Roadha Mihaaru
މެމްބަރުން ހުށަހެޅުއްވި 21 މަޝްރޫއެއް ބަޖެޓަށް

ޕީއެސްއައިޕީގެ ބަޖެޓް ބޮޑު ނުކޮށް މެމްބަރުން ހުށަހެޅުއްވި އާ 21 މަޝްރޫއެއް ހިމަނައިފި

17 ނޮވެމްބަރ 2016

އާއްމު ތަރައްގީގެ މަޝްރޫއުތަކަށް (ޕީއެސްއައިޕީ) އަންނަ އަހަރު ކަނޑައެޅި ބަޖެޓްގެ ޖުމްލަ އަދަދަށް ބަދަލު ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ބައެއް މެމްބަރުން އެދިވަޑައިގެންނެވި އާ 21 މަޝްރޫއެއް ބަޖެޓްގައި ހިމަނައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އާއްމު ތަރައްގީގެ މަޝްރޫއުތަކަށް (ޕީއެސްއައިޕީ) އަންނަ އަހަރު ކަނޑައެޅި ބަޖެޓްގެ ޖުމްލަ އަދަދަށް ބަދަލު ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ބައެއް މެމްބަރުން އެދިވަޑައިގެންނެވި އާ 21 މަޝްރޫއެއް ބަޖެޓްގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި 26.8 ބިލިއަން ރުފިޔާގެ ބަޖެޓް ފާސް ކުރަން މިއަދު މެންދުރު ފަހު ބޭއްވި ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ނުވަ ވަނަ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިިރު އަހުމަދު ނިހާން ވިދާޅުވި ގޮތުގައި ސަރުކާރުން މަޖިލީހަށް ބަޖެޓު ހުށަހެޅި އިރު ޕީއެސްއައިޕީ އޮތް ގޮތަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ފިނޭންސް މިނިސްޓްރީން އެހެން ވުޒާރާތަކާ މަޝްވަރާ ކުރުމަށް ފަހު އެ ބަދަލުތައް ގެނައީ، އޭނާ ވިދާޅުވި ގޮތުގައި، މެމްބަރުންގެ ދާއިރާތަކާ ގުޅޭ ގޮތުން ހިމަނަން ބޭނުންވެވަޑައިގެންނެވި ކަންތައްތަކަށް ބަޖެޓު ކުރުމަށެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ފާހަގަކުރެއްވި ގޮތުގައި އެ ބަދަލުތަކާ އެކު ވެސް މުޅި ޕީއެސްއައިޕީގެ ބަޖެޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި، ބައެއް ސަރަހައްދުތަކުގައި ހިންގާ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ޖުމްލަ ބަޖެޓުން އެކެއް ނުވަތަ ދެ ޕަސެންޓް އުނި ކުރުމަށް ފަހު، އެހެން މަޝްރޫއަކަށް ހަމަޖެއްސީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް މާލޭގައި ހިންގާ މަޝްރޫއެއްގެ ބަޖެޓުން އެ މިންވަރު ނެގުމަށް ފަހު އެހެން ރަށެއްގެ ބަނދަރު ހެދުމަށް ހާއްސަކޮށްފައި މިވަނީ،" ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވި އެވެ.

ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު ނިހާން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު ނިހާން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ބަދަލުތަކުގެ ތެރޭގައި އިދިކޮޅު މެމްބަރުން އެދިވަޑައިގެންނެވި މަޝްރޫއުތައް ވެސް ހިމަނާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެ ގޮތުން، އިދިކޮޅު އެމްޑީޕީގެ މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފާއި ކޮމަންޑޫ ދާއިރާގެ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެދިވަޑައިގެންނެވި ދެ މަޝްރޫއެއް ހިމަނާފައި ވާއިރު، އިދިކޮޅު އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ނިސްބަތްވެވަޑައިގަންނަވާ މަކުނުދޫ ދާއިރާގަ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ބައެއް މެމްބަރުންގެ ދާއިރާތަކުގައި ވެސް އާ މަޝްރޫއުތަކެއް ހިންގަން ހަމަޖައްސާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން މަޝްރޫއުތައް ހިމަނާފައި މިވަނީ ރައްޔިތުންގެ ބޭނުންތަކަށް ބަލައިގެން، އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކަންކަމަށް އިސްކަން ދީގެން. އަޅުގަނޑު ހަމަ ފާހަގަ ކޮށްލަން ބޭނުންވޭ މީގައި އިދިކޮޅު މެމްބަރެއް، އަޅުގަނޑުމެންގެ އަމިއްލަ މެމްބަރެއް ތަފާތު ކުރުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އެކަމަކު، ޕީޕީއެމް އާއި އެމްޑީއޭގެ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ހުރިހާ މެމްބަރުން އެދިވަޑައިގެންނެވި މަޝްރޫއުތައް ނުހިމެނުނު ކަމަށް ނިހާން އެއްބަސްވެވަޑައިގެންނެވި އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ބަޖެޓު ކޮށްފައިވާ މަޝްރޫއުތަކުގެ ވަކި މިންވަރެއް އާ މަޝްރޫއުތަކަށް ހަމަޖައްސަން ޖެހުމާއި ބައެއް މިނިސްޓްރީތަކުން ހިންގާ މަޝްރޫއުތައް އެހެން ވުޒާރާއެއްގެ މަޝްރޫއަކާ ދިމާ ނުވުމެވެ.

