Roadha Mihaaru
އާސަންދަ އާއި މުސާރަ ކުޑަ ނުވާނެ، މަދުކުރާނީ އިސްރާފު

އާސަންދަ އާއި މުސާރަ ކުޑައެއް ނުވާނެ، ބަޖެޓު ކުޑަކުރަނީ އިސްރާފު މަދުކޮށްގެން: ސަރުކާރު

10 ނޮވެމްބަރ 2016

ބައެއް އޮފީސްތަކުގެ ބަޖެޓު އަންނަ އަހަރު ކުޑަކުރުމަށް ހުށަހަޅާފައި ވިޔަސް، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަ ނުކުރާނެ ކަމަށާއި އާސަންދައިން ލިބޭ ހިދުމަތްތަކަށް ވެސް ބަދަލެއް ނުގެންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން މިއަދު ދީފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ބައެއް އޮފީސްތަކުގެ ބަޖެޓު އަންނަ އަހަރު ކުޑަކުރުމަށް ހުށަހަޅާފައި ވިޔަސް، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަ ނުކުރާނެ ކަމަށާއި އާސަންދައިން ލިބޭ ހިދުމަތްތަކަށް ވެސް ބަދަލެއް ނުގެންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން މިއަދު ދީފި އެވެ.

އަންނަ އަހަރަށް ލަފާކުރާ 26.8 މިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ހާއްސަކޮށްފައި ވަނީ، މި އަހަރަށް ވުރެ 11 ޕަސެންޓް ކުޑަކޮށް، 13.6 ބިލިއަން ރުފިޔާ (ބަޖެޓުގެ 49.3 ޕަސެންޓް) އެވެ. އޭގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި އެލަވެންސަށް ކުރާ ހަރަދު އަންނަ އަހަރު ވެސް ހުންނާނީ 6.9 ބިލިއަން ރުފިޔާގައި ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އެކަމަކު، ސަބްސިޑީ އާއި އެ ނޫން ވެސް އިޖުތިމާއީ ރައްކާތެރިކަމަށް ކުރާ ހޭދަ 3.5 ބިލިއަން ރުފިޔާ އިން އަންނަ އަހަރު 1.2 ބިލިއަން ރުފިޔާ އަށް ދަށްވާނެ އެވެ.

ރިކަރެންޓް ހަރަދު ކުޑަކޮށް ބަޖެޓު ހުށަހެޅިއިރު، ބައެއް އޮފީސްތަކަށް ކަނޑައަޅާފައިވާ ބަޖެޓު ވަނީ ކުޑަކޮށްފަ އެވެ. އެކަމާ މެދު ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީގެ ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ހާއްސަކޮށް، އިދިކޮޅު މެމްބަރުން އެ ކަންބޮޑުވުންތައް ނެންގެވިއިރު، ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ވެސް އެކަމާ މެދު ފިނޭންސް މިިނިސްޓަރު އަހުމަދު މުނައްވަރާ ސުވާލުތައް ކުރިމަތި ކުރި އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވި ގޮތުގައި ބައެއް އޮފީސްތަކުގެ ބަޖެޓު ކުޑަކޮށްފައި ވާއިރު، ސަރުކާރު އޮފީސްތަކުން ދޭ ހިދުމަތްތަކާ މެދު މިހާރު ވެސް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ގިނަ މުއައްސަސާތަކުން ހިދުމަތް ހޯދަން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް ވިދާޅުވެ، މިސާލެއްގެ ގޮތުން އޭނާ ވަނީ ރާއްޖެ ގެންނަ ބިދޭސީއެއްގެ ވޯކު ޕާމިޓު ހަދަން ގިނަ މަރުހަލާތަކެއް ކަޑައްތުކޮށް، އެތައް ވަގުތެއް ހޭދަކުރަން ޖެހޭކަން ފާހަގަކުރައްވައިފަ އެވެ.

