Roadha Mihaaru
ވީޑިއޯ ގޭމް ކުޅެން ކޮރެއާގެ ސިނަމާތަކެއް ކުއްޔަށް ދެނީ

ވީޑިއޯ ގޭމް ކުޅެން ދެކުނު ކޮރެއާގެ ސިނަމާތަކެއް ކުއްޔަށް ދެނީ

13 ފެބުރުއަރީ 2021

މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ސިނަމާތަކުގެ ވިޔަފާރި ހުއްޓި އެތަންތަނަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާތީ، ދެކުނު ކޮރެއާގެ އެންމެ ބޮޑު ސިިނަމާ ޗެއިން ސީޖީވީން އެތަނުގެ ސިނަމާ ހޯލުތައް ބޮޑު ސްކްރީނުގައި ވީޑިއޯ ގޭމް ކުޅެން ކުއްޔަށް ދޫކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ސިނަމާތަކުގެ ވިޔަފާރި ހުއްޓި އެތަންތަނަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާތީ، ދެކުނު ކޮރެއާގެ އެންމެ ބޮޑު ސިިނަމާ ޗެއިން ސީޖީވީން އެތަނުގެ ސިނަމާ ހޯލުތައް ބޮޑު ސްކްރީނުގައި ވީޑިއޯ ގޭމް ކުޅެން ކުއްޔަށް ދޫކުރަން ފަށައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ހަތަރު މީހުން ހިމެނޭ ގްރޫޕްތަކަށް ދެ ގަޑިއިރަށް މިހާރު ހޯލުތައް ބުކްކުރެވޭނެ އެވެ. އެގޮތުން ހެނދުނު 6:00 އާއި ހަވީރު ހަވީރު 6:00 އާ ދޭތެރޭ ބުކްކުރާ ނަމަ އަގަކީ ދެ ގަޑިއިރަށް 90 ޑޮލަރެވެ. ރޭގަނޑު ކުއްޔަށް ހިފާ ނަމަ ދެ ގަޑިއަށް ޗާޖްކުރާނީ 135 ޑޮލަރެވެ.

ކުއްޔަށް ދޫކުރާ ސީޖީވީގެ ސިނަމާ ހޯލްތަކަކީ 100-200 މީހުންގެ ޖާގައިގެ ތަންތަނެވެ. ސިނަމާތަކުގައި މިހާރު ފިލްމީ ވިޔަފާރި ނެތުމުން އެތަންތަނުގައި ވީޑިއޯ ގޭމް ކުޅެން ދޫކުރުމަކީ ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ވަންނާނެ ކަމެއް ކަމަށް ސީޖީވީން ބުންޏެވެ.

ބޮޑު ސްކްރީނުގައި ގޭމް ކުޅެން ސިނަމާތައް ހޯލްތައް ކުއްޔަށް ހިފާ އިރު އެކަމަށް ބޭނުންވާ ތަކެތި ގެންދަން ޖެހޭނީ އަމިއްލައަށެވެ. އޭގެ ތެރޭގައި ގޭމް ކުޅެން ބޭނުންވާ އަސާސީ ހުރިހާ އެއްޗެއް ހިމެނެ އެވެ.

ސީޖީވީން ފޯރުކޮށް ދޭނީ އެތަންތަނުގެ ބޮޑު ސްކްރީންތަކާއި ސައުންޑާ އެކު ހަމަހިމޭން ހިތްގައިމު މާހައުލެވެ. މިއީ ގޭމް ތެރެއަށް ވަރަށް ބޮޑަށް ވަދެގެން ކުޅެލަން ބޭނުންވާ މީހުންނަށް ވަރަށް ރަނގަޅު ފުރުސަތެކެވެ. އަދި ގޭމް ކުޅެން ތަން ކުއްޔަށް ހިފާ މީހުންނަށް ޕޮޕްކޯނާއި ބައެއް އެހެން ސްނެކްސްތަކަށް އޯޑަރުކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

"އެޒިޓް-އެކްސް" ގެ ނަމުގައި ސީޖީވީން ފެށި އާ ވިޔަފާރިއާ ބެހޭ ގޮތުން އެ ކުންފުނީގެ އޮފިޝަލެއް ކަމަށްވާ ސިއަންގް ވޫ ހަން ބުނީ މިހާރު ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އޭނާ ބުނި ގޮތުގައި މިފަދަ ގޮތަކަށް ވެސް ސިނަމާތަކުގެ ބޭނުން ހިފޭ ނަމަ އެތަނުގެ ފަޅުކަން ކެނޑި، ތަނަށް ދިރުން އައިސް ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ވަންނާނެ އެވެ.

"ހަމައެކަނި ފިލްމުތައް ދައްކާ ތަނެއްގެ ގޮތުގައި ސިނަމާތައް ހިންގުމުގެ ބަދަލުގައި މިހާރު އާ ވިސްނުންތަކަކަށް ވެސް ދާން ޖެހޭތީ އެކަމާ ދޭތެރޭ ވިސްނަނިކޮށް ލިބުނު ހިޔާލަކަށް ފެށި ކަމެއް މިއީ. ކޮވިޑް ޕެންޑިމަކަކީ ވަދަށް ގިނަ ފިލާވަޅުތަކެއް ލިއްބައިދިން ކަމެއް،" އޭނާ ބުންޏެވެ.

ސިނަމާ ހޯލެއް ކުއްޔަށް ހިފައިގެން ވީޑިއޯ ގޭމް ކުޅުނު 25 އަަހަރުގެ ޒުވާނަކު ބުނި ގޮތުގައި ސީޖީވީން އެ މީހުންނަށް މި ފަހިކޮށް ދިނީ ވަރަށް ވެސް ރަނގަޅު ފުރުސަތެކެވެ.

"އަސްލު ގޭމްތަކުގެ ޗާލުކަމާއި ފުރިހަކަން ބޮޑު ސްކްރީނުން މާ ސަޅިކޮށް ގެނެސްދޭ. އޭގެ ތެރެއަށް މާ ބޮޑަށް ވެސް ވަދެވޭ. މަންޒަރުތައް ބޮޑުކަމުން މިއީ ހަމަ ސީދާ ގޭމްގެ ތެރޭގައި އުޅެވުން ކަހަލަ ކަމެއް،" އޭނާ ބުންޏެވެ.

ސީޖީވީން ބުނި ގޮތުގައި ގޭމް ކުޅެން ސިނަމާ ހޯލުތައް ކުއްޔަށް ދޭން ފެށި ފަހުން ތަރުހީބު އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންނެވެ.

"ހަމައެކަނި ޒުވާނުންނެއް ވެސް ނޫން. ތިރިހާއި ސާޅީސް އަހަރުގެ ފިރިހެނުންގެ ފަރާތުން ވެސް މިކަމަށް ލިބެމުން އަންނަ ތަރުހީބު ވަރަށް ރަނގަޅު." ސިއަންގް ވިދާޅުވި އެވެ.

ސީޖީވީ އަކީ ދުނިޔޭގައި ފަސް ވަނަ އަށް އެންމެ ގިނަ މަލްޓިޕްލެސް ތިއޭޓަރު ހިންގާ ކުންފުންޏެވެ. އެ ކުންފުނިން ދެކުނު ކޮރެއާގައި އެކަނި ވެސް 1،111 ސިނަމާ އޮޕަރޭޓްކުރެ އެވެ.

ދުނިޔޭގެ ބައެއް ހިސާބުތަކުގައި ވެސް ސިނަމާތަކުގައި އަންނަނީ ތަފާތު އެކި ކަހަކަ ވިޔަފާރިކުރަމުންނެވެ. އޭގެ ތެރޭގައި ސިނަމާތަކުގެ ކެންޓީނުތަޖުން ޓޭކްއަވޭގެ ހިދުމަތް ދިނުމާއި ކުދުކުދި ގްރޫޕްތަކަށް ފިލްމުތަކުގެ ޕްރައިވެޓް ސްކްރީނިން ބޭއްވުން ކަހަލަ ކަންކަން ހިމެނެ އެވެ.