ޕީއެސްއައިޕީ އަށް ގެނައި ބަދަލުތައް ނިހާން އިއްވަވަމުން ގެންދެވި އިރު، ބައެއް މެމްބަރުން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުން ފާޅު ކުރެއްވި އެވެ. އެ ގޮތުން، ޕީޕީއެމްގެ ބައެއް މެމްބަރުން ޝަކުވާ ކުރެއްވުމަށް ނިހާން ކައިރި އަށް ވަޑައިގެންނެވި އެވެ. އަދި ނިހާން ކައިރީގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދާ އެ ވާހަކަ ދެއްކެވި އެވެ. އެކަމަކު، އެ މެމްބަރުންގެ ވާހަކަ އަށް ނިހާން ވިދާޅުވީ އެ ކަންކަން މަޖިލީހުގެ ތަޅުމުގައި، އިސްލާހުތަކެއްގެ ގޮތުގައި ހުށަހެޅުއްވުމަށެވެ.

ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ބަޖެޓަށް ގެނެސްފައިވާ ބައެއް ބަދަލުތައް މެމްބަރުން ބައްލަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ބަޖެޓަށް ގެނެސްފައިވާ ބައެއް ބަދަލުތައް މެމްބަރުން ބައްލަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން ޖުމްލަ 26.8 ބިލިއަން ރުފިޔާގެ ބަޖެޓުން އަށް ބިލިއަން ރުފިޔާ (29.8 ޕަސެންޓް) ޕީއެސްއައިޕީ އަށް ހަރަދުކުރާނެ އެވެ. އެއީ އާއްމު ބަޖެޓުން 4.4 ބިލިއަން ރުފިޔާ އާއި ބޭރުގެ ލޯނުން 2.9 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ތެރެއިން 397.1 މިލިއަން ރުފިޔާ އެވެ.

އެންމެ ފުރަތަމަ މަޖިލީހަށް ބަޖެޓު ހުށަހެޅިއިރު، ޕީއެސްއައިޕީ އަށް ބަޖެޓުކޮށްފައިވާ ފައިސާ ހަރަދުކުރަން ނިންމާފައި ވަނީ ޖުމްލަ 704 މަޝްރޫއަކަށެވެ. އެއީ އަލަށް ފަށާ 293 މަޝްރޫއަކަށް 2.9 ބިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 5.36 ޕަސެންޓް) އާއި މިހާރު ކުރިއަށް ދާ 411 މަޝްރޫއަކަށް 5.1 ބިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 63.6 ޕަސެންޓް) އެވެ. އެކަމަކު، ސަރުކާރުން މިހާރު ގެނެސްފައިވާ ބަދަލުތަކާ އެކު، ބަޖެޓުގެ ޖުމްލަ އަށް ބަދަލު ނަޔަސް، ހިންގާ މަޝްރޫއުތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ.

އެކަމަކު، އަލަށް ހިމަނާފައި ވަނީ ރަށު ލެވެލްގެ މަޝްރޫއުތަކެވެ. އޭގެ ތެރޭގައި ބޮޑަށް ހިމެނެނީ ރަށްރަށުގެ ބަނދަރު ހެދުމާއި ނަރުދަމާ އެޅުމާއި މަސްމާރުކޭޓު ހެދުމާއި ބައެއް ތަންތަން މަރާމާތު ކުރުމެވެ. ގައުމީ ފެންވަރުގެ ނުވަތަ ބޮޑު މަޝްރޫއެއް، ޕީއެސްއައިޕީ އަށް ގެނައި ބަދަލުތަކުގެ ތެރެއަކު ނުހިމެނެ އެވެ.

ޕީއެސްއައިޕީގެ ބަޖެޓު، ސަރުކާރުން ފަހުން ގެނައި ބަދަލުތަކާ އެކު މަޖިލީހުގެ ކޮމިޓީން ފާސްކުރި އިރު، އާ މަޝްރޫއުތައް ހިމަނާފައިވާ އިދިކޮޅު ބައެއް މެމްބަރުން ވޯޓު ދެއްވި އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޝަރީފާއި ނާޝިދު ހިމެނިވަޑައިގަންނަވާއިރު، އެ ދެ ބޭފުޅުން ވަނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް މުޅި ބަޖެޓު ފާސް ކުރަން ފެންނަ ކަމަށް ވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވޯޓު ދެއްވައިފަ އެވެ. އެކަމަކު، ޖޭޕީގެ އެއްވެސް މެމްބަރަކު ކޮމިޓީ އަށް މިއަދު ހާޒިރެއް ނުވެ އެވެ.

ކޮމިޓީން މިއަދު ބަޖެޓު ދިރާސާކޮށް ނިންމައި ފާސްކޮށްފައި ވާއިރު، ކޮމިޓީގެ ރިޕޯޓު އަންނަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ. އަދި އެ ދުވަހު މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.