އެ ކަންބޮޑުުވުންތައް ހުއްޓައި އޮފީސްތައް ހިންގުމުގެ ހަރަދުން ޖުމްލަ 424 މިލިއަން ރުފިޔާ އަންނަ އަހަރު މަދުކުރުމުން ނުކުމެދާނެ ނޭދެވޭ ނަތީޖާއާ މެދު ރިޔާޒު ސުވާލު އުފެެއްދެވި އެވެ. އޭނާ ވިދާޅުވީ ސަރުކާރު އޮފީސްތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ދަށަށް ދިއުމުގެ ބިރު އެބައޮތް ކަމަށެވެ.

"[އޮފީސް ހިންގުމުގެ ހަރަދުން] ބޮޑު އަދަދެއް އަހަރަށް ބަލާލާއިރު މަދުކޮށްފައި މި ވަނީ. މިއީ [މިހާރު] ހަމަ ބޭކާރު ގޮތުގައި ދާ ފައިސާތޯ؟" ޖޭޕީގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު މަޖިލީހުގެ ކޮމިޓީގައި: އޮފީސް ހިންގުމުގެ ހަރަދު ކުޑަކުރަން ހުށަހަޅާފައިވާތީ ކަންބޮޑުވުން ފާޅުކުރެއްވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރިޔާޒު މަޖިލީހުގެ ކޮމިޓީގައި: އޮފީސް ހިންގުމުގެ ހަރަދު ކުޑަކުރަން ހުށަހަޅާފައިވާތީ ކަންބޮޑުވުން ފާޅުކުރެއްވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެން ބައެއް މެމްބަރުން ވެސް އެއާ އެއްފަދަ ކަންބޮޑުވުންތަކެއް ފާޅުކުރެއްވުމުން، މިނިސްޓަރު މުނައްވަރު ވިދާޅުވީ އޮފީސްތަކުން ދޭ ހިދުމަތްތަކާ މެދު އާއްމުންގެ ޝަކުވާ އެބަހުރިކަން ގަބޫލުކުރާ ކަމަށެވެ. އެހެން އެ ވަނީ، އޭނާ ވިދާޅުވި ގޮތުގައި، އެއް މުވައްޒަފަކަށް ފަސޭހަ އިން ކުރެވެން އޮންނަ ކަމެއް ވެސް އެތައް މަރުހަލާތަކެއްގެ ތެރެއިން ކުރަން ޖެހުމުންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އޭގެ ސަބަބުން ދައުލަތުގެ ފައިސާ ގެއްލޭ ކަމަށެވެ.

"އަޅުގަނޑު ވަރަށް ނަގާ މިސާލެއް މިއީ، އޮސްޓްރޭލިއާގައި އަޅުގަނޑު ޕާސްޕޯޓެއް ހޯދަން ދިޔައީމައި ލައިނުގައި ފަސް މިނިޓު. ސަބަބަކީ ޕާސްޕޯޓު ހޯދަން ދިއުމުގެ ކުރިން އަޅުގަނޑު ހުންނަނީ ހުރިހާ ޑޮކިއުމެންޓުތަކެއް އެ ތަނަށް ފޮނުވާފައި. އަޅުގަނޑު އެ ތަނުގައި ފަސް މިނިޓު ލައިނުގައި ހުންނަން ޖެހެނީ ބަރާބަރު އަޅުގަނޑު އަތަށް ލިބެން ނަގާ ވަގުތު،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަކީ މި ސަރަހައްދަށް ބަލާއިރު ޓެކްނޮލޮޖީގެ ގޮތުން ވެސް އެންމެ ކުރީގައި އުޅޭ ގައުމު ކަމަށް ވާއިރު، މިހާރަށް ވުރެ ރަނގަޅު އިންތިޒާމުތަކެއް ގާއިމުކުރެވޭނެ ކަމަށެވެ. އެ ގޮތުން، ރަސްމީ ގަޑީގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށާއި އިތުރު ވަޒީފާއެއް އަދާކުރަން ނުވަތަ ކިޔަވަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނީ ވެސް މެންދުރު 2:30 ގައި މަސައްކަތް ނިންމައިލުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފީސް ހިންގުމުގެ ހަރަދު ކުޑަ ކުރަނީ މިހާރަށް ވުރެ "އެފިޝެންޓް އިންތިޒާމުތަކެއް"ގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހިގެން އެކަން ކޮށްފި ނަމަ އިތުރު ގަޑީގެ އެލަވެންސް ވެސް ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމެއް އަޅުގަނޑުމެން އުނިވިޔަ ނުދޭނަން. ރައްޔިތުންނަށް އެ ހިދުމަތްތައް ލިބިގެން ދާނެ." -- މިނިސްޓަރު މުނައްވަރު

