Roadha Mihaaru
ޕީޕީއެމަށް ފައިސާ ދޫކޮށްދޭން އެދުނީ މިއަދު: ފިނޭންސް

ޕީޕީއެމަށް ފައިސާ ދޫކޮށްދޭން އެދުނީ މިއަދު، މި ހަފުތާގައި ދޫކުރާނަން: ފިނޭންސް މިނިސްޓްރީ

10 ޖޫން 2019

އިދިކޮޅު ޕާޓީ، ޕީޕީއެމަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) ން އެދުނީ މިއަދު ކަމަށާއި މި ހަފުތާ ތެރޭގައި ފައިސާ ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ޕާޓީ، ޕީޕީއެމަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) ން އެދުނީ މިއަދު ކަމަށާއި މި ހަފުތާ ތެރޭގައި ފައިސާ ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައެޅި ފައިސާ ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ވަނީ ދޫކޮށްފަ އެވެ. އެހެން ޕާޓީތަކާ އެކު ޕީޕީއެމަށް ވެސް ފައިސާ ދޫކުރަން ހުށަހެޅި ކަމަށް އީސީން ބުނާ ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކުރެ އެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫން "މިހާރު" އަށް ވިދާޅުވީ، ޕީޕީއެމަށް ފައިސާ ދޫކުރަން އީސީން މިއަދު އެދިފައިވާ ކަމަށެވެ. އެހެންކަމުން، މި ހަފުތާ ތެރޭގައި އެ ފައިސާ ޖަމާކޮށްދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޕީޕީއެމަށް ފައިސާ ދޫކޮށްދޭން އީސީން ފޮނުވީ ރޭގެ ވަގުތެއްގަ އެވެ.

އީސީގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ، އެހެން ޕާޓީތަކާ އެކު ޕީޕިއެމަށް ވެސް ފައިސާ ދޫކުރަން ހުށަހެޅި ކަަމަށާއި ލަސްވީ ދިމާވި ޓެކްނިކަލް މައްސަލަ އަކުން ކަމަށެވެ. އެކަން ހައްލުވެ، ޕީޕީއެމަށް ފައިސާ ދޫކޮށްދޭން އަލުން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މި އަހަރު 26.2 މިލިއަން ރުފިޔާ ދޭން އޮތީ ކަނޑައަޅައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގައި ނުވަ ޕާޓީއެއް ރަޖިސްޓަރީ ކޮށްފައިވެ އެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ. އެހެންވެ، މި އަހަރު ވެސް ފައިސާ ލިބެނީ، މިދިޔަ އަހަރު ބަޖެޓް ފާސްކުރި އިރު، އެ އަދަދަށް މެމްބަރުން ހަމަވާ ހަތަރު ޕާޓީ އަށެވެ.

މެމްބަރުން ތިބި އަދަދަށް ބަލައި މި އަހަރު އެންމެ ގިނަ ފައިސާ ލިބުނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށެވެ. އެ ޕާޓީ އަށް 12 މިލިއަން ރުފިޔާ ލިބުނު އިރު ޕީޕީއެމަށް ދޭން ނިންމާފައި ވަނީ ނުވަ މިލިއަން ރުފިޔާ އެވެ. ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަށް ލިބުނީ ދެ މިލިއަން ރުފިޔާ އެވެ.