Roadha Mihaaru
ރައީސްގެ އުއްމީދީ ހިސާބުތައް، ބަދަލު ފެންނާނެ!

ރައީސްގެ އުއްމީދީ ހިސާބުތައް، ބަދަލު ފެންނާނެ!

11 ސެޕްޓެމްބަރ 2022

އެކި ރަށްރަށުގެ ކައުންސިލަރުން އެއްކޮށް، ބޮޑެތި ހަރަދުތަކެއް ކޮށްގެން ވިއަވަތީގެ ނަމުގައި ދެ ކޮންފަރެންސެއް ބާއްވައިފި އެވެ. އެ ބައްދަލުވުންތަކުން ހެޔޮ ބަދަލުތަކެއް ގެނެސް، އޭގެ ތިން ވަނަ ކޮންފަރެންސް ލ. ގަމުގައި މިއަދު ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއްމުކުރެއްވި ހިސާބުތަކާއި ވާހަކަފުޅުތަކުން ބޮޑު މަންޒަރެއް ފެންނަން އެބައޮތެވެ.

އާސިމާ ނިޒާރު ލ. ގަމުން އާސިމާ ނިޒާރު

އެކި ރަށްރަށުގެ ކައުންސިލަރުން އެއްކޮށް، ބޮޑެތި ހަރަދުތަކެއް ކޮށްގެން ވިއަވަތީގެ ނަމުގައި ދެ ކޮންފަރެންސެއް ބާއްވައިފި އެވެ. އެ ބައްދަލުވުންތަކުން ހެޔޮ ބަދަލުތަކެއް ގެނެސް، އޭގެ ތިން ވަނަ ކޮންފަރެންސް ލ. ގަމުގައި މިއަދު ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއްމުކުރެއްވި ހިސާބުތަކާއި ވާހަކަފުޅުތަކުން ބޮޑު މަންޒަރެއް ފެންނަން އެބައޮތެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމެއްގެ އެންމެ ބޮޑު ބޭނުމަކީ އެ މީހަކު ބޭނުންވާ ތަނެއްގައި އުފާވެރި ހަޔާތެއް ހޭދަކުރުމުގެ ފުރުސަތު ދިނުމެވެ. އެކަން ހަގީގަތަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުން، ރާއްޖެ އޮތް ދިގަށް ބެލިޔަސް ވަރަށް ބޮޑު ތަފާތެއް މިހާރު ފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ދިމާ ދޮރުމަތިންނާއި ގެ ހުރި މަގުން، އަމިއްލަ ރަށުން އަދި އަތޮޅާއި މުޅި ރާއްޖެއިން މިހާރު އެ ބަދަލު ފެނި، އަތްލެވި ބެލޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެެ.

ލާމަރުކަޒީ ނިޒާމަކީ މިހާތަނަށް ރާއްޖެ އަށް ގެނެވޭ އެންމެ ބޮޑު އިދާރީ ބަދަލަށް ވިޔަސް، އެ ކޮންމެ ރަށެއްގައި މީގެ ކުރިން އިސްކުރެއް އަދި މޮހޮރެއް ޖެހީ މަރުކަޒީކޮށް، އެ ރަށްތައް ގުޑިނުލެވޭ ވަރު ކުރުމަށް ކަން ރައީސް ފާހަގަކުރެއްވި އެވެ.

"އެހެން ނަމަވެސް، މިހާރު މި ސަރުކާރުން ހިންގާ ކިތަންމެ ބޮޑު މަޝްރޫއެއް ކަމުގައި ވިއަސް އެއީ އެ ރަށަކަށްޓަކައި ކުރާ ކަމެއް. ކަރަންޓެއް، މަގެއް، ބަނދަރެއް، ފެނެއް، ނަރުދަމާއެއް، އެއާޕޯޓެއް ކަމުގައި ވިއަސް، މީގައި ވަކި ތަފާތެއް ނެތް،" އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ހިނގާ ކޮންމެ ސިޔާސަތަކީ ރައްޔިތުން ވީއްލި، އުދުއްސައިގަނެވޭނެ ލާމަރުކަޒީ ޖަޒީރާ ތަރައްގީ. ބޭނުމަކީ ކޮންމެ ރައްޔިތަކަށް ވެސް އެ ރައްޔިތަކު އިހުތިޔާރުކުރާ ތަނެއްގައި، އުފާފާގަތިކަމާއި އާއިލާ ބިނާކޮށް ދިރިއުޅެވޭނެ މަގު ފަހިކުރުން. އެ ރަށުގައި ނެތް، މި ރަށުގައި ހުރި ކިތަންމެ ފުރުސަތަކާއި ހިދުމަތަކާއި ވަސީލަތެއް ރާއްޖޭގެ ކޮންމެ ރަށެއްގައި އެބަހުރި."

