Roadha Mihaaru
ރާއްޖޭގެ އެންމެ އުސް ޓަވަރު ހުޅުމާލޭގައި ހަދަނީ

ރާއްޖޭގެ އެންމެ އުސް ޓަވަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި

02 ފެބުރުއަރީ 2021

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ ޓޫރިޒަމް އައިލެންޑްގައި 150 މީޓަރު ނުވަތަ 500 ފޫޓު އުސް ޓަވަރެއް ހަދަން ނިންމާފައިވާ ކަން އެޗްޑީސީން ހާމަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ ޓޫރިޒަމް އައިލެންޑްގައި 150 މީޓަރު ނުވަތަ 500 ފޫޓު އުސް ޓަވަރެއް ހަދަން ނިންމާފައިވާ ކަން އެޗްޑީސީން ހާމަކޮށްފި އެވެ.

މި ޓަވަރު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އުސް ތަނަށެވެ. މި ވަގުތު ރާއްޖޭގައި ހުރި އެންމެ އުސް އިމާރާތް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލަށް ވުރެ ހުޅުމާލޭގައި ހަދާ ޓަވަރު ގާތްގަނޑަކަށް ދެ ގުނަ އުސް ވާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު "މޯލްޑިވްސް ޓޫރިޒަމް ބުލެޓިން"ގެ މި އަހަރުގެ ދެވަނަ އެޑިޝަންގައި އެޗްޑީސީން ލިޔެފައިވާ އާޓިކަލްގައި މިކަމުގެ ތަފްސީލުތައް ހިމެނެ އެވެ. އެ ލިޔުމުގައި ބުނެފައިވާ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ ޓޫރިޒަމް އައިލެންޑްގައި ހަދާ މި ޓަވަރުގެ އުސްމިނުގައި 150 މީޓަރުގެ ހުންނާނެ އެވެ. އަދި މި ޓަވަރަށް އަރައި، ހުޅުމާލެ އާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ވަރަށް ފުރިހަމައަށް ބަލައިލެވޭނެ ކަމަށް ވެސް ބުނެފައި ވެ އެވެ.

ހުޅުމާލޭ ފޭސް ޓޫގެ މަންޒަރުތައް ދައްކުވައިދޭ ތްރީޑީ ކުރެހުމެއް

ހުޅުމާލޭ ފޭސް ޓޫގެ މަންޒަރުތައް ދައްކުވައިދޭ ތްރީޑީ ކުރެހުމެއް

"މިއީ ބޭރާއި ދިވެހިންގެ ޝައުގުވެރިކަން އަތުލެވޭ ފަދަ" ތަފާތު ތަނަކަށް ވާނެ ކަމަށް ވެސް އެޗުޑީސީން އުއްމީދުކުރެ އެވެ. އެކަމަކު ޓަވަރާ ބެހޭ ތަފުސީލުތަކެއް ހާމަކޮށްފައެއް ނުވެ އެވެ.

ހާއްސަ ނިޝާނެއް ނުވަތަ ރަމްޒެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އުސް ޓަވަރުތައް ހަދަ އެވެ. މި ވަގުތު ދުނިޔޭގެ އެސް އުސް ޓަވަރު، ބުރުޖް ޚަލީފާގައި 828 މީޓަރު ނުވަތަ 2،700 ފޫޓު ހުރެ އެވެ. މީގެ އިތުރުން ޗައިނާގެ އޯރިއެންޓެޑް ޕާލް ޓަވާ އާއި އެމެރިކާގެ ސިއޭޓަލްގައި ހުންނަ ދަ ސްޕޭސް ނީޑްލް އާއި ކެނެޑާގެ ޓޮރޮންޓޯގައި ހުންނަ ސީއެން ޓަވާ އާއި ފެރިސްގެ އައިފަލް ޓަވަރަކީ ދުނިޔޭގެ މަޝްހޫރު ބައެއް ޓަވަރުތަކެވެ.

އެޗްޑީސީން ބުނީ ޓޫރިޒަމް އައިލެންޑުގައި ހަދާ ޓަވަރުގެ އިތުރުން އެ ރަށް ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމަށް ތަފާތުތަކެއް ގެނެސްދޭނެ ޕްރޮޖެކްޓަކަށް ކަމަށެވެ. ޓޫރިޒަމް އައިލެންޑުގައި ލަގްޒަރީ ހޮޓާތައް ތަރައްގީ ކުރާ އިރު ލަގްޒަރީ ވިލާތަކާއި މެދު ފަންތީގެ އަދި އެންމެ މަތީ ފަންތީގެ އެޕާޓްމެންޓްތައް ވެސް ހިމެނެ އެވެ. އެ ރަށަށް ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ރީޓެއިލް އައުޓްލެޓްތަކާއި ރެސްޓޯރެންޓްތައް ގެންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭ ފޭސް ޓޫގެ މަންޒަރުތައް ދައްކުވައިދޭ ތްރީޑީ ކުރެހުމެއް

ހުޅުމާލޭ ފޭސް ޓޫގެ މަންޒަރުތައް ދައްކުވައިދޭ ތްރީޑީ ކުރެހުމެއް

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓައި ގުޅިފައި އޮތް ހުޅުމާލެއަކީ ޓޫރިޒަމް ތަރައްގީކުރަން އެންމެ ރަނގަޅު އެއް ރަށް ކަމަށާއި ޓޫރިޒަމް އައިލެންޑުން ދުނިޔޭގެ މަޝްހޫރު ޑިވަލޮޕަރުންނާއި ދިވެހިންނަށް ވެސް ޓޫރިޒަމް ދާއިރާ އަށް އިންވެސްޓް ކުރެވޭނެ ކަމަށެވެ.

ޓޫރިޒަމް އައިލެންޑްގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރަން އެޗްޑީސީން މިހާރު ވަނީ ހުޅުވައިލައިފަ އެވެ.