24) - އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ރޭ ސައުތެމްޓަން އަތުން 1-0 އިން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް މުބާރާތުން ކެޓިއިރު، ހަތަރު ވަނަ ޑިވިޝަންގެ ޗެލްޓްނަމް ޓައުން އަތުން ފަހު ވަގުތު 3-1 އިން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.

ލަންޑަން (ޖެނުއަރީ 24) - އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ރޭ ސައުތެމްޓަން އަތުން 1-0 އިން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް މުބާރާތުން ކެޓިއިރު، ހަތަރު ވަނަ ޑިވިޝަންގެ ޗެލްޓްނަމް ޓައުން އަތުން ފަހު ވަގުތު 3-1 އިން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.

ސައުތެމްޓަން ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަަމައެކަނި ގޯލަކީ މެޗުގެ 24 ވަނަ މިނިޓްގައި އާސެނަލްގެ ބްރެޒިލް ޑިފެންޑަރު ގަބްރިއެލް މަގަޅާއެސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސައުތެމްޓަންގެ ކައިލް ވޯކާ-ޕީޓާސް ނަގައިދިން ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ގަބްރިއެލް ފައިގައި ޖެހިފައި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

އާސެނަލަށް އެއްވަރުކޮށްދޭން ދެ ވަނަ ހާފްގައި ޒުވާން ފޯވާޑް އެޑީ އެންކެޓިއޭ ފޮނުވާލި ބޯޅަ ސައުތެމްޓަންގެ ކީޕަރު ފްރޭޒާ ފޮސްޓާ ވަނީ މަތަކޮށްފަ އެވެ. މިއީ އެންމެ ފަހުން އާސެނަލް ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ. ފަސް ވަަނަ ބުރުގައި ސައުތެމްޓަން ކުޅޭނީ ވުލްވްސްއާ ދެކޮޅަށެވެ.

ގިނަ ބަަދަލުތަކާ އެކު ރޭގެ މެޗަށް ނުކުތް ސިޓީ ޓީމުން ފުރަތަމަ ހާފުގައި ލަނޑުޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 13 މިނިޓް ތެރޭ ޗެލްޓްނަމް އިން ވަނީ ލީޑުނަގައި ސިޓީ ހާސްކޮށްލައިފަ އެވެ. މެޗުގެ 58 ވަނަ މިނިޓްގައި ޗެލްޓްނަމްގެ ދިގު އެއްލުމަކުން އޭރިއާތެރެއިން ލިބުނު ބޯޅަ އަލްފީ މޭ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ޗެލްޓްނަމް އިން ލީޑުނެގުމާ އެކު ސިޓީން ވަނީ ތިން ބަދަލެއްކޮށްފަ އެވެ. ރުބެން ޑިއާސް، އިލްކާއި ގުންޑޮގާން އަދި ޔާއޯ ކަންސެލޯ ވަނީ ކުޅެން އަރުވައިފަ އެވެ. ސިޓީން ލަނޑު ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ނުވަ މިނިޓަށް ވެފައި ހުއްޓަ އެވެ. ކަންސޭލޯ ނަގައިދިން ހުރަހަކުން މެޗުގެ 81 ވަނަ މިނިޓްގައި ސިޓީ އަށް އެއްވަރުކޮށްދިނީ ފިލް ފޯޑެން އެވެ. އޭގެ ތިން މިނިޓްް ފަހުން ފެނާންޑީނިއޯ ހުސްކޮށްލާފައި ދިން ބޯޅައަކުން ގަބްރިއެލް ޖީސޫސް ވަނީ ސިޓީ އަށް ލީޑުނަގައިދީފަ އެވެ. އިތުރު ވަގުތުގައި ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ސިޓީގެ ފަހު ގޯލު ޖެހީ ފެރާން ޓޮރޭޒް އެވެ.

ސިޓީން ފަސް ވަނަ ބުރުގައި ނުކުންނާނީ ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 5-1 އިން މޮޅުވި ސްވަންސީ ސިޓީއާ ދެކޮޅަށެވެ. ރޭ ވެސްޓް ހޭމް އިން 4-0 އިން ޑޮންކާސްޓާ ރޯވާސް ބަލިކުރިއިރު، ބްލެކްޕޫލް އަތުން ބްރައިޓަން މޮލުވީ 2-1 އިންނެވެ.