Roadha Mihaaru
އިންޑޮމީ ނޫޑްލްސްގެ މަގުބޫލު ރަހައިގެ ވެރިޔާ މަރުވެއްޖެ

އިންޑޮމީ ނޫޑްލްސްގެ އެންމެ މަގުބޫލު ރަހައިގެ ވެރިޔާ މަރުވެއްޖެ

30 ޖެނުއަރީ 2021

އިންޑޮނީޝިއާގެ މަޝްހޫރު ނޫޑުލްސް ބްރޭންޑެއް ކަމަށްވާ "އިންޑޮމީ" ގެ އެންމެ މަގުބޫލު އެއް ރަހަ ކަމަށްވާ "މި ގޮރެން" ގެ މޭސްތިރިޔާ ނުނަކް ނޫރައިނީ މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑޮނީޝިއާގެ މަޝްހޫރު ނޫޑުލްސް ބްރޭންޑެއް ކަމަށްވާ "އިންޑޮމީ" ގެ އެންމެ މަގުބޫލު އެއް ރަހަ ކަމަށްވާ "މި ގޮރެން" ގެ މޭސްތިރިޔާ ނުނަކް ނޫރައިނީ މަރުވެއްޖެ އެވެ.

އުމުރުން 59 އަހަރުގައި އޭނާ މަރުވީ ބުދަ ދުވަހު އެވެ. މަރާ މެދު ހިތާމަ ފާޅުކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި އެތައް ބަޔަކު ވަނީ ނޫޑްސްލްގެ ހިތްގައިމު ރަހައެއް ގެނެސްދޭން ނޫރައިނީ ކުރި މަސައްކަތްތަކަށް ޝުކުރު އަދާކޮށް އޭނާގެ ލެގަސީ އިންޑޮމީން ދަމަހައްޓަން ގޮވާލައިފަ އެވެ.

އިންޑޮމީގެ ތަރުޖަމާނު ވިދާޅުވީ ނޫރައިނީ ވަކިވެ ދިއުމަކީ ކުންފުންޏަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށާއި އޭނާ އަކީ އެ ކުންފުނި ބައްޓަންވުމުގައި ވަރަށް ބޮޑު ހިއްސާއެއް އަދާކުރި މީހެއް ކަމަށެވެ. "މި ގޮރެން" ފްލެވާ އެހާ މަގުބޫލު އެއްޗަށްވީ ވެސް ނޫރައިނީ އެ ރަހަ ތަރައްގީކުރަން ކުރި ހިތްވަރުގަދަ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ކުއްލި ގޮތަށް ނޫރައިނީ މަރުވި ސަބަބެއް އިންޑޮމީން ހާމައެއްނުކުރެ އެވެ.

"މި ގޮރެން" ގެ ރަހަ އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި އިރު ނޫރައިނީ ވަނީ އިންޑޮމީ ކުންފުނީގައި ފްލެވާ ޑިވެލޮޕްމަންޓް މެނޭޖަރެއްގެ ގޮތުގައި ގާތްގަނޑަކަށް 30 އަހަރު މަސައްކަތްކޮށްފަ އެވެ.

އިންސްޓެންޓް ނޫޑްލްސްއެއްގެ ގޮތުގައި "އިންޑޮމީ" ބާޒާރަށް ނެރުނީ 1972 ގަ އެވެ. އަދި އެ ބްރޭންޑްގެ "ކަލްޓް" ފްލެވާއެއްގެ މަގާމު ހޯދި "މި ގޮރެން" ބާޒާރަށް ނެރުނީ 1983 ގަ އެވެ. އޭގެ ފަހުން 2006 ގައި "މި ގޮރެން" ގެ އެއްބަނޑު ރަހައެއްގެ ގޮތުގައި "މި ގޮރެން ކިރޫކް 8އެކްސް" ގެ ނަމުގައި އާ ވޭރިއަންޓެއް ވެސް ނެރެފައިވެ އެވެ.