Roadha Mihaaru
އިންޑިއާގެ ފޮރިން މިނިސްޓަރާ ރައީސް ބައްދަލުކުރައްވައިފި

އިންޑިއާއިން ދެމުން އަންނަ އެހީއަށް ރައީސްގެ ޝުކުރު

21 ފެބުރުއަރީ 2021

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ދިން މާލީ އެހީ އާއި ރާއްޖެ އަށް ހަދިޔާކުރި ވެކްސިނަށް، އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލު ކުރައްވައި އިންޑިއާ ސަރުކާރަށް ޝުކުރުއަދާކުރައްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ދިން މާލީ އެހީ އާއި ރާއްޖެ އަށް ހަދިޔާކުރި ވެކްސިނަށް، އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލު ކުރައްވައި އިންޑިއާ ސަރުކާރަށް ޝުކުރުއަދާކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ. އަދި އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް ވެކްސިން އަކީ މި ބަލިމަޑުކަމުން އަރައިގަންނަން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު އިންޑިއާ އިން ވަނީ ރާއްޖެ އަށް ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފަ އެވެ. އިންޑިއާގެ ފޮރިން މިނިސްޓަރު އިއްޔެ ވިދާޅުވީ، އިިތުރު 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކުރާނެ ކަމަށެވެ.

ކޮވިޑުން ރައްކާތެރިވާން ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި، އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް ތައުރީފްކުރެއްވި އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގައި ދެ ގައުމުން ވަނީ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ބްރޯޑްކާސްޓިން ދާއިރާ ތަރައްގީކުރުމާއި އައްޑޫ ސިޓީގެ މަގުތައް ހެދުމާއި ފެންހިންދުމުގެ ނިޒާމް ގާއިމްކުރަން ހިމެނެ އެވެ. އަދި ދިފާއީ ދާއިރާގެ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު މިއަދު ވަނީ ނިންމަވާލައްވައިފަ އެވެ.