Roadha Mihaaru
އިދިކޮޅު ލީޑަރަށް ގާނޫނީ ހައިސިއްޔަތު ދޭ ބިލެއް

އިދިކޮޅު ލީޑަރަށް ގާނޫނީ ހައިސިއްޔަތު ދޭ ބިލެއް ހުށަހަޅަނީ

28 ފެބުރުއަރީ 2021

ރާއްޖޭގައި އިދިކޮޅު ސިޔާސީ ޕާޓީ ނުވަތަ އިދިކޮޅު ކޯލިޝަންގެ ލީޑަރަށް ގާނޫނީ ހައިސިއްޔަތު ލިބިދޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ވައްދަން، އެމްޑީޕީން ތައްޔާރުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި އިދިކޮޅު ސިޔާސީ ޕާޓީ ނުވަތަ އިދިކޮޅު ކޯލިޝަންގެ ލީޑަރަށް ގާނޫނީ ހައިސިއްޔަތު ލިބިދޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ވައްދަން، އެމްޑީޕީން ތައްޔާރުވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް ގެންނަ މި އިސްލާހު އޮތީ، މަޖިލީހުން ފާސްކޮށްފި ނަމަ އިދިކޮޅު ލީޑަރަކު ކަނޑައަޅަން މަޖުބޫރު ގޮތަށެވެ. އެމްޑީޕީ އިސްވެ އޮވެ، ހަތަރު ސިޔާސީ ޕާޓީ ހިމެނޭ ކޯލިޝަނަކުން ރާއްޖޭގައި ވެރިކަން ކުރަމުން އަންނައިރު އިދިކޮޅު ކޯލިޝަންގެ ގޮތުގައި މިހާރު އޮތީ ޕީޕީއެމާއި ޕީއެންސީ އެވެ.

މި ކޯލިޝަންގެ ލީޑަރުގެ ގޮތުގައި ދެ ޕާޓީން ގަބޫލުކުރަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެ ކޯލިޝަނުން އެގޮތަށް ގަބޫލުކުރިޔަސް އެ މަނިކުފާނުގެ ވެރިކަމުގައި ވަނީ "ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ސިޔާސީ ޕާޓީއެއްގެ ލީޑަރު ކަމުގައި ނުހުންނެވޭނެ ކަމަށް"، ގާނޫނުގައި ކަނޑައަޅައިފަ އެވެ.

ޔާމީންގެ ސަރުކާރުގެ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލިހުން އޭރު އެގޮތަށް ނިންމީ، އޭރުގެ އިދިކޮޅު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ފަދަ ބޭފުޅުންނަށް އަމާޒުކޮށްގެންނެވެ. އެ ބޭފުޅުންނަށް ވަނީ ތަފާތު ހުކުމްތައް އައިސްފަ އެވެ.

ޕީއެންސީ އުފެއްދުމުގެ ޖަލްސާގައި އެ ޕާޓީ އާއި ޕީޕީއެމްގެ އިސް ބޭފުޅުން ރައީސް ޔާމީންއާ އެކު. --ފޮޓޯ/މިހާރު

ޕީއެންސީ އުފެއްދުމުގެ ޖަލްސާގައި އެ ޕާޓީ އާއި ޕީޕީއެމްގެ އިސް ބޭފުޅުން ރައީސް ޔާމީންއާ އެކު. --ފޮޓޯ/މިހާރު

ގާނޫނުގައި އެކަން އަދިވެސް އެހެން އޮއްވައި މަޖިލީހަށް މިހާރު ހުށަހަޅަން ތައްޔާރުކޮށްފައިވާ ބިލުގައި އެ ބުނާ އިދިކޮޅު ލީޑަރަކަށް ޔާމީނެއް ނުހެދޭނެ އެވެ. އެއީ އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ރަސްމީ ޒިންމާތަކާއި ސެކިއުރިޓީ ވެސް ފޯރުކޮށްދޭނެ ކަމަށް ބިލްގައި އޮތުމުންނެވެ.

