Roadha Mihaaru
ލާމަރުކަޒު ކުރުމަކީ ތަރައްގީގެ ބޮޑު ޕްރޮޖެކްޓް: ރައީސް

ބާރުތައް ދޫކޮށްލައި، ލާމަރުކަޒު ކުރުމަކީ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓް: ރައީސް

25 ފެބުރުއަރީ 2021

ބާރުތައް ރައްޔިތުންނަށް ދޫކޮށްލައި، ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމަކީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބާރުތައް ރައްޔިތުންނަށް ދޫކޮށްލައި، ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމަކީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރީގެ ރަސްކަމުގެ ޒަމާނުން ފެށިގެން ވެސް ރާއްޖެ ހިނގަމުން އައީ މަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށާއި ރައްޔިތުންގެ ހުރިހާ މުދަލުގެ މައްޗަށް ގޮތް ކިޔަމުން އައީ މައި ސަރުކާރުން ކަމަށެވެ. އޭގެ ސަބަބުން އަތޮޅު ތެރޭގައި ތިބި ރައްޔިތުން އުފުލަމުން އައި ތަކްލީފު އެމްޑީޕީއަށް އިހްސާސް ކުރެވޭ ކަމަށް ވިދާޅުވި އެވެ.

"އަތުގައި ބާރުތައް ހިފަހައްޓައިގެން ތިބުމަށް ވުރެ މާބޮޑު ނިޔަތެއް އަޅުގަނޑުމެންގެ އެބައޮތް. އެއީ އޮތް ނަމަ އޮޮތް ހުރަހެއް ގިރާކޮށް އެ ބާރުތައް އޭގެ ހަގީގީ މާނައިގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮށްލުން. އެއީ އަޅުގަނޑުމެން މާ ކުރިން ނިޔަތް ގަނެފައިވާ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓް،"

އެ ތަރައްގީގެ އަސާސަކީ ތައުލީމާއި ހުނަރާއި އިންސާނީ ވަސީލަތްތަކާއި ސިއްހީ ދާއިރާ އާއި ދިރިއުޅުމުގެ އަސާސީ އަދި ޒަރޫރަތުތަކާއި ވިޔަފާރި އާއި އިގްތިސާދީ ހަރަކާތްތަކާއި ދަތުރުފަތުރާއި މުވާސަލާތުގެ ހުރިހާ ދާއިރާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބާރުތައް މައި ސަރުކާރުގެ ދަށުގައި އޮތުމަކީ ރައްޔިތުންގެ މިނިވަން ކަމާއި ތަރައްގީ ހިފެހެއްޓުމެވެ. ބާރުތައް ދޫކޮށްލުން ލަސްވަމުން ދިޔައީ އެކަމަށް ސަރުކާރުތަކުން ބޭނުން ނުވާތީ ކަމަށް ވިދާޅުވި އެވެ.

ބާރުތައް ދޫކޮށްލުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި ހިނގި ކަންކަން އެމަނިކުފާނަށް ފެނިވަޑައިގަތް ކަމަށާއި އެމްޑީޕީއަކީ އެކަން ބަދަލުކޮށް، އެ ނިޒާމް ދަސްވެފައިވާ ހަމައެކަނި ޕާޓީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ދިވެހިންގެ މައްޗަށް ހިންގާ އަމްރު މައުރޫފްގެ މުރަނަ ވެރިކަން ދިވެހި ރައްޔިތުންނާ އެކީ އެ ރައްޔިތުންގެ ބައިވެެރިވުމާ އެކު ހިންގާ ހެޔޮވެރިކަމަކަށް ފުރޮޅާލި ޕާޓީ،" ރައީސް ވިދާޅުވި އެވެ.

މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. --- ފޮޓޯ/އެމްޑީޕީ

މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. --- ފޮޓޯ/އެމްޑީޕީ

ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ލާމަރުކަޒީ ނިޒާމުގެ މުހިންމުކަން އިހްސާސް ކުރެވިއްޖެ ކަމަށެވެ. ރަށްރަށުގައި ވަކި ޓާސްކްފޯސް ހަދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅި ނަމަ، އަތޮޅުތަކުގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ސިއްހީ ދާއިރާ އަށް ލާމަރުކަޒީ ބަދަލުތައް މިހާރަށް ވުރެން ފުޅާކޮށް ގެންނަވާނެ ކަަމަށް މިރޭ ވެސް ވިދާޅުވި އެވެ. މާލެއިން އެކަނި ލިބެން ހުރި އެތައް ޚިދުމަތެއް އަތޮޅު ތެރެއިން މިހާރު ވެސް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޓާޝަރީ ފަސް ހޮސްޕިޓަލެއްގެ ޒަރީއާއިން ރާއްޖެ މިކަމުގައި ލާމަރުކަޒު ވާނެކަން އެއީ އިރާދަކުރެއްވިއްޔާ އެއީ ކަށަވަރު ކަމެއް. އެންމެން ތިބީ ކޮވިޑްގެ ދަތިކަމުގެ ތެރޭގައި ތާށިވެފައި. އެހެން ވިޔަސް، ކާމިޔާބު މައިބަދައިގެ އޮޕަރޭޝަން އައްޑޫގައި ކުރެވިއްޖެ. ކުޅުދުއްފުށީގައި ސީޓީ ސްކޭން ގާއިމް ކުރެވިއްޖެ. ކުރިން އޮތް ޝައްކު ފިލައި ވެސް ހިނގައްޖެ. ލާ މަރުކަޒުވުން ނޫން ގޮތެއް ނެތިއްޖެ. އެމްޑީޕީ އެ ބައްޓަމަށް ފެތި ނިމިއްޖެ."

އެމަނިކުފާނު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ވާނީ ސިއްހީ ދާއިރާގެ އިތުރުން ޒަރޫރީ ޚިދުމަތްތަކާއި ތައުލީމާއި އިގްތިސާދީ ހަރަކާތްތަކާއި ދަތުރުފަތުރުގެ ނިޒާމުތައް ހިމެނޭހެން ތަރައްގީ ގެނެސްގެންނެވެ. ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ގިނަ ރަށްރަށުގައި މިހާރު ހިނގަމުންދާ ކަމަށާއި އަދިި އަތޮޅު ތެރޭގެ ބަނދަރުތަކަށް އާގު ބޯޓްތައް އިގްތިސާދީ ހަރަކާތްތައް ހިނގަމުންދާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމަށް ބޭނުންވާ ސަރަހައްދީ އިންތިޒާމްތަކުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި ކުދި އަދި މެދު ފަންތީގެ ލޯނުތަކުން ކުދި ވިޔަފާރިތަކަށް ދިރުން ލިބެމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ކައުންސިލްތަކަށް ލިބިފައިވާ ބާރުގެ ތެރެއިން ޓޫރިޒަމް ކުރިއެރުވުމުގެ ބާރު ދީފައިވާ ކަމަށާއި އެއާޕޯޓްތައް އިތުރުވެ، ދަތުރުފަތުރުގެ ނިޒާމު ގާއިމްވުމުން އޭގެ ފައިދާ ރަށްރަށަށް ބޮޑުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން ކައުންސިލްތަކުގެ މިލްކުވެރިކަން އިތުރުވެ، މާލީ ބާރުވެރިކަން ކައުންސިލްތަކަށް ބޮޑުތަނުން ލިބިގެންދާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލާ މަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާ އެކު، މިފަހަރު ހޮވޭ ކައުންސިލްތަކަކީ އެމްޑީޕީން ބޭނުންވާ ފަދަ ފުރިހަމަ ކައުންސިލްތަކަށް ވާނެ ކަމަށެވެ. އަދި އަންހެނުންނަށް ގޮނޑި ޚާއްސަ ކުރުމާ އެކު އަންހެނުންގެ ބައިވެރިވުން ކައުންސިލްތަކުގައި އިތުރަށް ބޮޑުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ލާމަރުކަޒީ ވިސްނުމުގައި ރާއްޖެ ތަރައްގީކުރެވޭނީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކަމާ މެދު ޔަގީންކަން އެބައޮތެވެ.