Roadha Mihaaru

ކޮރަޕްޝަން އިންޑެކްސްގައި މިފަހަރު ވެސް ރާއްޖެ ފަހަތަށް

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ވެސް ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.

ކޮރަޕްޝަން އިންޑެކްސްގައި މިފަހަރު ވެސް ރާއްޖެ ފަހަތަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

23 ޖެނުއަރީ 2020

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ވެސް ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.

ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމަށް ތައްޔާރުކުރާ ސާވޭގައި، މިދިޔަ އަހަރު ރާއްޖެ އޮތީ 29 ޕޮއިންޓާއެކު 130 ވަނައިގަ އެވެ. އޭގެ ކުރީ އަހަރު، 2018 ވަނަ އަހަރު ސީޕީއައިގެ ނަތީޖާއާ އަޅާބަލާއިރު ރާއްޖެ މި ވަނީ ދެ ޕޮއިންޓް ދަށްވެ، ގައުމުތަކުގެ ތަރުތީބުކުރުމަށް ބަލާއިރު ހަ ދަރަޖަ ވެއްޓިފަ އެވެ.

މިއީ ކޮންމެ އަހަރަކު ދުނިޔޭގެ 180 ގައުމާއި އެ ގައުމުތަކުގެ ދައުލަތުގެ މަސައްކަތްތަކުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރާ މިންވަރު، ސާވޭކޮށްގެންނާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިއުކުރާ ދިރާސާއެކެވެ.

ރާއްޖެ ހިމެނިފައިވަނީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް 50 އަށްވުރެ ދަށުން ޕޮއިންޓް ލިބުނު ގައުމުތަކުގެ ތެރޭގަ އެވެ. ލިސްޓުގެ ތިން ބައިކުޅަ އެއްބަޔަކީ އެ މިންވަރަށް ޕޮއިންޓް ލިބިފައި ހުރި ގައުމުތަކެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ މިދިޔަ އަހަރުގެ ނަތީޖާ ނެރުމަށް ތިން ކަމަކަށް ބަލާފައިވާ ކަމަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންސް، ދުނިޔޭގެ ގައުމުތަކުގައި ޑިމޮކްރަސީގެ ހާލަތު މައުނަވީ ގޮތެއްގައި އޮތް މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ ވެރައިޓީޒް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކުން ގައުމުތަކުގެ ސިޔާސަތުތަކާއި މުއައްސަސާތަކުގެ ދުޅަހެޔޮކަމުގެ މައްޗަށް އަލިއަޅުވާލާ ތައްޔާރުކުރާ ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުނަޝަލް އެސެސްމަންޓެވެ.

ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމަށް ތައްޔާރުކުރާ ސާވޭގައި، މިދިޔަ އަހަރު ރާއްޖެ އޮތީ 29 ޕޮއިންޓާއެކު 130 ވަނައިގަ އެވެ. އޭގެ ކުރީ އަހަރު، 2018 ވަނަ އަހަރު ސީޕީއައިގެ ނަތީޖާއާ އަޅާބަލާއިރު ރާއްޖެ މި ވަނީ ދެ ޕޮއިންޓް ދަށްވެ، ގައުމުތަކުގެ ތަރުތީބުކުރުމަށް ބަލާއިރު ހަ ދަރަޖަ ވެއްޓިފަ އެވެ.

މިއަހަރުގެ ސީޕީއައިގައިވާ މައުލޫމާތުތަކުގެ ތަފްސީލަށް ބަލައިލުމުން އެނގެނީ، އެ ޖަމިއްޔާއިން ބުނިގޮތުގައި، ސިޔާސީ ހަރަކާތްތަކާއި ފައިސާ އަދި ކޮރަޕްޝަނާ ހުރި ގުޅުމެވެ. ސިޔާސީ ކެމްޕެއިންތަކުގައި ފައިސާ ހަރަދުކުރެވޭނެ އުސޫލުތައް ބަޔާންކުރާ ގާނޫނުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި ސިޔާސީ ބާރާއި އިންތިޚާބުތަކުގެ ތެރެއަށް ފައިސާގެ ނުފޫޒު ފޯރަމުންދާ މިންވަރު ވެސް ދިރާސާގެ ހޯދުންތަކުން ހާމަވާ ކަމަށް ބުންޏެވެ.

"މި ދިރާސާގެ ހޯދުންތަކާ ދުނިޔޭގެ ގައުމުތަކުގައި ޑިމޮކްރަސީ އަށަގަނެފައިވާ މިންވަރު ހާމަކުރާ ތަފާސްހިސާބުތަކާ އަޅާ ބަލައިލުމުން އެނގިގެން ދަނީ ކެމްޕެއިންތަކުގައި ފައިސާ ހަރުދަނާކުރާނެ ގޮތުގެ ހަރުދަނާ އުސޫލުތައް ގާނޫނުގައި ލިޔެވި، ރަނގަޅަށް ތަންފީޒުކުރެވޭ، ހާމަކަމާއި އެންމެންގެ ބައިވެރިވުމާއެކު ސިޔާސީ ކަންކަމުގައި ގޮތް ނިންމުމުގެ ސަގާފަތް ހަރުލާފައިވާ ގައުމުތަކުގައި ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތްތައް މާ ބޮޑަށް ވެސް ކާމިޔާބުކަމުގަ އެވެ،" ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުންޏެވެ.

އެއާ ހިލާފަށް ރާއްޖެ ފަދަ، ވޯޓުގަތުމުގެ އަމަލުތައް ގިނަ، ކެމްޕެއިން ފައިސާ ހަރަދުކުރުމުގެ ހަރުދަނާ އުސޫލުތައް އެކަށައެޅިފައިނުވާ ގައުމުތައް ސީޕީއައިގައި ފެންނަނީ އެންމެ ދަށުން ކަމަށް ވެސް ބުންޏެވެ.

ސިޔާސީ ކަންކަމުގައި އާއްމުންގެ އިތުބާރު ހޯދުމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ހަ ކަމަކަށް ގޮވާލި އެވެ. އޭގެ ތެރޭގައި ނުހައްގު މުއްސަނދިކަން ހުއްޓުވައި މަސްލަހަތު ފުށުއެރުން ކުޑަކުރުމަށްޓަކައި މާލީ ބަޔާން ހާމަކުރުމުގެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމާއި އިންތިޚާބީ ނަޒާހަތްތެރިކަން ހަރުދަނާކޮށް ދޮގު މައުލޫމާތު ފެތުރުމުގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުން ހިމެނެ އެވެ.