މީގެ އިތުރުން، ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަކޮށްފައިވާތީ އެކަމާ ވެސް ބައެއް މެމްބަރުން ސުވާލު އުފެއްދެވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސިޓީގެ އިތުރުން، ގިނަ އަދަދެއްގެ ސްކޫލުތަކުގެ ބަޖެޓު ވަނީ ކުޑަކޮށްފަ އެވެ. އަދި މާލޭގެ އައިޖީއެމްއެޗުގެ ބަޖެޓު ވަރަށް ބޮޑުތަން އިތުރުކޮށްފައި ވިޔަސް، ރަށްރަށުގައި ހުރި ބައެއް ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގެ ބަޖެޓުން ކޮންމެވެސް ވަރެއް އުނިކޮށްފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ މެމްބަރު ވިދާޅުވި އެވެ.

މީގެ އިތުރުން، ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވަނީ ރައީސް އޮފީހުގެ ބަޖެޓުން 32 މިލިއަން ރުފިޔާ ކުޑަކޮށް އަދި ކައުންސިލްތަކާއި ޝަރުއީ ދާއިރާގެ ބަޖެޓުން ވެސް ފުދޭ ވަރެއްގެ މިންވަރެއް ކަނޑާލާފައިވާތީ އެކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ. އޭގެ ސަބަބުން ރަށްރަށުގެ ހިންގުމަށް ބުރޫ އަރައި ރަށްރަށުގެ ކޯޓުތަކަށް މެޖިސްޓްރޭޓުން ހަމަޖެއްސުމަށް އުދަނގޫތަކެއް ކުރިމަތި ވެދާނެތީ އެކަމާ މެދު، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު މުނައްވަރު ވިދާޅުވީ ސްކޫލުތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ބަޖެޓުން އުނިކޮށްފައި ވަނީ އާ އިމާރާތް އެޅުމާއި މަރާމާތަށް ދާ ކެޕިޓަލް ހަރަދުތަކުގެ ތެރޭން މިދިޔަ އަހަރުތަކުގެ ތެރޭގައި އެ މަސައްކަތްތައް ކޮށްފައިވާ ނުވަތަ ކުރަމުން އަންނަ ތަންތަނުން ކަމަށެވެ. ހިންގުމުގެ ހަރަދު ކުޑަކޮށްފައި ވަނީ މިހާރަށް ވުރެ ރަނގަޅަށް ހިދުމަތް ދެވޭނެ އިންތިޒާމުތަކެއްގެ ތެރޭން ސަލާމަތް ކުރެވޭނެ މިންވަރަށް ބަލައިގެން ކަމަަށް ވިދާޅުވެ، އޭނާ ވަނީ އެއްވެސް ތަނެއްގެ ހިންގުމަށް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބަޖެޓު ކުޑަކޮށްފައިވާ ދާއިރާތަކުގެ ތެރޭން ދެން މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ އާސަންދަ އަށާއި ސަބްސިޑީތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އަންނަ އަހަރު ވަރަށް ބޮޑަށް ކުޑަކުރަން ހުށަހަޅާފައިވާތީ އެވެ.

