Roadha Mihaaru
ކަރަންޓީނު އުސޫލާ ދެކޮޅަށް ޖޮކޮވިޗް ވާހަކަ ދައްކައިފި

ކަރަންޓީނުވާންޖެހޭ ނަމަ މުބާރާތްތަކުން ކުޅުންތެރިން ވަކިވާނެ: ޖޮކޮވިޗް

17 ފެބުރުއަރީ 2021

މެލްބަން (ފެބްރުއަރީ 17) - ޓެނިސް ސީޒަނުގެ މުބާރާތްތަކުގެ ކުރިން ކަރަންޓީނުވާން ޖެހޭ ގޮތަށް އޮންނަ އުސޫލަށް އަމަލުކޮށްގެން ކުރިއަށްދާ ނަމަ އެތައް މުބާރާތަކުން ކުޅުންތެރިން ވަކިވާނެ ކަމަށް، މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

މެލްބަން (ފެބްރުއަރީ 17) - ޓެނިސް ސީޒަނުގެ މުބާރާތްތަކުގެ ކުރިން ކަރަންޓީނުވާން ޖެހޭ ގޮތަށް އޮންނަ އުސޫލަށް އަމަލުކޮށްގެން ކުރިއަށްދާ ނަމަ އެތައް މުބާރާތަކުން ކުޅުންތެރިން ވަކިވާނެ ކަމަށް، މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުރިން، މުބާރާތުގެ ގަވާއިދު އޮތްގޮތުން ކުޅުންތެރިން ވަނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކޮށްފަ އެވެ. އެއީ ކޮވިޑް-19 އިން ރައްކާތެރިވުމުުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އުމުރުން 33 އަހަރުގެ ޖޮކޮވިޗް ބުނީ މިއީ ކުޅުންތެރިންގެ ހައްގުގައި ދައްކަންޖެހޭ ވާހަކައެއް ކަމަށާއި ބޭނުމަކީ ކުޅުންތެރިންނަށް ވެސް ރަނގަޅު އުސޫލެއް ހަމަޖެހިފައި އޮތުން ކަމަށެވެ.

"(ކަރަންޓީނުކުރާ ގޮތަށް އޮތުމަކީ) އެއީ ކުޅުންތެރިންގެ ސިއްހަތަށް ބަލާއިރު ވެސް ރަނގަޅަށް އޮތް އުސޫލެއް ނޫން. މިހާރު މި ފެންނަ ކުޅުންތެރިންގެ އަނިޔާގެ މައްސަލަތަކަކީ ވެސް އެ ގޮތަށް ހުރި ބައެއް އުސޫލު (ކަރަންޓީނުވުން) ތަކުގެ ސަބަބުން ދިމާވާ ކަމެއްގެ ގޮތުގައި ބެލެވެނީ،" ޖޮކޮވިޗް ބުންޏެވެ.

މިހާތަނަށް އޮސްޓްރޭލިއަން އޯޕަންގެ ހަ މެޗެއްގައި ކުޅުންތެރިންނަށް ދިމާވި އަނިޔާއެއްގެ ސަބަބުން މެޗު ކުރިއަށް ނުގެންދެވިގެން ވަނީ ނިންމާލަން ޖެހިފަ އެވެ. ޖޮކޮވިޗްގެ ބަނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އޭނާ ވެސް މެޗުތަކުގައި ކުޅެނީ ޑޮކްޓަރުގެ ހުއްދަ ނަގައިގެން ސިއްހީ ގޮތުން ބަލަންޖެހޭ ހުރިހާ ކަމަކަށް ރަނގަޅަށް ފަރުވާ ބަހައްޓައިގެންނެވެ.

އަނިޔާގެ މައްސަލަތައް ދިމާވި އެހެން ކުޅުންތެރިންނަށް ބަލާއިރު، ރަފައެލް ނަޑާލާއި ޖޮހާނާ ކޮންޓާ، ހެތަ ވެޓްސަން އަދި ގްރީގޯ ޑިމިޓްރޯވް ހިމެނެ އެވެ.

ޓެނިހުގެ ރަސްމީ އިދާރާތަކުން އަންނަނީ ކަރަންޓީނު އުސޫލަށް ގެނެވޭނެ ހައްލެއް ހޯދުމަށް މަޝްވަރާތައް ފަށައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އޮސްޓްރޭލިއަން އޯޕަން ނިމުމާ އެކު ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިން ވެކްސިން ޖަހަން އަންގާނެ އެވެ.