Roadha Mihaaru
ބީއެމްއެލް އިސްލާމިކްގެ އެކައުންޓްތަކަށް އެއް ބިލިއަން!

ބީއެމްއެލް އިސްލާމިކްގެ އެކައުންޓްތަކަށް ޖަމާކުރި ފައިސާގެ އަދަދު އެއް ބިލިއަނަށް

17 ފެބުރުއަރީ 2021

މީގެ ހަ އަހަރު ކުރިން ބޭންކް އޮފް މޯލްޑިވްސް އިން ފެށި އިސްލާމިކް ބޭންކިން ހިދުމަތަށް ފުޅާވެ އެކައުންޓްތަކަށް ޑިޕޮސިޓްކޮށްފައިވާ އަދަދު އެއް ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މީގެ ހަ އަހަރު ކުރިން ބޭންކް އޮފް މޯލްޑިވްސް އިން ފެށި އިސްލާމިކް ބޭންކިން ހިދުމަތަށް ފުޅާވެ އެކައުންޓްތަކަށް ޑިޕޮސިޓްކޮށްފައިވާ އަދަދު އެއް ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ތައާރަފްކުރި ހިސާބުން ފެށިގެން ދިވެހިންގެ މެދުގައި އިސްލާމިކް ފައިނޭންސިން ހިދުމަތްތަކަށް އޮތް ޑިމާންޑް ވަނީ ބޮޑުވެފަ އެވެ. ބީއެމްއެލް އިސްލާމިކްގެ އެސެޓާއި ފައިނޭންސަށް ވަރަށް ބޮޑު ކުރިއެރުމެއް މިކަމުގެ ސަބަބުން ލިބުނެވެ.

ބޭންކުގެ ބްރާންޗުތަކުންނާއި އޭޓީއެމް އަދި ޕީއޯއެސް ޓަމިނަލްތަކުގެ އިތުރުން އިންޓަނެޓް ބޭންކިން އާއި މޯބައިލް ބޭންކިން ޕްލެޓްފޯމް މެދުވެރިކޮށް ކަސްޓަމަރުންނަށް ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ލިބެ އެވެ.

ބީއެމްއެލް އިސްލާމިކުން ދޫކުރާ ފައިނޭންސިންގެ ޖުމްލަ އަދަދު ފާއިތުވި ތިން އަހަރު ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.

މިދިޔަ އަހަރާ ހަމަޔަށް 2018 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސާ ކުރެވިފައިވާ އެކައުންޓްތަކަށް ޑިޕޮސިޓްކޮށްފައިވާ އަދަދު 1.02 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް 1.07 ބިލިއަން ރުފިޔާގެ ފައިނޭންސް ވަނީ ދޫކޮށްފަ އެވެ.

ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސިންގެ 92 ޕަސެންޓް ދޫކުރީ ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމަށެވެ. އަދި ހަތަރު ޕަސެންޓް ދޫކުރީ ގެސްޓް ހައުސްތަކަށާއި ވިޔަފާރީގެ ވޯކިން ކެޕިޓަލަށެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށް ޝަރުޢީ ހަމަތަކަށް ފެތޭ ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފައި ވާއިރު ޖުމްލަ ފައިނޭންސިން އަށް 19 ޕަސެންޓްގެ ކުރިއެރުން ލިބިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ލުއި ޝަރުތަކާ އެކު އާ ޕްރޮޑަކްޓްތައް ތައާރަފްކުރަން ފެށި އެވެ. ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން 45 ޕަސެންޓް ކަސްޓަމަރުންނަކީ އަލަށް ބޭންކާ ގުޅުނު ކަސްޓަމަރުންނެވެ.