ކިނބިދޫ ދާއިރާގެ ރިޔާޒު ވިދާޅުވީ ބެޔަސް ނުބެޔަސް މަސްވެރިންނަށް އާމްދަނީ ލިބޭނެ ގޮތަށް ހެދުމަށް އެލަވެންސެއް ދިނުމަކީ ސަރުކާރުގެ ވައުދަކަށް ވިޔަސް، އަންނަ އަހަރުގެ ބަޖެޓުގައި މަސްވެރިންނާއި ދަނޑުވެރިންނަށް އެއްވެސް ސަބްސިޑީއެއް ދޭން ހިމަނާފައި ނެތް ކަމަށެވެ. އަދި އާސަންދަ އާއި އިޖުތިމާއީ ރައްކާތެރިކަމަށް ކުރާ ހޭދަ ކުޑަކުރުމުގެ ސަބަބުން ތަކެތީގެ އަގު ވެސް އުފުލޭނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ އާސަންދައިގެ ދަށުން ލިބޭ ހިދުމަތްތައް މަދުވާނެތޯ ސުވާލުކުރައްވައިފަ އެވެ.

އާސަންދަ ވެސް ހިމެނޭ ގޮތަށް އިޖުތިމާއީ ރައްކާތެރިކަމަށް ދައުލަތުން ކުރާ ހޭދަ 1.5 ބިލިއަން ރުފިޔާ އިން އަންނަ އަހަރު 856 މިލިއަން ރުފިޔާ އަށް ކުޑަކުރަން ބަޖެޓުގައި ވަނީ ހުށަހަޅައިފަ އެވެ. އެ ގޮތުން، ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް އަންނަ އަހަރު ދޭން ހުށަހަޅާފައި ވަނީ 731 މިލިއަން ރުފިޔާ އެވެ.

އާސަންދަ އަށް ބަދަލެއް އައިސްދާނެތީ ކަންބޮޑު ނުވުމަށް އެދިވަޑައިގަންނަވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ އާސަންދައިގެ ބަޖެޓު ވެސް ކުޑަކުރަނީ މިހާރަށް ވުރެ ރަނގަޅު އިންތިޒާމުތަކެއް ގާއިމުކޮށްގެން ހަރަދު ކުޑަކުރެވޭނެތީ ކަމަށެވެ. އުނިކޮށްފައި ވަނީ މިހާރު އިސްރާފުވާ ފައިސާ އަންނަ އަހަރު ސަލާމަތް ކުރެވޭނެތީ ކަމަށާއި އާސަންދައިގެ ދަށުން އެއްވެސް ހިދުމަތެއް ހުއްޓާނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމެއް އަޅުގަނޑުމެން އުނިވިޔަ ނުދޭނަން. ރައްޔިތުންނަށް އެ ހިދުމަތްތައް ލިބިގެން ދާނެ،" އާސަންދަ އަށް ދައްކަންޖެހޭ ވަރު އިތުރުވެއްޖެ ނަމަ ކޮންޓިންޖެންސީ ބަޖެޓުން އެ ބައި ފޫބައްދާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.

ސަބްސިޑީއާ ބެހޭ ގޮތުން މުނައްވަރު ވެސް ވިދާޅުވީ ކާޑުގެ ސަބްސިޑީއާ ގުޅޭ ގޮތުން ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން ވިދާޅުވަމުން ގެންދަވާ ވާހަކަ އެވެ. އެއީ ސަރުކާރުގެ ސިޔާސަތަކީ ހަމައެކަނި ހައްގުވެރިންނަށް ސަބްސިޑީ ދިނުން ކަމަށާއި އެކަން ކުރިއަށް އޮތް ތަނުގައި ވެސް ކުރާނެ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީން މިއަދު ހެނދުނު ފަށާފައި ވާއިރު، އަންނަ ހޮނިހިރު ދުވަހު ވެސް ކޮމިޓީގެ މަސައްކަތް ކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ. މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ބަހުސް ކުރުން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.