Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

06 އޯގަސްޓް 2021

މިދިޔަ މަހުން ފެށިގެން ޝޫޓްކުރަމުން އަންނަ ޑައިރެކްޓަރު ހެންސަލް މެހެތާގެ އާ ފިލްމުގެ ނަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހުން ފެށިގެން ޝޫޓްކުރަމުން އަންނަ ޑައިރެކްޓަރު ހެންސަލް މެހެތާގެ އާ ފިލްމުގެ ނަން އިއުލާންކޮށްފި އެވެ.

ޓީ ސީރީޒްގެ ބުޝަން ކުމާރާއި ޑައިރެކްޓަރު އަނޫބަވް ސިންހާ ޕްރޮޑިއުސްކުރާ ފިލްމަށް ދީފައިވާ ނަމަކީ "ފަރާޒް" އެވެ. މީގެ މައިގަނޑު ކާސްޓުންނަކީ އެކްޓަރު ޕަރޭޝް ރާވަލްގެ ދަރިފުޅު އަދިތިޔާ ރާވަލް އާއި ޒަހާން ކަޕޫރެވެ. "ފަރާޒް" އަކީ 2016 ގައި ބަންގްލަދޭޝްގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

ހެންސަލް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ރާޖްކުމާރު ރާއޯ އާއި ނުޝްރަތު ބަރޫޗާއާ އެކު ގެނެސްދިން ސޯޝަލް ކޮމެޑީ "ޗަލާންގް" އެވެ.

"ފަރާޒް" ނިންމާފައި އޭނާ ހަދަން އޮތް ފިލްމަކީ ދާދި ފަހުން ކާތިކް އާރިޔަން ހިމަނައިގެން ހަދަން އިއުލާންކުރި ފިލްމު "ކެޕްޓަން އިންޑިއާ" އެވެ.

"ފްރެޑީ" އަށް އަލާޔާ

މި މަހުގެ 1 ގައި ޝޫޓިން ފެށި ކާތިކް އާރިޔަންގެ ރޮމޭންޓިކް ތުރިލާގެ ބަތަލާގެ ރޯލަށް އަލާޔާ ފަރްނީޗަރުވާލާ ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް ފިލްމުގެ ޓީމުން އެކަން އަދި ރަސްނީކޮށް ކަށަވަރެއް ނުކޮށްދެ އެވެ. "ފްރެޑީ" އަކީ އަލާޔާ އެކު ހަދަން ދާދި ފަހުން އިއުލާންކުރި ފިލްމު "ޔޫ ޓާން" ގެ ވެސް ޕްރޮޑިއުސަރު އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ އެކްތާ 2018 ގައި ގެނެސްދިން "ވީރޭ ވީ ވެޑިން" ހެދި ޝަޝަންކާ ގޯޝް އެވެ.

އަލާޔާ އަކީ މިދިޔަ އަހަރު ފިލްމު "ޖަވާނި ޖާނެމަން" އިން ބޮލީވުޑަށް ނުކުތް ބަތަލާ އެވެ.

"ބައްޗަން ޕާންޑޭ" ގެ ޓްރެއިލާ ނޮވެމްބަރުގައި

މި އަހަރުގެ ކުރީކޮޅު އަކްޝޭ ކުމާރު ޝޫޓިން ފަށައި ބޮޑު ބައި ނިންމައިލުމަށް ފަހު، މިދިޔަ މަހު މުޅިން އެއްކޮށް މަސައްކަތް ނިންމައިލި ފިލްމު "ބައްޗަން ޕާންޑޭ" ގެ ޓްރެއިލާ ނޮވެމްބަރުގައި ފާހަގަކުރާ ދިވާލީގެ ތެރޭގައި އާންމުކުރަން ނިންމައިފި އެވެ.

މި ފިލްމަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ފަރުހާދު ސަމްޖީ ލިޔެ، ޑައިރެކްޓްކޮށްފައިވާ އެކްޝަން ކޮމެޑީއެކެވެ. "ބައްޗަން ޕާންޑޭ" ގެ ބަތަލާއިންނަކީ އަކްޝޭއާ ކުރިން ވެސް ފިލްމުތަކެއް ކުޅެފައިވާ ކްރިތީ ސެނަން އާއި ޖެކްލީން ފެނަންޑޭޒް އެވެ. އިތުރު ކާސްޓުންގެ ތެރޭގައި އަރުޝަދު ވަރްސީ، ޕްރަތީކް ބައްބަރު އަދި ޕަންކަޖް ޓްރިޕާތީ ހިމެނެ އެވެ.

"ބައްޗަން ޕާންޑޭ" ގެ ޓްރެއިލާ ނޮވެމްބަރުގައި ނެރޭ އިރު، ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 26 ގަ އެވެ.

އަކްޝޭ މިހާރު އަންނަނީ މި މަހުގެ 19 ގައި "ބެލް ބޮޓަމް" ގެނެސްދޭން ތައްޔާރުވަމުންނެވެ.

"ބިގް ބޮސް ވޫޓް" ގެ ޕްރޮމޯއެއް

ކަރަން ޖޯހަރް ހޯސްޓްކޮށް މި މަހުގެ 8 ގައި ކަލާޒްގެ ސްޓްރީމިން ޕްލެޓްފޯމް ވޫޓް އިން ގެނެސްދޭން ފަށާ "ބިގް ބޮސް" ގެ އާ ސީޒަންގެ ޕްރޮމޯއެއް ދައްކާލައިފި އެވެ.

ކުރިއަށް އޮތީ މި ޝޯގެ 15 ވަނަ ސީޒަން ކަމަށްވާތީ ކަރަންއާ އެކު ހަ ހަފުތާ ވަންދެން ޑިޖިޓަލްކޮށް "ބިގް ބޮސް" ގެނެސްދިނުމަށް ފަހު، އޭތި ރަސްމީކޮށް "ބިގް ބޮސް 15" ގެ ގޮތުގައި ގެނެސްދޭނީ ސަލްމާން ޚާނާ އެކު ކަލާޒް އިންނެވެ. އެހެންވެ ޝޯ ފަށާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ ފަހުކޮޅު ނުވަތަ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެވެ.

"ބިގް ބޮސް 14" މި އަހަރުގެ ފެބްރުއަރީގައި ނިންމައިލީ ޓީވީ ބަތަލާ ރުބީނާ ދިލައިކް ޝޯ ކާމިޔާބުކޮށްގެންނެވެ.