"އިދިކޮޅު ލީޑަރެއް ހުންނަން ޖެހޭ"

މަޖިލީހުގައި 65 ގޮނޑި ތަމްސީލްކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވީ ޑިމޮކްރަސީގެ ނިޒާމް ހިންގަމުން އަންނަ ރާއްޖޭގައި ވެސް އިދިކޮޅު ސިޔާސީ ލީޑަރެއް ހުންނަން ޖެހޭ ކަަމަށެވެ. އެކަމަކު އިދިކޮޅު ލީޑަރަކީ ކޮން ބޭފުޅެއް ކަން މިހާރު ސާފު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މިސާލެއް ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީއަކީ ޕީޕީއެމް ކަމެއް ނުވަތަ ޕީއެންސީ އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމްގެ އެމްޑީއޭ ކަމެއް ނޭނގެ އެވެ.

އާޒިމް ވިދާޅުވީ ސަރުކާރާ ގުޅިގެން ބިލެއް ހުށަހަޅަން ތައްޔާރުވަމުން އަންނަނީ އިދިކޮޅު ލީޑަރަށް އޮފީހަކާއި ކާރުކޮޅަކާއި ހިމާޔަތް ވެސް ލިބިވަޑައިގަންނަވާ ގޮތަށް ކަމަށެވެ.

"އަސްލުގައި ބިލަކީ އިދިކޮޅު ލީޑަރު ރިކޮގްނައިޒްކުރުން ރަސްމީކޮށް. ޑިމޮކްރަސީ ހަރުދަނާކުރަން ކުރާ މަސައްކަތުގެ ދަށުން މުހިއްމު ކަމެއްގެ ގޮތުގައި ދެކެނީ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބިލުގެ ޑްރާފްޓް އިދިކޮޅުގެ ބައެއް މެމްބަރުންނާ ހިއްސާކުރެއްވުމުން ކަންބޮޑުވެވަޑައިގެންނެވި ކަންކަން އޭގައި ހުއްޓެވެ. ބިލް ހުށަހަޅުއްވާނީ އެ ކަންކަމަށް ރިއާޔަތްކުރައްވާފައި ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އާޒިމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އާޒިމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

އިދިކޮޅު ލީޑަރަކު ނެތުމަކީ ސަރުކާރަށް ވެސް ރަސްމީ މަޝްވަރާތައް ކުރަން ދިމާވާ ދައްޗެއް ކަމަށް އާޒިމް ވިދާޅުވި އެވެ. މިކަމުގައި އޮތް ހައްލަކީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އިދިކޮޅު ޕާޓީއަށް ރަސްމީ ހައިސިއްޔަތު ދިނުމެވެ.

"އެއްގޮތަކަށް ވެސް ނުބައި ވިސްނުމުގައި ކުރާ ކަމެއް ނޫން. ބޭނުމަކީ ވާދަވެރި ފަރާތްތަކެއް ކަނޑައެޅިފައި އޮތުން،" އާޒިމް ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރެއްގެ ގޮތުގައި ގާނޫނީ ގޮތުން މިހާރު ރަސްމީ ހައިސިއްޔަތު ލިބިދީފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ލީޑަރަށެވެ. ހަމަޖެހިފައި އޮންނަ ގޮތުން އެ މަގާމު ފުރުއްވަނީ އެ ޕާޓީއަކުން ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައި ކަނޑައަޅާ ބޭފުޅެކެވެ.

މަޖިލީހަށް ހުށަހަޅަން ތައްޔާރުކޮށްފައި އޮތް ބިލުގައި، އިދިކޮޅު ލީޑަރަކީ ކޮންމެހެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވާކަށް ނުޖެހެ އެވެ. އެ ހައިސިއްޔަތު ލިބޭ ގޮތަށް އޮތީ އެ ޕާޓީއެއްގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަނޑައަޅާ ލީޑަރަކަށެވެ. އެ ލީޑަރު ހޮވާނީ، އެނގިފައިވާ ގޮތުގައި، މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ އިދިކޮޅު ޕާޓީއަކުންނެވެ.