Roadha Mihaaru
އެތުލެޓިކޯ އެއްވަރުވިއިރު ސުއަރޭޒަށް ރެކޯޑެއް

އެތުލެޓިކޯ އެއްވަރުވިއިރު ސުއަރޭޒަށް ރެކޯޑެއް

09 ފެބުރުއަރީ 2021

މެޑްރިޑް (ފެބްރުއަރީ 9) - ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވިގޯއާ 2-2 އިން އެތުލެޓިކޯ މެޑްރިޑް އެއްވަރުވި މެޗުގައި އެ ޓީމުގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ލީގުގެ ލަނޑު ޖެހުމުގެ ރެކޯޑެއް ގާއިމްކޮށްފި އެވެ.

މެޑްރިޑް (ފެބްރުއަރީ 9) - ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވިގޯއާ 2-2 އިން އެތުލެޓިކޯ މެޑްރިޑް އެއްވަރުވި މެޗުގައި އެ ޓީމުގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ލީގުގެ ލަނޑު ޖެހުމުގެ ރެކޯޑެއް ގާއިމްކޮށްފި އެވެ.

ރޭގެ މެޗުން އެތުލެޓިކޯ އެއްވަރުވުމުން އެއް ވަަނައިގައި އެ ޓީމުގެ ލީޑުވަނީ އަށް ޕޮއިންޓަށް ކުޑަވެފަ އެވެ. އެތުލެޓިކޯ އެއް ވަނައިގައި އޮތީ 20 މެޗުން 51 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އާއި ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން 43 ޕޮއިންޓް ހަމަކޮށްފައިވަނީ 21 މެޗު ކުޅެގެންނެވެ.

ސުއަރޭޒް ރޭގެ މެޗުގައި ޖެހި ދެ ގޯލާ އެކު އޭނާ ވަނީ އެތުލެޓިކޯ އަށް ލީގުގައި ކުޅުނު ފުރަތަމަ 17 މެޗުން 16 ގޯލު ޖަހައިފަ އެވެ. މިއީ މިދިޔަ 20 އަހަރު ތެރޭ ސްޕެނިޝް ލީގުގައި އާ ކްލަބަކާ އެކު ނުކުމެ ކުޅުންތެރިއަކު އެންމެ އަވަހަށް މި އަދަދަށް ގޯލު ޖެހި ފަަހަރެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 2009-2010 ވަނަ އަހަރު ރެއާލާ އެކު ނުކުތް ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގަ އެވެ. މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ރެއާލަށް ބަދަލުވި ފުރަތަމަ ސީޒަނުގައި ރޮނާލްޑޯ ވަނީ ލީގުގެ ފުރަތަމަ 18 މެޗުން 15 ގޯލު ޖަހައިފަ އެވެ.

ރޭގެ މެޗުގެ 13 ވަނަ މިނިޓްގައި ސެލްޓަގެ ސަންޓީ މިނާ ބޮލުން ޖެހި ގޯލުން އެ ޓީމު ލީޑުނެގި އެވެ. ސުއަރޭޒް އެތުލެޓިކޯ ކޮޅަށް ނަތީޖާ އަނބުރާލީ ފުރަތަމަ ހާފުގެ ފަހު ކޮޅާއި ދެ ވަނަ ހާފްގެ ކުރީކޮޅުގައި ލަނޑުތައް ޖަހައިގެންނެވެ. އެތުލެޓިކޯ މޮޅުވާނެ ކަމަށް ނިންމައިގެން ހުއްޓައި ސެލްޓަ އިން އެއްވަރުކުރީ މެޗުގެ ފަހު މިނިޓްގަ އެވެ. މި ގޯލު ކާމިޔާބުކުރީ ފަކުންޑޯ ފެރޭރާ އެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ އޭނާގެ ޓީމުން ރަނގަޅަށް ކުޅުނު ކަމަށާއި އެކަމަކު ފަހު ވަގުތު ސެލްޓަ އިން ކުރި ހިތްވަރަށް ބަލާއިރު މެޗު އެއްވަރުވެގެން ނިމުމަކީ އިންސާފުވެރި ނަތީޖާއެއް ކަމަށެވެ.

މިއީ ލީގުގައި އެންމެ ފަހުން އެތުލެޓިކޯ ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅެއް ނުލިބި ނިންމާލި ފުރަތަމަ މެޗެވެ. އެތުލެޓިކޯ އަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ޓީމުގެ މުހިއްމު ކުޅުންތެރިން ނުލައި ކުޅެން ޖެހުމެވެ. ވައިރަހަށް ޕޮޒިޓިވްވެފައިވާ ކުޅުންތެރިންނަށް ބަލާއިރު ތޯމަސް ލެމާ، ހެކްޓާ ހެރޭރާ، މާރިއޯ ހާމޯސޯ، ޔާއޯ ފެލިކްސް އަދި މޫސާ ޑެމްބެލޭ ހިމެނެ އެވެ.