Roadha Mihaaru
ޕާސްޕޯޓް ދޫކުރި މައްސަލަ ބަލައިނުގަތުމުން އިިސްތިއުނާފަށް

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ހައި ކޯޓުން ބަލައިނުގަތް މައްސަލަ އިސްތިއުނާފް ކުރަނީ

28 ފެބުރުއަރީ 2021

ކުރީގެ ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ނެރުނު އަމުރުގެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމި ނިންމުން އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ނެރުނު އަމުރުގެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމި ނިންމުން އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލިފައި ވަނިކޮށް އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން މިމަހު އަމުރު ނެރުނީ އޭނާގެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުށަހެޅުމުންނެވެ. ޕާސްޕޯޓް ދޫކޮށްލުމާ އެކު އަލީ ވަހީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފް ކުރަން ޕީޖީން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވީ އެފަދަ ނިންމުންތައް އިސްތިއުނާފް ކުރަން އޮންނަ 48 ގަޑިއިރުގެ މުއްދަތު ހަމަވި ފަހުން އެ މައްސަލަ ހުށަހެޅުމުންނެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ ނިންމުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރަން ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓުގެ ރަޖިސްޓްރާ މައްސަލައެއް ބަލައިނުގަތުމަށް ނިންމައިފި ނަމަ، އެ ނިންމުމެއް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރެވިދާނެ އެވެ. އަދި އެ މަޖިލީހުގެ ނިންމުންތައް ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފް ކުރެވިދާނެ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުއްވި ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް އޮތީ ހުށަހަޅައިފަ އެވެ. އެ ކޮމިޝަނުން ދަނީ އެ މައްސަލަ ބަލަމުންނެވެ.