Roadha Mihaaru
ޓޫރިސްޓުންނަށް ބޮޑު ޑިސްކައުންޓް ދޭ މަންޒިލަކަށް ރާއްޖެ

ޓޫރިސްޓުންނަށް އެންމެ ބޮޑު ޑިސްކައުންޓެއް އޮފް ސީޒަންގައި ލިބޭ މަންޒިލަކަށް ރާއްޖެ

27 ފެބުރުއަރީ 2024

ޓޫރިސްޓުންނަށް އެންމެ ބޮޑު ޑިސްކައުންޓެއް އޮފް ސީޒަންގައި ލިބެނީ މާލެ ސަރަހައްދުގެ ހޮޓާތަކާއި ގެސްޓްހައުސްތަކުން ކަމަށް ބައުންސް އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓޫރިސްޓުންނަށް އެންމެ ބޮޑު ޑިސްކައުންޓެއް އޮފް ސީޒަންގައި ލިބެނީ މާލެ ސަރަހައްދުގެ ހޮޓާތަކާއި ގެސްޓްހައުސްތަކުން ކަމަށް ބައުންސް އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ޓްރެވަލް ވެބްސައިޓް ބައުންސްގެ އެކްސްޕާޓުންގެ ދިރާސާއިން ދައްކާ ގޮތުން ރާއްޖޭގެ ހޮޓާތަކުން ޓޫރިސްޓުންނަށް އޮފް ޕީކުގައި 85 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދެ އެވެ. އޮގަސްޓް ހިސާބުގައި މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓާތަކަށް އަންނަ ޓޫރިސްޓުންނަށް، އާއްމު ރޭޓަށް ވުރެން އަގު ހެޔޮވެ އަގުތަކުގެ ވަރަށް ބޮޑު ފަރަގެއް ފެންނަ ކަމަށް އެ ދިރާސާގައިވެ އެވެ. އެކަމަކު ޑިސެމްބަރާއި ޖެނުއަރީގައި އެ އަގުތައް ވަރަށް ބޮޑަށް އުފުލެ އެވެ.

ރާއްޖޭގެ ހޮޓާތަކުން އެންމެ ބޮޑު ޑިސްކައުންޓެއް ދޭ އިރު އެ ލިސްޓުގެ ދެވަނާގައި އޮތީ ގްރީސްގެ ވެރިކަން ކުރާ ސިޓީ ހެރަކްލީއަން އެވެ. އެތަނުގެ ހޮޓާތަކުން ނޮވެމްބަރުގައި 78 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދެ އެވެ. އެ ގައުމުގެ އެންމެ ޕީކް ދުވަސްތައް އަންނަނީ ސެޕްޓެމްބަރުގަ އެވެ. އެހެންވެ، ޕީކް ސީޒަންގައި 78 ޕަސެންޓަށް އަނެއްކާ ވެސް އަގުތައް އުފުލެ އެވެ.

ތިން ވަނައަށް އެންމެ ބޮޑު ޑިސްކައުންޓެއް ލިބެނީ އީޖިޕްޓްގެ ކައިރޯގަ އެވެ. އެ ސިޓީގެ ހޮޓާތަކުން 77 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

އެ ލިސްޓުގައި ދެން ހިމެނެނީ ތައިލެންޑްގެ ޗަންގް މައި އާއި ގްރީސްގެ އޭތަންސް އާއި އިޓަލީގެ ފްލޮރެންސް އެވެ. އެ ތަންތަނުން ވެސް 70 ޕަސެންޓާ ހަމައަށް އޮފް ސީޒަންގައި ޑިސްކައުންޓް ލިބެ އެވެ.

މި ދިރާސާއިން ދައްކާ ގޮތުން ޖެނުއަރީ މަހަކީ ދުނިޔޭގެ ގިނަ މަންޒިލްތަކަށް އެންމެ އަގު ހެޔޮކޮށް ދަތުރު ކުރެވޭ ދުވަސްވަރެވެ. އެގޮތުން ލަންޑަނާއި ބާލީ އާއި އާމްސްޓަޑަން ފަދަ ސިޓީތަކުން 50 ޕަސެންޓާ ހަމައަށް ހޮޓާތަކުން ޑިސްކައުންޓް އެދުވަސްވަރު ލިބެ އެވެ.

އޮފް ސީޒަންގައި ރާއްޖޭގެ ހޮޓާ އަދި ގެސްޓްހައުސްތަކުން އެންމެ ބޮޑު ޑިސްކައުންޓެއް ދޭ އިރު ރާއްޖެއަކީ ދުނިޔޭގައި ވެސް ލަގްޒަރީ ޓޫރިޒަމަށް އެންމެ މަގްބޫލު އެއް މަންޒިލެވެ. ރާއްޖޭގެ ޕީކް ސީޒަން ފެށެނީ ޑިސެމްބަރުގަ އެވެ. އެއަށް ފަހު މާޗް އާ ހަމައަށް ޓޫރިސްޓުން ގިނަ އަދަދަކަށް އަންނަ ކަން ވޭތުވެދިޔަ އަހަރުތަކުގެ ތަފާސް ހިސާބުތަކުން އެނގެ އެވެ.