Roadha Mihaaru
އާބާދީގެ ބޮޑު ބަޔަކަށް ފެނާއި ނަރުދަމާ ގާއިމްކޮށްދެނީ

2018ގެ ކުރިން އާބާދީގެ 75 ޕަސެންޓަށް ފެނާއި ނަރުދަމާ ގާއިމް ކޮށްދެވޭތޯ ބަލަނީ

08 ނޮވެމްބަރ 2016

ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް، 2018 ވަނަ އަހަރުގެ ކުރިން ފެނާއި ނަރުދަމާ ގާއިމްކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް، 2018 ވަނަ އަހަރުގެ ކުރިން ފެނާއި ނަރުދަމާ ގާއިމްކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދިވެހިރާއްޖޭގެ ގްލޯބަލް އެނެލައިސިސްް އެންޑް އެސެސްމަންޓް އޮފް ސެނިޓޭޝަން އެންޑް ޑްރިންކިން ވޯޓާ (ގްލާސް) ރިޕޯޓު ތައްޔާރުކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން ވިދާޅުވީ، މި ސަރުކާރު އައުމުގެ ކުރިން ނަރުދަމާ ގާއިމްކޮށްފައިވަނީ އެންމެ 31 ރަށުގައި ކަމަށާއި ނަމަވެސް މި ސަރުކާރަށް މިވީ ތިން އަހަރުގެ ތެރޭގައި އިތުރު 40 އަށްވުރެ ގިނަ ރަށުގައި ނަރުދަމާ ގާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭގެ ތެރެއިން 10 ރަށުގެ ނަރުދަމާގެ މަސައްކަތް ނިމިފައިވާއިރު 21 ރަށުގެ ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ސަރުކާރު ފެށުނުއިރު ރާއްޖޭގެ އާބާދީގެ 37 ޕަސެންޓު މީހުންނަށް ޒަމާނީ ނަރުދަމާގެ ހިދުމަތް ލިބުނުކަމުގައި ވިއަސް، 2018 ވަނަ އަހަރު ނިމޭއިރު އެ އަދަދު 75 ޕަސެންޓަށް ހެދުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވައުދެއް ކަމަށް ވެސް މަތީން ވިދާޅުވި އެވެ.

ފެނުގެ ނިޒާމް ގާއިމްކޮށްފައިވަނީ މި ސަރުކާރު އައި އިރު މާލެ ހިމަނައިގެން ހަ ރަށުގައި ކަމަށާއި އެ އަދަދު 75 ޕަސެންޓަށް، 2018 ވަނަ އަހަރުގެ ކުރިން ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެެއްވި އެވެ. އަދި ސާފު ބޯފެން ފޯރުކޮށްދިނުމަށް މިހާރު ވެސް 40އަށްވުރެ ގިނަ ރަށުގައި މަސައްކަތް ކުރަމުން އަންނަކަން މަތީން ފާހަގަކުރެއްވި އެވެ.

އދ. އާއި ޑަބްލިއުއެޗްއޯގެ އެހީގައި ކުރިއަށްގެންދާ މި ބައްދަލުވުމުން، ރާއްޖޭގެ ނަރުދަމާއާ ފެނުގެ ނިޒާމްގެ ހާލަތު ވަރަށް ރަނގަޅަށް އެނގިގެން ދާނެ ކަމަށް ވެސް މަތީން ވިދާޅުވި އެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި ސަރުކާރުގެ އެކި މުއައްސަސާތަކުން ވިއްސަކަށް މީހުން ބައިވެރިވި އެވެ.