Roadha Mihaaru

ފުރާ މީހުންނަށް އަންނަ އަހަރު ފުރަތަމަ ކުއާޓާ އިން ފެށިގެން 1،000 ޑޮލަރު ލިބޭނެ

ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ދޫކުރާ 500 ޑޮލަރު، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ އިން ފެށިގެން ދެގުނަކޮށް 1،000 ޑޮލަރު ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފުރާ މީހުންނަށް އަންނަ އަހަރު 1،000 ޑޮލަރު ލިބޭނެ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

06 ފެބުރުއަރީ 2025

ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ދޫކުރާ 500 ޑޮލަރު، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ އިން ފެށިގެން ދެގުނަކޮށް 1،000 ޑޮލަރު ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން ރައީސް ވިދާޅުވީ، ރުފިޔާގެ އަގު ހިފަހައްޓައި ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެކަން ހައްލު ކުރުމުގެ ގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވައިލާ ތަންފީޒުކޮށްފައިވާ ކަމަށާއި އެކަމުގެ ހެޔޮ ބަދަލު ވަރަށް އަވަހަށް ރިޒާވުން ފެންނާނެ ކަމަށް ވިދާޅުވި އެވެ.

2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރު ކުރެވިގެންދާނެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ. -- ރައީސް

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ހުރިހާ ޑޮލަރެއް ކަޅު ބާޒާރަށް ނުގޮސް، މި އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ހޯދޭނެ އެވެ.

"2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި، ރައީސް ރިޔާސީ ބަޔާން އިއްވަނީ. -- ފޮޓޯ | މަޖިލިސް

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި، ރައީސް ރިޔާސީ ބަޔާން އިއްވަނީ. -- ފޮޓޯ | މަޖިލިސް

ރައީސް ވިދާޅުވީ އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި، ކްރެޑިޓް ކާޑު ލިމިޓު ވެސް 750 ޑޮލަރުން 1،400 ޑޮލަރަށް ބޮޑު ކުރާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުވަމުންދާ ވަރަކުން އެކަމުގެ ފައިދާ ރައްޔިތުންނަށްކޮށް، ފުދުންތެރިކަން އިތުރު ކުރެވޭނެ ކަމަށެވެ.

"މި ގާނޫނު ތަންފީޒުކުރުމުގައި ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ސިޓީ ހޮޓާތައް އަދި މި ގާނޫނުން ޑޮލަރު މާރުކުރަން ޖެހޭ އެންމެހާ ވިޔަފާރިތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް މިދިޔަ މަހުގެ ފަހުކޮޅު އަތޮޅުތަކަށް ކުރެއްވި ދަތުރުތަކުގައި ވިދާޅުވީ، މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމެވެ.

"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.