Roadha Mihaaru
އޭސީސީއަށް ނާކާމިޔާބު: މުވައްޒަފު ވަކިކުރީ ގޯސްކޮށް

އޭސީސީގެ ވައިބާ ގްރޫޕެއްގައި ދެއްކި ވާހަކައަކުން ވަޒީފާ ގެއްލުނު މީހަކަށް އަލުން ވަޒީފާ ދޭން އަމުރުކޮށްފި

26 ޖެނުއަރީ 2021

އެންޓި ކޮރަޕްޝަން ކޮޮމިޝަން (އޭސީސީ)ގެ ވަޒީފާއަކަށް ކަނޑައެޅި ޝަރުތުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ކޮމިޝަންގެ ވައިބާ ގްރޫޕެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ވަޒީފާއިން ވަކިކުރި އެ ކޮމިޝަންގެ މުވައްޒަފަކަށް އަލުން ވަޒީފާދޭން ހައި ކޯޓުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެންޓި ކޮރަޕްޝަން ކޮޮމިޝަން (އޭސީސީ)ގެ ވަޒީފާއަކަށް ކަނޑައެޅި ޝަރުތުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ކޮމިޝަންގެ ވައިބާ ގްރޫޕެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ވަޒީފާއިން ވަކިކުރި އެ ކޮމިޝަންގެ މުވައްޒަފަކަށް އަލުން ވަޒީފާދޭން ހައި ކޯޓުން އަމުރުކޮށްފި އެވެ.

އޭސީސީގައި 11 އަހަރު މަސައްކަތްކުރި އެ މުވައްޒަފު ޑިސެމްބަރު، 2017 ގައި ވަޒީފާއިން ވަކިކުރީ އެ ކޮމިޝަނަށް އިންވެސްޓިގޭޝަން އޮފިސަރަކު ހޯދަން ކުރި އިއުލާނެއްގައި އެ މަގާމުގެ ޝަރުތުތައް ކަނޑައަޅާފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން ކޮމިޝަންގެ މުވައްޒަފުންތަކެއް، މުވައްޒަފުންގެ ވައިބާ ގްރޫޕެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

އެ މީހާ އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ޓްރައިބިއުނަލުން ނިންމީ ވަޒީފާ އަނބުރާ ނުދެވޭނެ ކަމަށެވެ. އެކަމަކު ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އިއްޔެ އިއްވި ހުކުމުގައި ބުނީ ވައިބާ ގްރޫޕްގައި ދެއްކި ވާހަކަތަކުގެ ޗެޓް ލޮގްތަކަށް ބަލާއިރު، އެއީ ކޮމިޝަންގެ އަގު ވެއްޓޭ ފަދަ ވާހަކަތަކެއް ކަމަށް އޭސީސީއަށް ބުނެދެވިފައި ނެތް ކަމަށެވެ. އަދި އެކަންބޮޑުވުންތައް އެ ގްރޫޕްގައި ފާޅުކުރީ އޭނާ އެކަނި ނޫންކަން ވެެސް ޗެޓް ލޮގްތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ އެ މީހާ ފާޅުކުރީ ހަގީގީ ކަންބޮޑުވުންތަކެއް ކަން ދެނެގަތުމަށްޓަކައި އޭސީސީގެ ވަޒީފާއާ ބެހޭ އިއުލާނާއި އޭސީސީއަށް މުވައްޒަފުން ހޯދުމުގައި އަމަލުކުރާ އުސޫލު ބެލުމުގެ ފުރުސަތު ޓްރައިބިއުނަލާއި ހައި ކޯޓަށް ވެސް ލިބިފައި ނެތް ކަމަށެވެ. އެހެންކަމުން އޭނާގެ ކަންބޮޑުވުންތަކަކީ ހަގީގަތެއް ނަމަ، އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އެޅިގެން ނުވާނެ ކަމަށް ހުކުމުގައިވެ އެވެ. އަދި އެއީ މަސައްކަތުގެ އަޚުލާގުގެ ބައިން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ އަދި ކުރިން އެއްވެސް ފިޔަވަޅެއް އަޅާފައިވާ މުވައްޒަފެއް ވެެސް ނޫންކަން ވެސް، ހުކުމުގައި ފާހަގަކުރި އެވެ.

އޭސީސީން ބުނާ ގޮތުގައި ވައިބާ ގްރޫޕްގައި ދެއްކި ވާހަކަތަކާ ގުޅިގެން އެ މުވައްޒަފުގެ މައްސަލަ ބެލިއިރު ދިފާއުގައި ވާހަކަދެއްކީ ކޮމިޝަންގެ މެމްބަރުންނާއި ސެކެޓްރީ ޖެނެރަލަށް އިހްތިރާމް ކުޑަވާ ގޮތަށެވެ. އެކަމަކު ހައި ކޯޓުގެ ހުކުމުގައި ބުނީ ތުހުމަތެއްގެ ދިފާއުގައި މުވައްޒަފަކު ދައްކާ ވާހަކައަކީ އިހްތިރާމްކުޑަވާ ގޮތަށް ވާހަކަ ދެއްކުން ކަމަށް ބަލަން ވެއްޖެ، އަދާލަތުގެ އަސާސީ ހަމައެއް ކަމަށްވާ ޖަވާބުދާރީވާން ފުރުސަތު ލިބުމުގެ ހައްގު ވެސް ގެއްލިގެންދާނެ ކަމަށެވެ. އަދި އެ މުވައްޒަފު އިހްތިރާމް ކުޑަވާ ގޮތަށް ދެއްކީ ކޮން ވާހަކައެއް ކަން ކޮމިޝަނަށް ބުނެދެވިފައި ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނި ގޮތުގައި ވައިބާ ގްރޫޕްގައި އެ މުވައްޒަފު ދެއްކި ވާހަކައަކީ ވަޒީފާއިން ވަކިކުރަން އެކަށީގެންވާ ސަބަބެއް ކަމަށް ބެލެވޭކަށް ނެތެވެ. އެހެންވެ އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ލިބުމުގެ ފުރުސަތު ދޭން، އޭސީސީގެ މައްޗަށް އަމުރުކުރި އެވެ. އަދިި ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާގެ ފުރުސަތު އޮތްކަން އަންގާ ދުވަހާ ހަމައަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި އިސް ފަނޑިޔާރު ހާތިފް ހިިލްމީގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ.