Roadha Mihaaru
ރެޑް ވޭވް ސަލީމް އަނެއްކާވެސް ރައީސް ޔާމީންކޮޅަށް

ރެޑް ވޭވް ސަލީމް އަނެއްކާވެސް ރައީސް ޔާމީން ކޮޅަށް

09 ނޮވެމްބަރ 2016

ހުޅުމާލޭގައި ރެޑްވޭވް އިން 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ސުޕަމާޓް އަތުލަން ދިން މުއްދަތު މިއަދުގެ ނިޔަލަށް ހަމަވެފައި ވަނިކޮށް، ދެފަޅިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދުކުރެއްވި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ކުއްލި ގޮތަކަށް ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރަން ނިންމައިފި އެވެ.

ހުޅުމާލޭގައި ރެޑްވޭވް އިން 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ސުޕަމާޓް އަތުލަން ދިން މުއްދަތު މިއަދުގެ ނިޔަލަށް ހަމަވެފައި ވަނިކޮށް، ދެފަޅިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދުކުރެއްވި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ކުއްލި ގޮތަކަށް ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރަން ނިންމައިފި އެވެ.

ރެޑްވޭވް އިން ހުޅުމާލޭގައި ހެދި ފިހާރަ އާއެކު ހުޅުވަން ޖެހޭ ކެފޭ މިއަދުގެ ނިޔަލަށް ނުހުޅުވައިފި ނަމަ ފިހާރައިގެ އިތުރުން އެ ކުންފުނިން ހަދަން ނިންމާފައިވާ ބޮޑު ގުދަނުގެ އެއްބަސްވުން ބާތިލުކޮށް ތަން އަތުލާނެ ކަމުގެ އިންޒާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ދިނީ މި މަހުގެ ދެވަނަ ދުވަހު އެވެ.

މެމްބަރު ސަލީމްގެ ކުންފުނިން ހިންގާ ފިހާރައާއެކު ހުޅުވަން ޖެހޭ ކެފޭ އިއްޔެގެ ނިޔަލަށް ނުހުޅުވި ލަސްވީ ހެލްތު މިނިސްޓްރީން ދޭން ޖެހޭ ހުއްދަ އެންމެފަހު ވަގުތު ނުދީ ހިފެހެއްޓުމުންނެވެ.

އެ ފިހާރައާއެކު ހުޅުވަން ޖެހޭ ކެފޭއަށް ދިން މުހުލަތު އިއްޔެ ހަމަވިއިރު ރެޑްވޭވްއާ އެކު އެޗްޑީސީން ހެދި އެއްބަސްވުން ބާތިލުކުރި ކަމެއް އެނގިފައެއްނުވެ އެވެ.

ސަލީމާއި ޝުޖާއުގެ ވިސްނުން ބަދަލުކުރެއްވުމަށް ފަހު ފިނޭންސް މިނިސްޓްރީ ކުރިމަތީގައި މިއަދު މެންދުރު ނޫސްވެރިންނާ ބައްދަލުކުރައްވަމުން ސަލީމް ވިދާޅުވީ "އަޅުގަނޑު މިހިރީ ޔާމީނާއެކީ" ކަމަށެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުންތަކެއް އޭރު ހުރި. އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެވިދާނެ ކަމަށް [ދެކެނީ] އަދި އަޅުގަނޑުމެން ވާހަކަދައްކައިގެން ހައްލުތަކެއް އަންނާނެ،" ކަންބޮޑުވުންތަކުގެ ތަފުސީލެއް ނުދެއްވައި އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ރައީސް މައުމޫނަށް ތާއީދުކުރަން ނިންމި ނިންމުން އޭދަފުށީ ރައްޔިތުން ގަބޫލެއް ނުކުރާ ކަމަށެވެ. އަދި ރައްޔިތުންގެ 90 ޕަސެންޓްގެ އެދުމަކީ ހަމަ ރައީސް ޔާމީނާއެކު މަސައްކަތްކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ރެޑްވޭވުން ހެދި ފިހާރަ ހުޅުވައިދެއްވުމަށް ފަހު މެމްބަރު ސަލީމް އިކޮނޮމިކް މިނިސްޓަރު ސައީދުއާ ސަލާމްކުރައްވާއިރު އެޗްޑީސީގެ އެމްޑީ ސައިމަން އާއި މެމްބަރު ސުޖާއު ފަހަތުގައި.---ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ރެޑްވޭވުން ހެދި ފިހާރަ ހުޅުވައިދެއްވުމަށް ފަހު މެމްބަރު ސަލީމް އިކޮނޮމިކް މިނިސްޓަރު ސައީދުއާ ސަލާމްކުރައްވާއިރު އެޗްޑީސީގެ އެމްޑީ ސައިމަން އާއި މެމްބަރު ސުޖާއު ފަހަތުގައި.---ފޮޓޯ: އެޗްޑީސީ

"އަޅުގަނޑު ކައިރިއަށް ރަށުގެ ވަރަށް ގިނަ ވަފުދުތައް ވެސް އަތުވެއްޖެ. މާލެ އައިސް އަޅުގަނޑަށް އާދޭސްކޮށް ތިމަންނަމެން ބޭނުންވާ ގޮތަކީ ރައީސް ޔާމީނާއެކު އިގްތިސޯދީ ތަރައްގީ މަޝްރޫއުތައް ކުރިޔަށް ގެންދިއުމޭ،" ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާ އެކު ހުންނަވައި ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ރައީސް ޔާމީނާ އަޅުގަނޑުމެންނާ އެއްއިރެއްގައި ވެސް ދެކޮޅެއް ނޫން" ކަމަށެވެ. އަދި ހިޔާލު ތަފާތުވުމަކީ އިންސާނުންގެ ތެރޭގައި އޮންނާނެ ކަމެއް ކަމަށާއި އެގޮތުން ކުރިން ނިންމީ އެފަދަ ނިންމި ނިންމުމެއް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

"މިހާރު އެ ހިޔާލުތަފާތުވުންތައް ގާތްގަނޑަކަށް އޮތީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.

އެކަމަކު މިދިޔަ ހުކުރު ދުވަހު ސަލީމް "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ ގެދޮރާއި މުޅި މުދާ އެއްކޮށް ސަރުކާރަށް ނެގިޔަސް އިސްލާހަށް ކުރާ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށެވެ. "އަޅުގަނޑު އެތަން މި ހިންގަނީ މާލެ އަށްވުރެ ހެޔޮ އަގުގައި އެތަނުގައި ދިރިއުޅޭ މީހުންނަށް ތަކެތި ވިއްކަން ވަރަށް ބޮޑު ހޭދައެއްކޮށްގެން. އެހެން ހިންގަނިކޮށް އެއްބަސްވުމާ ހިލާފު ނުވަނީސް މި އިންޒާރުދިނީ އެތައް ހާސް ރައްޔިތުންނަށް އަނިޔާވެރިވުމަށް،" އޭނާ ވިދާޅުވި އެވެ.

ފިހާރައިގެ އެއްބަސްވުން ބާތިލުކުރިކަން އަންގައިފިތޯ އެހުމުން ސަލީމް މިއަދު ވިދާޅުވީ އެއްބަސްވުން އަދި ބާތިލު ނުކުރާ ކަމަށެވެ. އަދި އެޗްޑީސީން ދިން މުއްދަތު ހަމަވާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށް އެޗްޑީސީން ފޮނުވި ސިޓީން އެނގެން އެބައޮތް ކަމަށެވެ.

ހުޅުމާލޭގައި ރެޑްވޭވުން ހިންގާ ފިހާރަ: މި ފިހާރައާ އެކު ހުޅުވަންޖެހޭ ކެފޭއަށް ހެލްތުން ހުއްދަ ނުލިބޭ ކަމަށް ސަލީމް ރޭގައި ވިދާޅުވި.

ހުޅުމާލޭގައި ރެޑްވޭވުން ހިންގާ ފިހާރަ: މި ފިހާރައާ އެކު ހުޅުވަންޖެހޭ ކެފޭއަށް ހެލްތުން ހުއްދަ ނުލިބޭ ކަމަށް ސަލީމް ރޭގައި ވިދާޅުވި.

ނަމަވެސް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ރެޑްވޭވް ފިހާރަ އަށް ދިން ނޯޓިސްގެ މުއްދަތު ހަމަވުމުން އެއްބަސްވުމުގައިވާ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް ސަލީމް އެނބުރި ރައީސް ޔާމީނަށް ތާއީދުކުރައްވަން ނިންމެވި ފަހުން، މިއަދު އެކަމާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް އޭނާ ޖަވާބެއް ނުދެއްވަ އެވެ.

އެޗްޑީސީގެ ޑިރެކްޓަރު ބިޒްނަސް ޑިވެލޮޕްމަންޓް ނަޝްވާ އަބްދުﷲ ސޮއިކުރައްވައި ރެޑްވޭވް އަށް މިދިޔަ މަހުގެ ދިހަ ވަނަ ދުވަހު ފޮނުވި ސިޓީގައި ވަނީ އެން 3 ކޮމާޝަލް ބިލްޑިންގައި ހުޅުވަން ޖެހޭ ކެފޭ އެއްބަސްވުމުގައި ސޮއިކުރާތާ ހަމަސް ދުވަހުގެ ތެރޭގައި ހުޅުވަން ޖެހޭ ކަމަށެވެ. އަދި އެ މުއްދަތުގައި ނުހުޅުވުމުން 15،000ރ. އިން ޖޫރިމަނާކުރުމަށް ފަހު އިތުުރު އެއްމަސް ދުވަސްދީފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

އެ ސިޓީއާ ގުޅިގެން މުއްދަތު ތިން މަހަށް އިތުރުކުރުމަށް އެދި ރެޑްވޭވުން ފޮނުވި ސިޓީގެ ޖަވާބުގައި އޮކްޓޯބަރު 13 ވަނަ ދުވަހު އެޗްޑީސީން ބުނެފައި ވަނީ އެ ފަރާތުން އެދިފައިވާ ތިން މަސް ދުވަހުގެ ބަދަލުގައި ދެ މަސް ދުވަސް ދޭން ނިންމާފައިވާ ކަމަށެވެ.

އެކަމަކު އެޗްޑީސީން ފޮނުވި އެ ސިޓީގައިވާ ގޮތުން ދެ މަސް ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. ނަމަވެސް އެ ސިޓީގަައި ބުނެފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހުގެ ކުރިން އެ ކެފޭ ހުޅުވަން ޖެހޭނެ ކަމަށެވެ. އަދި އެންމެ ފަހުން އިއްޔެ ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މުއްދަތުގެ ކުރިން ކެފޭ ނުހުޅުވައިފި ނަމަ ފިހާރަ އާއި ގުދަނުގެ އެއްބަސްވުން ވެސް ބާތިލުކުރާނެ ކަމަށެވެ.

ސަލީމާއެކު ނޫސްވެރިންނާ ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ވަނީ ރައީސް މައުމޫން ފެކްޝަންގެ ސްޕޯކްސް ޕާސަން ކަމުގެ މަގާމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވިކަން އަންގަވާފައިވާނެ ކަމަށެވެ.