Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

04 މާޗް 2021

މި މަހުގެ 26 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ސައިނާ" ގެ ޓީޒާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 26 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ސައިނާ" ގެ ޓީޒާ ދައްކާލައިފި އެވެ.

އިންޑިއާގެ ބެޑްމިންޓަން ތަރި ސައިނާ ނެހްވާލް ރޯލު ޕަރިނީތީ ޗޯޕްޅާ ކުޅެފައިވާ މި ފިލްމަކީ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، އަމޯލް ގުޕްތޭ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"ސައިނާ" ގެ ކާސްޓްގައި ޕަރޭޝް ރާވަލް އާއި މާނަވް ކޯލް ވެސް ހިމެނެ އެވެ.

މި ފިލްމު މި މަހުގެ 26 ގައި ރިލީޒްކުރާ އިރު ޕަރިނީތީ އާއި އަރުޖުން ކަޕޫރް ކުޅެފައިވާ "ސަންދީޕް އޯރް ޕިންކީ ފަރާރު" މި މަހުގެ 19 ގައި ސިނަމާތަކަށް އަންނާނެ އެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ މި ފިލްމަކީ ކުރިން 2018 ގައި ގެނެސްދޭން އުޅުނު ފިލްމެކެވެ.

ޕަރިނިތީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ނެޓްފްލިކްސް އިން ޕްރިމިއާކުރި "ދަ ގާލް އިން ދަ ޓްރެއިން" އެވެ.

"ހީރޯޕަންތީ 2" ޑިސެމްބަރު 3 ގައި

ޓައިގާ ޝްރޮފްގެ "ހީރޯޕަންތީ 2" މި އަހަރުގެ ޑިސެމްބަރު 3 ގައި ސިނަމާތަކަށް ގެންނަން ނިންމައި ފިލްމުގެ އާ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.

މިހާރު ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ މި ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން ޓައިގާގެ "ބާގީ 3" އާއި 2018 ގެ "ބާގީ 2" ގެ ޑައިރެކްޓަރު އެހުމަދު ޚާން ޑައިރެކްޓްކުރާ ފިލްމެކެވެ. "ހީރޯޕަންތީ 2" ގެ ބަތަލާ އަކީ ތާރާ ސުތާރިއާ އެވެ. އޭނާ އަކީ 2019 ގައި ޓައިގާގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފުވި ބަތަލާއެކެވެ.

"ހީރޯޕަންތީ" އަކީ 2014 ގައި ޓައިގާ ބޮލީވުޑަށް ނުކުތް ފިލްމު "ހީރޯޕަންތީ" ގެ ސީކްއެލް އެވެ. ސަބީރް ޚާން ޑައިރެކްޓްކުރި އެ ފިލްމުގެ ބަތަލާ އަކީ ކްރިތީ ސެނަން އެވެ.

ލައިކާ އަށް ނުފޫޒު ގަދަ ޑައިރެކްޓަރުންތަކެއް

އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އެންމެ ވަރުގަދަ ޕްރޮޑަކްޝަން ހައުސް ކަމަށްވާ ލައިކާ ޕްރޮޑަކްޝަންސްއާ ބޮލީވުޑްގެ ނުފޫޒު ގަދަ ޑައިރެކްޓަރުން/ޕްރޮޑިއުސަރުންތަކެއް ގުޅިއްޖެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ސަންޖޭ ލީލާ ބަންސާލީ އާއި ސޫރަޖް ބަރަޖްތިއާ އާއި ރާޖްކުމާރު ހިރާނީ އާއި ކަރަން ޖޯހަރާއި ނިތޭޝް ތިވާރީ އާއި އަންހެނުން އަޝްވިނީ އައްޔަރު ތިވާރީ އާއި ދިނޭޝް ވިޖަން އާއި ޝަންކަރާއި މަނީ ރަތުނަމް އެވެ.

ލައިކާއާ އެ މީހުން ގުޅުމުގެ ނަތީޖާއަކަށްވާނީ އެ މީހުން ގެނެސްދޭ ފިލްމުތަކުގައި ލައިކާ ހިއްސާވުމެވެ.

ލައިކާ އިން ގެނެސްދީފައި ފިލްމުތަކުގެ ތެރޭގައި ރަޖްނީކާންތުގެ "2.0" އާއި "ދަރުބާރު" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ގެނެސްދޭން ހުރި މަނީ ރަތުނަމްގެ "ޕޮނިޔިން ސެލްވަން" އާއި ޝަންކަރުގެ "އިންޑިއަން 2" އަކީ ވެސް ލައިކާގެ ތައްގަނޑުގައި ގެނެސްދޭ ފިލްމުތަކެވެ.

"ފްލައިޓް" މި މަހުގެ 19 ގައި

ފްލައިޓް ދަތުރެއްގެ މަތީގައި ހިނގާ ހާދިސާއަކުން ސަލާމަތްވާން ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމު "ފްލައިޓް" މި މަހުގެ 19 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ސޫރަޖް ޖޯޝީ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންނަކީ މޯހިތު ޗައްޑާ، ޕަވަން މަލްއުތުރާ، ޒާކިރު ހުސައިން، ވިވެކް ވަސްވާމީ، ޝިބާނީ ބޭދީ އަދި ޕްރިތަމް ސިންގް އެވެ.

"ފްލައިޓް" އަކީ ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ އެތައް ހާދިސާއެއް ފެންނާނެ ފިލްމެކެވެ.