Roadha Mihaaru
"ސިއްހީ ކުއްލި ނުރައްކަލުގެ ނާޖާއިޒް ފައިދާ އެބަނަގާ"

ސިއްހީ ކުއްލި ނުރައްކަލުގެ ނާޖާއިޒް ފައިދާ ސަރުކާރުން ދަނީ ނަގަމުން: އިދިކޮޅު

26 ފެބުރުއަރީ 2021

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ނާޖާއިޒް ފައިދާ ސަރުކާރުން ނަގަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ތުހުމަތުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ނާޖާއިޒް ފައިދާ ސަރުކާރުން ނަގަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ތުހުމަތުކޮށްފި އެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު ހަވީރު ބާއްވަން އުޅުނު އެއްވުމަށް ފުލުހުން ހުރަސް އެޅުމުން، އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ބޭނުންކޮށްގެން ސަރުކާރުން ރައްޔިތުންގެ ގިނަ ހައްގުތަކެއް ނިގުޅައިގަންނަމުންދާ ކަމަށެވެ. އަދި މިއީ އެ ހާލަތުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިިދިކޮޅުން މިއަދު ބާއްވަން އުޅުނު އެއްވުމަށް ފުލުހުން ހުރަސް އެޅީ، ކޮވިޑްގެ ހާލަތު މާލޭގައި ގޯސްވަމުން ދާތީ ދިހަ މީހުންނަށް ވުރެ ގިނައިން މީހުން މަގުމައްޗަށް އެއްވެ އުޅުން މަނާކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އުސޫލެއް ނެރެފައިވާތީ އެވެ. އެއްވުން ނުބޭއްވުމަށް ފުލުހުން އިލްތިމާސް ކުރި ނަމަވެސް، އިދިކޮޅުން ވަނީ އެކަމަށް ބެލުމެއް ނެތި، މުޒާހަރާކުރަން ނިންމާފަ އެވެ. އެހެންވެ މުޒާހަރާ ފެށުމުގެ ކުރިން، އިދިކޮޅުގެ ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ޝިޔާމް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ނާޖާއިޒް ފައިދާ ސަރުކާރުން ނަގާ އެއް ސަބަބަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅަށް ކެމްޕޭން ކުރުމުގެ ފުރުސަތު ނުދިނުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވާދަވެރި ބައެއްގެ ގޮތުގައި ހަމައެކަނި އޮތީ އިދިކޮޅު ކޯލިޝަން ކަމަށް ވީ ނަމަވެސް، އެ މީހުންގެ އަޑު އިއްވައި ކެމްޕޭން ކުރުމުގެ ފުރުސަތެއް ނެތެވެ. އަދި އެކަން ހަމައެކަނި ކުރެވެނީ ސަރުކާރަށް ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވޭ ގެއިން ނުކުންނަން. މި ނިކަމެތިކަމުން އަަރައިގަތުމަށް މަސައްކަތްތަކެއް ކުރަން. އެ ކަންބޮޑުވުންތަކާ ގުޅިގެން ހަރަކާތްތައް މި ހިންގަނީ ވެސް ... އެކަމަކު އެ ފުރުސަތުތަކަށް މި ދަނީ ހުރަސް އަޅަމުން،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީން ލިބިދީފައިވާ އެއްވެސް ހައްގެއް، ސިއްހީ ކުއްލި ނުރައްކަލުގެ ދަށުން ހަދާ އުސޫލަކުން ވިޔަސް ނިގުޅައި ނުގަނެވޭނެ ކަމަށެވެ.

އިދިކޮޅުން ދެކޭ ގޮތުގައި މިހާރު މި ފެންނަނީ، ކައުންސިލް އިންތިޚާބަށް ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސް އެޅުމަށް މުޅި ދައުލަތް އެކީގައި މަސައްކަތްކުރާ ތަނެވެ. އެކަމުގައި މިނިވަން މުއައްސަސާތައް ވެސް ބައިވެރިވާ ކަމަށާއި އެގޮތުން އިިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ފުލުހުން ވެސް، ސިޔާސީ ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށާއި ގައުމީ ކަންކަމުގައި ބަސް ނުބުނުމަށް އިންޒާރުގެ ސިޓީތައް ފޮނުވަމުންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މިއީ ކޮން ކަހަލަ ޑިމޮކްރަސީއެއްތޯ އަޅުގަނޑުމެން ސުވާލުކުރަން. މި ފެންނަނީ ތަހުޒީބު މުޖުމަތައެއްގައި ޑިމޮކްރަސީގެ ނަމުގައި ނާތަހުޒީބު، މުޑުދާރު އަމަލުތަކެއް ހިންގާތަން،" އޭނާ ވިދާޅުވި އެވެ.

މަގުމައްޗަށް އެއް ނުވުމަށް އިންޒާރު ދީފައި ވަނިކޮށް، އެކަމާ ދެކޮޅު ހަދައި މުޒާހަރާ ކުރަން ނިންމުމުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އެހެން ބައެއް އިސްވެރިން ބޭފުޅުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.