އޭގެ މިސާލެއްގެ ގޮތުން އެ މަނިކުފާނު ނެންގެވީ ދަތުރުކުރުމުގެ އިންގިލާބީ ބަދަލަށް މި ސަރުކާރުން ގެންދާ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ގެ ދަތުރެވެ.

"މީގެ ކޮންމެ ދެ ރަށެއް އާރުޓީއެލްގެ ޒަރީއާއިން ދުވާލަކު ދެއިރު ބައްދަލުވެ، ލާމެހި، މާރުވާން ފެށުމުން ލިބޭ ނަތީޖާ ތަފާތުވާނެ. އޭރުން އެ ވާގޮތަކީ ދިރިދިރި ހިނގަހިނގާ އޮތް އިގުތިސޯދެއްގެ ތަނަވަސްކަން އެންމެންނަށް ލިބުން،" ރައީސް ވިދާޅުވި އެވެ.

ލ. ގަމުގައި މިއަދު ފެށި ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ރައީސް އޮފީސް

ލ. ގަމުގައި މިއަދު ފެށި ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ރައީސް އޮފީސް

"މި ދަންނަވާ ތަނަވަސްކަމުގެ މިސާލެއް ދަންނަވާނަން. ތަކަން-މާރަންދޫގެ ހިކަނދި ރާނބާ ފަތް، އެންމެން ވެސް އަބަދުވެސް ބޭނުންވޭ. ހަމަ އެގޮތަށް، ކެލާ ބާރަށުގެ ފަލަމަޑިއަށް ރަށްތަކުން އިންތިޒާރު ކުރޭ. އަދި މިނޫނަސް އެތައް ރަށެއްގެ އާދަޔާ ހިލާފު މާދަރީ އުފެއްދުން ހުރޭ. އާރުޓީއެލް މެދުވެރިކޮށް މި ތަކެތި ފީނުވެ، ބޮޑު ތިލަދުންމައްޗަށް ރައްދުކުރެވި، އެ ރަށަކަށް އެ ރަށެއްގެ އަގު، އިރުއޮއްސުމުގެ ކުރިން މިހާރު ލިބޭނެ."

އިސްދޫ މުލީގައި އަޅާ އިގުތިސޯދީ އޮއިވަރު، މާވަށު ގުރައިދޫ ކަނޑުއޮޅި އަށް ވާސިލްވާ ކަމަށާއި އެންމެންގެ ޖީބަށް އެ ތަނަވަސްކަން އަންނަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ވިއަވަތި ޖަޒީރާ ރާއްޖެ ހިންގަން ޖެހޭގޮތަކީ އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އަޅުގަނޑު މި މަގާމުގައި ދެމި މި ހުންނަނީ މި މަސައްކަތް މުޅިން ނިންމައި، ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދިނުމަށް. އެނޫން އެއްވެސް ބޭނުމެއް އަމާޒެއް އަދި ތަސައްވުރެއް އަޅުގަނޑުގެ ނެތް.

"އާ ގޮތަކުން މާމޮޅު އަނެއްގޮތް ގެނެސްދެނީ މި ނިޒާމު. ތިޔަ ބޭފުޅުން ކައުންސިލްތަކަށް އިންތިހާބުވެ ތިޔަ ތިއްބެވީ، ތަރައްގީގެ މި މަސައްކަތް ކުރެއްވުމަށް. އަޅުގަނޑު މި މަގާމުގައި ދެމި މި ހުންނަނީ މި މަސައްކަތް މުޅިން ނިންމައި، ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދިނުމަށް. އެނޫން އެއްވެސް ބޭނުމެއް އަމާޒެއް އަދި ތަސައްވުރެއް އަޅުގަނޑުގެ ނެތް."

