Roadha Mihaaru
ޑޮލަރުގެ ކަޅު ބާޒާރަށް ގުނޑުން އަރައިފި

ޑޮލަރުގެ ކަޅު ބާޒާރަށް ގުނޑުން އަރައިފި، މިހާރު އުޅެނީ 18ރ އަށް

31 ޖެނުއަރީ 2021

ޓޫރިޒަމް ރަނގަޅުވެ، ކޮވިޑްގެ ހުއްޓުމުގެ ތެރެއިން ޑޮލަަރު ކުޑަކޮށް ތިޔާގިވެލުމާ އެކު، ކަޅު ބާޒާރަށް ގުނޑުން އަރައި، ޑޮލަރެއްގެ އަގު 18 ރުފިޔާ އަށް ވެއްޓިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓޫރިޒަމް ރަނގަޅުވެ، ކޮވިޑްގެ ހުއްޓުމުގެ ތެރެއިން ޑޮލަަރު ކުޑަކޮށް ތިޔާގިވެލުމާ އެކު، ކަޅު ބާޒާރަށް ގުނޑުން އަރައި، ޑޮލަރެއްގެ އަގު 18 ރުފިޔާ އަށް ވެއްޓިއްޖެ އެވެ.

މިދިޔަ މަހު ކުރީ ކޮޅު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 19 ރުފިޔާއަށް ވުރެ މަތީގަ އެވެ. ނަމަވެސް މިހާރު ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ހުރީ 18.25 ރުފިޔާ އާއި 18:00 އާ ދެމެދުގަ އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދައިރާ ހުއްޓިފައި އޮތުމުން ޑޮލަރު ލިބުން ތާށިވެ އެތައް އަހަރަކަށް ފަހު ޑޮލަރުގެ ކަޅު ބާޒާރު އުފެދުނެވެ. އަދި ރަސްމީ ރޭތް ކަމަށްވާ 15:42 އަކީ "މާޒީއެއް" ކަމަށް ވާނެ ފަދަ ހާލަތަކަށް ޑޮލަރު ތާށިވެ، މަހުޖަނުންގެ ކޮންޓްރޯލްގެ ދަށަށް އެ މުއާމަލާތް ދިޔަ އެވެ.

ޑޮލަރު ގަނެ ވިއްކާ ބައެއް މީހުން ބުނާ ގޮތުގައި، ޑޮލަރުގެ އަގު ދަށަށް ދިޔައީ ކުރިއަށް ވުރެ ގިނައިން މާކެޓުގައި މިހާރު ޑޮލަރު ދައުރުވުމުގެ ސަބަބުންނެވެ. ބޮޑު އަގުގައި ގަންނަން އޮތް ޑިމާންޑް ކުޑަވަމުން އަންނަ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

މިހާރު ރާއްޖެއަށް ދުވާލަކު ގާތްގަނޑަކަށް 3،000 ޓޫރިސްޓުން އާދެ އެވެ. މިއީ ކޮވިޑާ ގުޅިގެން މިދިއަ އަަހަރުގެ ފެބްރުއަރީ ހިސާބުގައި ޓޫރިޒަމް ބަންދުވާން ފެށިއިރު ހުރި މިންވަރަށް ވުރެ ދަށް ނިސްބަތެއް ނަމަވެސް، މި ހާލަތުގައި އިގުތިސާދަށް ލިބޭ ވަރަށް ބޮޑު ދިރުމެކެވެ.

ރާއްޖޭގެ ޑޮލަރުގެ ސަޕްލައި ރަނގަޅުކުރަން މަރުކަޒީ ބޭންކުން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ ކަރަންސީ ސްވަޕް އެއްބަސްވުމެއްގެ ދަށުން 150 މިލިއަން ޑޮލަރު ހޯދި އެވެ.