Roadha Mihaaru
ދުނިޔޭގެ ބެޑްމިންޓަނުގެ ނުފޫޒުގަދަ އޮފީހެއް ރާއްޖެއަށް

ދުނިޔޭގެ ބެޑްމިންޓަނުގެ ނުފޫޒުގަދަ އޮފީހެއް ރާއްޖެއަށް

29 ޖެނުއަރީ 2021

ދުނިޔޭގެ ބެޑްމިންޓަނުގެ ގަދަބާރުތައް ހިމެނޭ އެންމެ ހައިބަތު ބޮޑު ބައްރު ކަމަށްވާ އޭޝިއާގެ ބެޑްމިންޓަނުގެ މައި އޮފީސް ރާއްޖެ އަށް ބަދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދުނިޔޭގެ ބެޑްމިންޓަނުގެ ގަދަބާރުތައް ހިމެނޭ އެންމެ ހައިބަތު ބޮޑު ބައްރު ކަމަށްވާ އޭޝިއާގެ ބެޑްމިންޓަނުގެ މައި އޮފީސް ރާއްޖެ އަށް ބަދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބެޑްމިންޓަން އޭޝިއާގެ އޮފީސް މި ވަގުތު ހުރީ މެލޭޝިއާގަ އެވެ. އެއީ މީގެ 62 އަހަރު ކުރިން ބެޑްމިންޓަން އޭޝިއާ ވުޖޫދުވިއިރު މެލޭޝިއާގެ ކުއަލަލަމްޕޫރުގައި އެ އޮފީސް ހެދި ގޮތަށެވެ. މާލެ އަށް މި އޮފީސް ގެންނަން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދު ކުރެއްވި މަސައްކަތުން އެކަން ހާސިލްކުރެވުނީ މިދިޔަ މަހު 16 ވަނަ ދުވަހު ބޭއްވި ބެޑްމިންޓަން އޭޝިއާގެ ބައްދަލުވުމުގަ އެވެ.

ތިން ވަނަ ދައުރަކަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަން ކުރައްވަމުން އަންނަ މޫސަ "މިހާރު" އަށް ވިދާޅުވީ މި އޮފީސް ރާއްޖެ ގެނެވޭގޮތްވީ ފާއިތުވި 12 ވަރަކަށް އަހަރު ކުރެވުނު ބުރަ މަސައްކަތުން ކަމަށެވެ. އެގޮތުން، ކުޑަ ގައުމެއް ނުވަތަ ބެޑްމިންޓަނުގެ ޑިވެލޮޕްމަންޓަށް ރަނގަޅު ޕްލޭންތަކެއް އޮތް ގައުމަކަށް މި އޮފީސް ބަދަލުކުރުމުގެ ވިސްނުމުގައި ކުރި މި މަސައްކަތުން ރާއްޖެއަށް މިކަން ހާސިލްކުރެވުނީ ވެސް ވަރަށް ވާދަވެރި މާހައުލެއްގައި ވަރަށް ބިނާކުރަނިވި ފާޑުކިޔުންތަކެއްގެ ތެރޭ ކުރިއަށްދިޔަ ބައްދަލުވުންތަކެއްގެ ތެރެއިން ކަމަށް މޫސަ ވިދާޅުވި އެވެ.

"ބެޑްމިންޓަން އޭޝިއާގެ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާއަކަށް ހުރިއިރު ގައުމުތަކުން ކުރަމުން އައި މަސައްކަތް ފެނިގެންދިޔަ. އޭރު 23 ވަރަކަށް ގައުމުން އައީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ބެޑްމިންޓަން ޑިވެލޮޕްމަންޓަށް ކުރަމުން. އޭގެ ތެރެެއިން އައި ވިސްނުމެއް ހަގީގަތުގައި ބޮޑު ގައުމެއް ނޫނީ ބެޑްމިންޓަން ކުރިއަރާފައި އޮތް ގައުމެއްގެ ބަދަލުގައި މި ކުޅިވަރު ޑިވެލޮޕިން ގައުމެއްގައި މި އޮފީސް ހުރެފި ނަމަ އޭގެ ފައިދާ ކުޅިވަރަށް ބޮޑުވާނެކަން. އެ ހިސާބުން އެ ހިޔާލުތަކާ އެއްގޮތަށް ވާހަކަ ދެކެވި އެންމެ ފަހުން މި ހިސާބަށް މި އާދެވުނީ،" މޫސަ ވިދާޅުވި އެވެ.

ބެޑްމިންޓަން އޭޝިއާގެ އޮފީސް ގާއިމްކުރުމުގެ ބިޑްގައި ރާއްޖެއާ އެންމެ ގާތުން ވާދަކުރީ ސިންގަޕޫރެވެ. ދެން ހިމެނޭ ބައެއް ގައުމުތަކަކީ ޔޫއޭއީ، ޗައިނާ، އިންޑިއާ އަދި ބަހްރެއިން އެވެ.

ބެޑްމިންޓަނުގެ ދުނިޔޭގެ ފެޑެރޭޝަން ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަމާއި ބެޑްމިންޓަން އޭޝިއާ އާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން އަންނަ މޫސަ ވިދާޅުވީ އުއްމީދަކީ ބެޑްމިންޓަނުން މި ކޮށައިދިން މަގުން ރާއްޖޭގެ އެހެން އެސޯސިއޭޝަންތައް ވެސް ހިނގައި ކުޅިވަރުގެ މުހިއްމު ކަންކަން ރާއްޖެ ގެނައުން ކަމަށެވެ.