ރަށްރަށުގެ ދަތުރުފަތުރަށް ގެނައި އިންގިލާބީ ބަދަލުގެ ބާރު ދުވެއްޔާއި އަރާމު އުޅަނދުފަހަރު ބޮޑު ތިލަދުންމަތި އެއްކޮށް ގުޅާލާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެ ސަރަހައްދުގެ 41 ރަށް، އެއް ރަށް އަނެއް ރަށާ ގުޅާލައި 2،000ރ. އަށް ކުރަމުން ދިޔަ ދަތުރު، 100-60ރ. އަށް ތިރިކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އާރުޓީއެލްގެ ލޯންޗުތަކުގައި މިހާތަނަށް 50،000 އަށްވުރެ ގިނަ މީހުން ވަނީ ދަތުރުކޮށްފަ އެވެ.

އަސާސީ ހައްގުތައް އެންމެ ފުރިހަމައަށް

ރައީސް ވިދާޅުވީ ކަރަންޓާއި ފެނާއި ނަރުދަމާއަކީ ހުރިހާ ރައްޔިތުންނަށް ލިބިދިނުން މަޖުބޫރު ހިދުމަތްތައް ކަމަށާއި ހިދުމަތް އަސާސީ ނަމަވެސް، ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމުގައި މުޅި ރާއްޖޭގެ ތަރައްގީ ބިނާވަނީ އެ އަސާސްގެ މައްޗަށް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ 2018 އާ ހަމައަށް އައިއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ 70 ޕަސެންޓަށް ވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމެއް ނެތް ކަމަށެވެ. އެހެންވެ، މި ފަސް އަހަރު އަމާޒުކޮށްފައި މި ވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅައި ނިންމުމަށްކަން ރައީސް ފާހަގަކުރެއްވި އެވެ.

"ގެއަކަށްފަހު ގެއެއް، ރަށަކަށްފަހު ރަށެއްގައި އެދަނީ މި ހިދުމަތް ފުރިހަމަވެ ނިމެމުން،" ރައީސް ވިދާޅުވި އެވެ.

ފާއިތުވި 70 އަހަރުގެ ތެރޭގައި ރަށްރަށުގައި ހުރި ކަރަންޓް މެގަވޮޓްގެ ޖުމްލަ އަދަދު ވެސް މިދިޔަ ދެތިން އަހަރު ދެގުނަ ކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ބާވެ، ހަސްނެތި، ނިވެމުންދާ ހުރިހާ އިންޖީނުގެތަކުގެ ގަދައަޑާއި ބޯ ދުމުން ރައްޔިތުން މިންޖުކުރުމުގެ ބޮޑު މަޝްރޫއެއް ފެނަކައިން ހިންގަމުން އަންނައިރު، އާ ޖޯރަކާއެކު ހޯސްޕަވަރުގެ ޖަނަރޭޓަރުތައް، ޒަމާނީ އާ އިންޖީނުގެތަކުގައި ބަހައްޓަމުން އަންނަ ކަމަށެވެ.

"ޖަޒީރާ ދިރިއުޅުމަށް އިތުރު ހަކަތަ އެދަނީ ލިބެމުން. ދުރު އަދި މެދު ރާސްތާގައި އިއާދަކުރަނިވި ހަކަތައަށް ސަރުކާރުން މިވަނީ އަމާޒު ހިފާފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ކުޑައެއް ބޮޑެއް، ކުލައެއްގެ ތަފާތެއްނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަވާންޖެހޭތީ، އެ ދަތުރުގައި ރަތްމަންދޫ ރައްޔިތެއްގެ އިހުސާސްތަކާއި ތަސައްވުރު އަޅުގަނޑާ ހިއްސާކުރި. ރާއްޖެ ތަރައްގީވާންޖެހޭ ގޮތާއި އޭނާގެ ވިސްނުމުގައި އެވާގޮތް ނުހަނު އެއްގޮތް. ޖަޒީރާވަންތަ އުފާފާގަތި ދިރިއުޅުމަށް ރައްޔިތުން އެދި ތިބޭ މިންވަރު، އޭނާގެ ވާހަކަތަކުން ވަރަށް ބޮޑަށް ސާފުވޭ."

