Roadha Mihaaru
ވިހެއީ ބަލިވެއިންތާ އެއްގަޑިއިރުތެރޭ ކަމަށް ބުނާ މީހެއް

މި މީހާ ބުނަނީ ވިހެއީ "ބަލިވެ އިންތާ" ގަޑިއެއްގެ އިރު ތެރޭ ކަމަށް!

27 ޖުލައި 2020

ހާއްސަ ހާލަތެއް ދިމާވެގެން ނޫނީ، ބަލިވެ އިނދެ ވިހަން ނުވަ މަސް ދުވަސް ނަގާނެ އެވެ. އެކަމަކު މާބަނޑުވިތާ އެއްގަޑިއިރު ތެރޭގައި ވިހޭ ވާހަކަ ބުނެފި ނަމަ އެއީ ވާނީ އަޖައިބެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހާއްސަ ހާލަތެއް ދިމާވެގެން ނޫނީ، ބަލިވެ އިނދެ ވިހަން ނުވަ މަސް ދުވަސް ނަގާނެ އެވެ. އެކަމަކު މާބަނޑުވިތާ އެއްގަޑިއިރު ތެރޭގައި ވިހޭ ވާހަކަ ބުނެފި ނަމަ އެއީ ވާނީ އަޖައިބެވެ.

އިންޑޮނީޝިއާގެ 30 އަހަރުގެ މި މީހާ ބުނަނީ އޭނާ ތިން ވަނަ ދަރިފުޅު ވިހެއީ ބަލިވެ އިންތާ އެންމެ އެއް ގަޑި އިރު ތެރޭގައި ކަމަށެވެ.

ހީނީ ނޫރާނީ އަކީ އިންޑޮނީޝިއާގެ ތަސިކްމަލާޔާ ރެޖެންސީގެ އަވަށެއް ކަމަށްވާ މަންދަލަސާރީގައި ދިރިއުޅޭ މީހެކެވެ. އޭނާ ކިޔައިދިން ގޮތުގައި ބަލިވެއިންކަން އެނގުނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އޭރު ބަނޑަށް އާދަޔާހިލާފު ގޮތްތަކެއްވާން ފެށިކަމަށާއި ކުރިން ނުކުރެވޭ އިހުސާސްތަކެއް ވުމަށް ފަހު، ބަނޑު ހަމަ ކުއްލިއަކަށް ބޮޑުވީ ކަމަށް ބުންޏެވެ. އަދި ބަނޑުބޮޑުވިތާ އެއް ގަޑިއިރު ފަހުން ވިހަން ޖެހުމަކީ ހަޔާތުގައި މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ އާދަޔާހިލާފު ކަންތައް ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ކުއްލިއަކަށް ބަލިވެ، އިނދެ ހަމަ ކުއްލިއަކަށް ވިހަން ޖެހުނު ސަބަބެއް" ނޭނގެ އެވެ. އެއީ ފިރިމީހާ އެރިކާއާ ގުޅުމެއް ވެސް ނެތި 19 ވަރަކަށް މަސް ހޭދަވެފައިވާތީ އެވެ.

"މީ ހަމަ ވަރަށް ކުއްލިއަކަށް ދިމާވި ކަމެއް. ކުއްލިއަކަށް ބަނޑުބޮޑުވެ ވިހަން މެދުވެރިވިކަން އެނގުމާ އެކު އަވަށްޓެރި ފޫޅުމައަކަށް އަންގައިގެން ވިހެއުމުގެ ކަންތައް ކުރިއަށް ގެންދިޔައީ،" ހީނީ ބުންޏެވެ. "މި ގޮތަށް ވިހަން ޖެހުނީ ދެވަނަ ދަރިފުޅު ލިބުނު ފަހުން ސިއްހީ ސަބަބުތަކަކާ ހެދި ދޭތެރެ ދުރުކުރުމަށްޓަކައި ފިރިމީހާއާ އެކު ގުޅުން ނުހިންގާތާ ވެސް ނަވާރަ މަސް ވެފައި ވަނިކޮށް."

އޭނާ ބުނި ގޮތުގައި އާދަޔާހިލާފު ގޮތަކަށް ދަރިއަކު ވިހަން ޖެހުނު އިރު، މާބަނޑު މީހަކަށް ދިމާވާނެ އެއްވެސް ކަހަލަ އަލާމާތެއް ވެސް ކުރިއަކުން ދިމާވެފައެއް ނެތެވެ. އެކަމަކު ވިހެއުމުގެ މަސްތަކެއް ކުރިން އޭނާ ތަންކޮޅެއް ފަލަވި ކަމަށް ހީނީ ބުންޏެވެ. އަދި ފާއިތުވި ނުވަ މަހުގެ ތެރޭގައި މައްސަރު ކަންތައް ތަޖުރިބާކުރި ކަމަށާއި އެގޮތަށް ދިމާވީ ހޯމޯން އިންބެލެންސްވެގެން ކަމަށް ޑޮކްޓަރަކަށް އެއް ފަހަރަކު ދެއްކުމުން ވިދާޅުވި ކަމަށް ހީނީ ބުންޏެވެ.

"އެ ނޫން ބަދަލެއް ކުއްލި ވިހެއުމާ ހަމައަކަށް ނެތް އަހަންނަކަށް އައިސްފައެއް." ވިހޭ ދަރިފުޅުގެ ސިއްހަތު ވެސް ރަނގަޅުކަން ފާހަގަކޮށް އޭނާ ބުންޏެވެ.

މި ވާހަކައާ ގުޅިގެން މީހުންގެ ފާޑުކިޔުންތައް އަމާޒުވުމުން އިންޑޮނީޝިއާގެ ބައެއް ޑޮކްޓަރުން ބުނެފައިވަނީ މިއީ "ކްރިޕްޓިކް ޕްރެގްނަންސީ" އަކަށް ވެދާނެ ކަމަށެވެ. އެއީ ބަލިވެ އިންކަން އެއްވެސް ގޮތަކަށް ނޭނގި ހުރުމަށް ފަހު ނުވަ މަސް ވާން ކައިރިވާ ފަހުން ކުއްލިއަކަށް އެކަން އެނގުމެވެ. މިއީ 25،000 އިން އެކެއްގެ ފުރުސަތު އޮންނަ ހާލަތެކެވެ.

އެކަމަކު ޑޮކްޓަރުން ބުނަނީ ބަލިވެއިންކަން އެނގޭތާ އެއްގަޑިއިރު ތެރޭ ވިހެއުން ވަރަށް ނާދިރު ކަމަށެވެ. ނަމަމަވެސް ހޯމޯންގެ މައްސަލަ ބޮޑު ނަމަ މިއީ ވެސް ނުވާނެ ކަމެކޭ ބުނަން ޑޮކްޓަރުން ވެސް އުނދަގުލެވެ.