Roadha Mihaaru

ކޮރަޕްޝަން އިންޑެކްސްގައި އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ރާއްޖެއަށް

ކޮރަޕްޝަން އާންމުވެފައިވާ މިންވަރު ވަޒަންކުރާ، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި މިދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ގައުމަކަށް ރާއްޖެ ވެއްޖެ އެވެ. އެ އިންޑެކްސްގައި ރާއްޖެ މި ފަހަރު ވަނީ 55 ދަރަޖަ ކުރިއަށް ޖެހިލައިފަ އެވެ.

ކޮރަޕްޝަން އިންޑެކްސްގެ އެންމެބޮޑު ކުރިއެރުން ރާއްޖެއަށް
މޫސާ ރަޝީދު
މޫސާ ރަޝީދު

28 ޖެނުއަރީ 2021

ކޮރަޕްޝަން އާންމުވެފައިވާ މިންވަރު ވަޒަންކުރާ، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި މިދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ގައުމަކަށް ރާއްޖެ ވެއްޖެ އެވެ. އެ އިންޑެކްސްގައި ރާއްޖެ މި ފަހަރު ވަނީ 55 ދަރަޖަ ކުރިއަށް ޖެހިލައިފަ އެވެ.

ދެހާސް ވިހި ވަނަ އަހަރުގެ ސީއައިޕީ މިއަދު ނެރުނުއިރު، އެ ރިޕޯޓުން ދައްކާ ގޮތުން 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 75 ވަނައިގަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 14 ޕޮއިންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު ރާއްޖެ އޮތީ 130 ވަނައިގަ އެވެ. އެހެންވެ، ގައުމުތަކުގެ ތަރުތީބުން ބަލާއިރު ރާއްޖެ އަށް ލިބުނީ 55 ދަރަޖައިގެ ކުރިއެރުމެކެވެ. މި ވަރުގެ ބޮޑު ކުރިއެރުމެއް މިފަހަރު އެހެން އެއްވެސް ގައުމަކަށް ލިބިފައެއް ނުވެ އެވެ.

ޓްރާންސްޕޭރަންސީން ބުނީ ސީޕީއައިގައި މި ލިބުނު ކުރިއެރުމަކީ މުހިންމު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް ރާއްޖެ އަދިވެސް ހިމެނެނީ 50 އަށް ވުރެ ދަށުން ޕޮއިންޓު ލިބުނު ގައުމުތަކުގެ ތެރޭގައިކަން ފާހަގަކޮށް، އެ ޖަމިއްޔާ އިން ބުނީ ގާނޫނީ ނިޒާމު ހަރުދަނާ ކުރުމުގައި ކުރި ހޯދާފައިވީ ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް އެންމެ ފުރިހަމަ އަށް މަސައްކަތް ކުރުމުގައި އަދިވެސް ނުކުޅެދިފައިވާ ކަމަށެވެ.

ސީޕީއައި ހެދުމުގައި ބަލަނީ 180 ގައުމާއި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިއުކުރާ ދިރާސާތަކަށެވެ.

އެ އިންޑެކްސްގައި ސުމަކުން ފެށިގެން 100 އާ ދެމެދުގައި ޕޮއިންޓު ދޭއިރު ޕޮއިންޓް މަދުވި ވަރަކަށް އެއީ ކޮރަޕްޝަން ބޮޑަށް އޮތުމެވެ.