އެ މީހާގެ އެންމެ ބޮޑު ބޭނުމަކީ، ރަށުން އެކަށީގެންވާ ރަނގަޅު ތައުލީމީ ފުރުސަތާއި ރަތްމަންދޫގެ ބިމުން އޭނާގެ ދަރިންނަށް ގޯތި ލިބުމެވެ. ބައްޔެއް ވުމުން ބޭސްކުރެވޭނެގޮތް ރަށު ސިއްހީ މަރުކަޒުގައި ހަމަޖެހިފައި އޮތުމާއި ސިއްހަތާއި ތައުލީމުގެ އިތުރު ފުރުސަތުތައް ކައިރީގައި އޮތް މުލިން ލިބޭނެގޮތްވުން ކަމަށް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ލ. ގަމުގައި މިއަދު ފެށި ވިއަވަތި ކޮންފަރެންސްގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދިދީ ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ލ. ގަމުގައި މިއަދު ފެށި ވިއަވަތި ކޮންފަރެންސްގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދިދީ ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"އެކަށީގެންވާ ތައުލީމެއް ލިބުމުން، އެއާ އެކަށޭނަ އުޖޫރައެއް ނުވަތަ އާމްދަނީއެއް ހޯދޭނެ މަގެއް ރަށް ނުވަތަ ރަށާ ކައިރިން ފަހިވެފައި އޮތުން. އޭނާގެ ވާހަކައިން އޮހޮރިގެންދިޔައީ ޖަޒީރާވަންތަ، އުފާފާގަތި ދިރިއުޅުމަކަށް ކުރާ އުންމީދުގެ ޝުއޫރު. އަމިއްލަ ފަސްގަނޑު ދޫކޮށް، ހިޖުރަ ކުރުމުގެ ދުރުކަމާއި އޭގެ ހިތިކަން އޭނާގެ އާއިލާއިން ބޭނުންނުވާ މިންވަރު. ހަގީގަތުގައި ސަރުކާރުން މި ކުރާ ލާމަރުކަޒީ ޖަޒީރާ ރާއްޖޭގެ އުފާވެރި ތަސްވީރުގެ ކުލަޗާޕް އެއޮތީ އޭނާގެ އަތުގައި.

"ސަރުކާރުން މިކުރާ މަސައްކަތަކީ އެއީ. ރާއްޖެ ލާމަރުކަޒުކޮށް ހިދުމަތްތަކާއި ވަސީލަތްތަކާއި ފުރުސަތުތައް އަމިއްލަ ރަށާއި އަތޮޅާއި ސަރަހައްދާ ގާތްކޮށް އަތުރައި ފަތުރައިލުން. ރަތްމަންދޫން އަޅުގަނޑަށް އެ ލިބުނީ، އަޅުގަނޑުމެން ކިތަންމެ ޒަމާނަކު އަޑުއަހައި ދަސްވެފައިވާ އަޅުގަނޑުމެންގެ ވާހަކަ. ޚުދު އަޅުގަނޑަކީ އަދި އަޅުގަނޑުމެން އެންމެންނަކީ ވެސް އެ ވާހަކަ ދައްކާ މީހުން. ކޮންމެ ރަށަކުން ކޮންމެ ރައްޔިތަކާ ދިމާވިޔަސް އެ އުންމީދު. ދެކެނީ އެ ހުވަފެން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި ސިއްހީ ނިޒާމު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށެވެ. ސްޕެޝަލިސްޓް ޑޮކްޓަރުންގެ އައުޓްރީޗް ޕްރޮގްރާމާއި މޯބައިލް ލެބޯރެޓަރީގެ ހިދުމަތް ނުލިބޭ ރަށްރަށަށް އެ ހިދުމަތް އަމާޒުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ގައުމުގެ އަދި އާބާދީގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ އަންހެނުންނަށް، ބައިކުޅަބައި ދީގެން މާނަވީ ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމެއް ނުހޯދޭނެ ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ފުރިހަމަކޮށް އަށަގަންނުވަންޖެހޭނީ ފިސާރި ދެމެހެއްޓެނިވި ގޮތެއްގައި ކަމަށާއި ދުވަހަކުވެސް އެ ނިޒާމާއި ބާރުތައް ރައްޔިތުންގެ އަތުން ދެން އަނބުރާ ފިރުކައިނުގަނެވޭނެ މިންވަރަށް ކަން ފާހަގަކުރެއްވި އެވެ.