Roadha Mihaaru
"އަތްނުލައި" އަަރައި ބޭލޭ ބޫޓެއް ނައިކީން ހަދައިފި

"އަތްނުލައި" އަަރައި ބޭލޭ ބޫޓެއް ނައިކީން ހަދައިފި

04 ފެބުރުއަރީ 2021

އަރައި ބާލަން ފަސޭހަ ބޫޓެއް އެތުލީޓުންނަށް ހާއްސަކޮށްގެން ނައިކީން އުފައްދައި އެ ނެރެން ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަރައި ބާލަން ފަސޭހަ ބޫޓެއް އެތުލީޓުންނަށް ހާއްސަކޮށްގެން ނައިކީން އުފައްދައި އެ ނެރެން ތައްޔާރުވާން ފަށައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި "ގޯ ފްލައި-އީޒް" ގެ ނަން ދީފައިވާ ބޫޓުގެ އެންމެ ހާއްސަ ސިފަ އަކީ އާންމުކޮށް ބޫޓަށް އަރައި ބާލަން އަތުގެ ބޭނުންކުރަން ޖެހުނަސް އާ ބޫޓަށް އަތުގެ އެހީ އެއްވެސް ވަރަކަށް ބޭނުން ނުވުމެވެ. އެހެންވެ މި ބޫޓު ނައިކީން ސިފަކުރަނީ "ހޭންޑްސް-ފްރީ" ފުރަތަމަ ބޫޓްގެ ގޮތުގަ އެވެ.

ބޫޓް ފަރުމާކޮށްފައި ވަނީ ފައި ކޮއްޕާ ތަނުގައި ފައި ޖައްސާލައި ޕައިކޮއްޕަން ފަސޭހަކޮށްދޭން އޭގެ ޒާތުގައި "ހުޅުވި" ބާރުކޮށްދޭ ގޮތަށެވެ. އަދި ބާލަން ބޭނުންވުމުން ވެސް ހަމަ އެގޮތަށް ބޫޓު މަސައްކަތްކޮށް ދޭނެ އެވެ.

ނައިކީން ބުނީ މިކަހަލަ ބޫޓެއް ނެރުމުގެ މައިގަނޑު އެއް މަގުސަދަކީ އެކި ކަހަލަ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ބޭނުންކުރަން ފަސޭހަ އުފެއްދުމެއް ގެނެސްދިނުމެވެ. މި ސަބަބާ ހުރެ ބޫޓް އުފެއްދުމުގައި އިންސްޕިރޭޝަނަކަށް ކުންފުނިން ބަލާފައި ވަނީ ޕެރަލިމްޕިއަން ޗެމްޕިއަނެއް ކަމަށްވާ އިޓަލީގެ ވީލްޗެއާ ފެންސާ ބީޓްރީސް ވިއޯ (ބިބީ ވިއޯ)، 23، އެވެ.

"ގޯ ފްލައި-އީޒް" އާ ބެހޭ ގޮތުން ވިއޯ ބުނީ ނައިކީން މިހާރު މި ހޯދައިދިނީ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

"މިހާރު ބޫޓަށް އަރައި ބާލާކަށް ގުދުވާކަށް ވެސް ނުޖެހޭނެ. އެހެންވީމާ މިއީ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ،" އޭނާ ބުންޏެވެ.

މި މަހުގެ 15 އިން ފެށިގެން "ގޯ ފްލައި-އީޒް" ނައިކީގެ ހާއްސަ ކަސްޓަމަރުންނަށް ވިއްކަން ފެށި ނަމަވެސް އާންމުކޮށް ވިއްކަން ފަށާނީ މި އަހަރުގެ ފަހުކޮޅު އެވެ. އަގަކީ 120 ޑޮލަރު (1,848ރ.) އެވެ.