މެންޗެސްޓާ (ފެބްރުއަރީ 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 2-1 އިން އާސެނަލް ބަލިވިއިރު، މެންޗެސްޓާ ޔުނައިޓެޑުން 9-0 އިން ސައުތެމްޓަން ބަލިކޮށް ލީގުގެ ރެކޯޑަކާ ހަމަކޮށްފި އެވެ.
މެންޗެސްޓާ (ފެބްރުއަރީ 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 2-1 އިން އާސެނަލް ބަލިވިއިރު، މެންޗެސްޓާ ޔުނައިޓެޑުން 9-0 އިން ސައުތެމްޓަން ބަލިކޮށް ލީގުގެ ރެކޯޑަކާ ހަމަކޮށްފި އެވެ.
ރޭގެ މޮޅާ އެކު ޔުނައިޓެޑް ވަނީ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ސިޓީ އަށް 20 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑުން އެ އަދަދަށް ޕޮއިންޓް ހަމަކުރީ 22 މެޗު ކުޅެގެންނެވެ. ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ 21 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ.
ވުލްވްސް އިން މި އަހަރު ފެށި ފަހުން ފުރަތަމަ މޮޅު ހޯދީ ފަހަތުން އަރައި އާސެނަލް ބަލިކޮށްގެންނެވެ. ނިކޮލަސް ޕެޕޭ 32 ވަނަ މިނިޓްގައި ޖެހި ގޯލުން އާސެނަލް ލީޑުނަގާފައިވަނިކޮށް މެޗުގެ އޮއެވަރު ބަދަލުވެގެންދިޔައީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި އާސެނަލްގެ ޑޭވިޑް ލުއިޒް އަށް ރަތް ކާޑު ދެއްކުމުންނެވެ. ލުއިޒަށް ރަތް ކާޑެއް ދެއްކީ އޭރިއާތެރެއިން ވުލްވްސްގެ ވިލިއަން ހޯސޭ އަށް ފައުލުކުރުމުންނެވެ. އެ ފައުލަށް ރެފްރީ ދިން ޕެނަލްޓީން ރުބެން ނެވޭސް ވަނީ ވުލްވްސް އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ އޭރިއާ ބޭރުން ޔާއޯ މުޓީނިއޯ ފޮނުވާލި ޝޮޓަކުން ޖެހި ގޯލުން ވުލްވްސް އިން ލީޑުނެގި އެވެ. އާސެނަލުން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ 72 ވަނަ މިނިޓްގައި އެ ޓީމުގެ ގޯލްކީޕަރު ބާން ލޭނޯ އޭރިއާ ބޭރުން ބޯޅައިގައި އަތްލުމުން އޭނާ އަށް ރަތް ކާޑު ދެއްކުމުންނެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ފުރަތަމަ ހާފުގައި ޓީމު އަތުގައި މެޗުގެ ކޮންޓްރޯލް އޮއްވައި ހުރިހާ ކަމެއް ބަދަލުވީ ލުއިޒްގެ ރަތް ކާޑުން ކަމަށެވެ. އާސެނަލް ލީގުގެ 10 ވަނައިގައި އޮތީ 21 މެޗުން 31 ޕޮއިންޓް ހޯދައިގެންނެެވެ.
ލީގުގައި ނުވަ ގޯލުގެ ތަފާތުން ރޭގެ ކުރިން މޮޅުވެފައި އޮތީ ދެ ޓީމަކުންނެވެ. އެއީ 1995 ވަނަ އަހަރު އިސްޕްވިޗް ޓައުން އަތުން ޔުނައިޓެޑާއި 2019 ވަނަ އަހަރު ސައުތެމްޓަން ދަނޑުގައި މޮޅުވި ލެސްޓާ އެވެ. ރޭ ސައުތެމްޓަން ކޮޅަށް ޔުނައިޓެޑުން ނުވަ ގޯލު ޖެހިއިރު، އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި އެވެ.
މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ސައުތެމްޓަންގެ ޒުވާން ކުޅުންތެރިޔާ އަލެކްސަންޑަ ޔަންކެވިޓްޒް އަށް ރަތް ކާޑެއް ދެއްކިއިރު، ޔުނައިޓެޑުން ފުރަތަމަ ހާފު ނިންމާލީ ހަތަރު ގޯލުގެ ލީޑަކާ އެކު އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ އާރޮން ވަން ބިސާކާ، މާކަޝް ރެޝްފޯޑް، އެޑިންސަން ކަވާނީގެ އިތުރުން ސައުތެމްޓަންގެ ޑިފެންޑަރު ޔެން ބެޑްނަރެކް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އެންތަނީ މާޝިއަލް އާއި ސްކޮޓް މެކްޓޮމިނޭ ދެ ވަނަ ހާފުގައި ޔުނައިޓެޑަށް އިތުރު ދެ ގޯލު ޖަހާފައިވަނިކޮށް މެޗުގެ 86 ވަނަ މިނިޓްގައި ބެޑްނަރެކަށް ރަތް ކާޑެއް ދެއްކުމުން ސައުތެމްޓަންގެ އިތުރު ކުޅުންތެރިއަކު މަދުވި އެވެ. ސައުތެމްޓަނުން ދެ ކުޅުންތެރިން މަދުވުމުގެ ފައިދާނަގައި ޔުނައިޓެޑުން ފަހުން ތިން ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް އާއި މާޝިއަލް އަދި ޑެނިއަލް ޖޭމްސް އެވެ.
ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އިން ވަނީ ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑް 2-1 އިން ބަލިކޮށްފަ އެވެ.
ފަހު ވަގުތު މޮޅުވެ ޔުނައިޓެޑް ދެ ވަނަ އަށް
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލިވަޕޫލާއި ޔުނައިޓެޑް އެއްވަރުވެ އާސެނަލް އެއްވަނަ އަށް
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ރައިސްގެ ހާއްސަގޯލުން އާސެނަލްއިން ޔުނައިޓެޑް ބަލިކޮށްފި