އޮފީހާ އެކު ބެޑްމިންޓަން އޭޝިއާގެ އިދާރީ މަސައްކަތް ރާއްޖެ އަށް ބަދަލުކުރާއިރު، ޓެކްނިކަލް މަސައްކަތްތައް ކަމަށްވާ ކޯޗުން ތަމްރީނުކުރުމާއި އެ ފަދަ އެހެން ކަންކަން އަދިވެސް ބާއްވާނީ މެލޭޝިއާގަ އެވެ. އެއީ މެލޭޝިއާ ހިމެނެނީ ވަރަށް ސެންޓަލައިޒް ހިސާބެއްގައި ކަމަށްވާތީ އެވެ. ރާއްޖެ އަށް މީގެ ފައިދާ އޮތް އަނެއް ސަބަބަކީ އޮފީސް ހުންނަ ގައުމެއްގައި ބެޑްމިންޓަން އޭޝިއާގެ އެ ސަރަހައްދެއްގެ އެކެޑަމީގެ ގޮތްޕެއް ގާއިމްކުރެވުން ކަމަށެވެ.

"ދެކުނު އޭޝިއާގެ ހަތް ގައުމުގެ ކަންކަން މި އެކެޑަމީގައި ހިނގާނެ. ފާހަގަކޮށްލަން އިންޑިއާ ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅިގެން އަހަރެއްގެ ތެރޭގައި އެކި ކޭމްޕްތައް ކުރިއަށް ގެންގޮސް މީގެ ޑިވެލޮޕްމަންޓުގެ މުހިއްމު މަސައްކަތްތަކެއް ކުރެވޭނެ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި، ބެޑްމިންޓަން އޭޝިއާގެ މައި އޮފީސް ރާއްޖެ އައުމުން ފައިދާވަނީ ހަަމައެކަނި އެ ކުޅިވަރުގެ ކޮމިއުނިޓީ އަށް އެކަންޏެއް ނޫނެވެ. ހަގީގަތުގައި މިކަމުގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމާއި މާލީ ގޮތުން ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން އިގްތިސޯދަށް ވެސް ރަނގަޅު ކަންތައްތަކެއް ވުމުގެ އިތުރުން ވަޒީފާގެ ފުރުސަތު ވެސް ދިވެހިންނަށް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަސްލު ހަގީގަތުގައި މީގެ ފައިދާތައް ވަރަށް ގިނަ. ކުޅިވަރު އިންޑަސްޓްރީ ގްރޯވުމުގެ އިތުރުން. މީގެ ބެޑްމިންޓަން އޭޝިއާގެ މާލީ ޓްރާންސެކްޝަންތައް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ހިނގާއިރު ވަރަށް ބައިވަރު ފައިސާ ރޯލްވާނެ. މިއީ އެ ގޮތުން ވެސް ފައިދާކުރާނެ ކަމެއް. ދެން މީގެ އަނެއް މުހިއްމު ކަމަކީ މި އޮފީސް އައީމަ ދިވެހިންނަށް މި ހުޅުވިގެންދާ ވަޒީފާގެ ފުރުސަތުތައް. ކުޅުންތެރިންގެ އިތުރުން ސްޕޯޓްސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ވެސް ފުރުސަތުތަކެއް މި އަންނަނީ އޮފީހާ އެކު،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ބެޑްމިންޓަން އޭޝިއާގެ އޮފީހުގެ ކަންތައްތަކުގައި ސްޕޯޓްސް މިނިސްޓްރީން ވެސް ހާއްސަ އެއްބާރުލުމެއް ދޭ ކަމަށެވެ. މިހާރު އޮފީސް ބިނާކުރަން މިނިސްޓްރީން ކަނޑައަޅައިދީފައިވަނީ ހެންވޭރު ބޯޅަގޭގައި ކަމަށް މޫސަ ވިދާޅުވި އެވެ.

ކުރިން ގައުމީ ޓީމަށް ވެސް ކުޅުއްވި މޫސަ ބެޑްމިންޓަން އެސޯސިއޭޝަނާ ހަވާލުވުމަށް ފަހު އަންނަނީ ބައިނަލްއަގުވާމީ ގޮތުން ރާއްޖޭގެ ބެޑްމިންޓަނަށް ގިނަ ފުރުސަތުތަކެއް ހޯދަމުންނެވެ. އެ ގޮތުން ދިވެހި ބެޑްމިންޓަން ކުޅުންތެރިންނަށް ރާއްޖޭން ބޭރުން ފުރުސަތު ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެ އެވެ. މޫސަ ވަނީ އޭނާގެ ދައުރުގައި ގިނަ ގައުމުތަކަށް ހުޅުވާލައިގެން ރާއްޖޭގައި ބެޑްމިންޓަން ޗެލެންޖްގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ފަށައިފަ އެވެ. އަދި ފަހުން ބެޑްމިންޓަން ފިއުޗާ ސީރީސް ނަމުގައި ވެސް މުބާރާތެއް ފެށިއިރު، ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް އައްޑޫ ސިޓީގައި ބޭއްވީ މޫސަގެ މަސައްކަތުގެ ތެރެއިންނެވެ.