Roadha Mihaaru
އަދުރޭ އާއި ޝުޖާއު ދޫނިދު އަށް ގެންގޮސްފި

އަދުރޭ އާއި ޝުޖާއު ދޫނިދު އަށް ގެންގޮސްފި

28 ޖެނުއަރީ 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ޖަހަން ރާއްޖެ ގެނެސްފައިވާ ވެކްސިންއާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ ބައްދަލުނުވުމުން ދަރުބާރުގެ ކުރިމަތީގައި ޕީޕީއެމް/ޕީއެންސީން އެއްވެ، އަޑުއުފުލަނިކޮށް އިއްޔެ ހައްޔަރުކުރި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދޫނިދޫގައި ރޭ ބަންދުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އިދިކޮޅުން އިއްޔެ އަޑު އުފުލީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ކޮވިޑް-19ގެ ވެކްސިނުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށް ބުނެ އެވެ. މި ވެކްސިންގެ މައުލޫމާތު އޮކްސްފޯޑް-އެސްޓްރާޒެނެކާ ކުންފުނިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ. ވެކްސިންގެ ރައްކާތެރިކަން އަންނަ މަހުގެ މެދުތެރޭގެ ހިސާބެއްގައި ނުވަތަ އޭގެ ކުރިން ކަނޑައަޅާނެ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.

އަބްދުއްރަހީމާއި ޝުޖާއު ދޫނިދު އަށް ގެންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ޓްވީޓް ކުރައްވާފައި

އިދިކޮޅުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސިޔާސީ މަގުސަދުތަކުގައި އެ ކޯލިޝަނުގެ ލީޑަރުން ހައްޔަރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ސަރުކާރުގެ އުސޫލުތަކާ ދެކޮޅަށް ހިޔާލުފާޅުކުރާ އާންމުންގެ އަނގަ ބަންދު ނުކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

އަބްދުއްރަހީމާއި ޝުޖާއު ވީހާ ވެސް އަވަހަށް ދޫކޮށްލަން އިދިކޮޅުން އަންނަނީ ގޮވައިލަމުންނެވެ.

އިދިކޮޅުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު، ރޭގެ ވަގުތެއްގައި އޭނާ ދޫކޮށްލި ކަމަށް އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު "މިހާރު" އަށް މިއަދު ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހު އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރައިގައި ވެސް އަބްދުއްރަހީމާއި ޝުޖާއުގެ އިތުރުން އެ ކޯލިޝަނުގައި ހިމެނޭ އިތުރު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް އެއިން އެއްވެސް މީހަކު ހައްޔަރުނުކޮށް ދޫކޮށްލި އެވެ. ހޯމަ ދުވަހު އިދިކޮޅުން މުޒާހަރާ ކުރަމުން ދިޔައީ ލޯކަލް ކައުންސިލް އިންތިހާބު އަވަސްކުރަން ގޮވާލަމުންނެވެ.