Roadha Mihaaru
އައްޑޫގެ ޓޫރިޒަމްގެ ކަންބޮޑުންތައް ޓޫރިޒަމް މިނިސްޓަރަށް

އައްޑޫގެ ޓޫރިޒަމް ދާއިރާގައި ހުރި ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކޮށްފި

03 މާޗް 2021

މިދިޔަ އަހަރުން ފެށިގެން އައްޑޫގެ ދެ ރިސޯޓެއް ބަންދުކޮށްފައި އޮތުމާ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ކަންބޮޑުވުންތަކާ އެކު އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން މިއަދު ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާ ބައްދަލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުން ފެށިގެން އައްޑޫގެ ދެ ރިސޯޓެއް ބަންދުކޮށްފައި އޮތުމާ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ކަންބޮޑުވުންތަކާ އެކު އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން މިއަދު ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާ ބައްދަލުކޮށްފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ބަންދުކޮށްފައި އޮތް އައްޑޫގެ ދެ ރިސޯޓަކީ ކެނަރީފް (ހެރަތެރަ) އާއި ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އެވެ. އެ ރިސޯޓްތައް ބަންދުކުރުމުން އެތަންތަނުގައި ވަޒީފާ އަދާކުރަމުން މުވައްޒަފުންނާއި ޖުމްލަކޮށް މުޅި އައްޑޫގެ އިގުތިސާދަށް ވެސް އޭގެ ނުރަނގަޅު އަސަރުކޮށްފައިވެ އެވެ.

މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން އޭޑީސީގެ ނައިބު ރައީސް އަހުމަދު ޝަރީފް "މިހާރު" އަށް ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި ވަރަށް ޝަކުވާތަކާއި ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކުރެއްވި ކަމަށެވެ.

"ފުރަތަމަ ކަމަކަށް ކެނަރީފްގެ މައްސަލާގައި މިނިސްޓަރު ވިދާޅުވީ އެތަން ހުޅުވުމާ ބެހޭ ގޮތުން މެނޭޖްމަންޓާ އެކު މިހާރު ވާހަކަތައް ދެކެމުން އަންނާތީ އުފާވެރި ޚަބަރެއް ވަރަށް އަވަހަށް ދެއްވާނެ ކަމަށް. ދެން ޝަންގްރިއްލާ މެޖޭމަންޓާ އެކު ވެސް ވާހަކަ ދެކެވެމުން އަންނާތީ އެތަން ވެސް މި އަހަރު ހުޅުވޭނެ ކަމުގެ އުންމީދު މިނިސްޓަރު ދެއްވި،" އޭނާ ވިދާޅުވި އެވެ.

ޝަންގްރިއްލާގެ މައްސަލާގައި އޭޑީސީން ވަނި އެ ރިސޯޓަކީ ސަރުކާރުން 30 ޕަސަންޓް ހިއްސާވާ ތަނަކަށްވާތީ އެތަން ހިންގުމުގައި ސަރުކާރުގެ ދައުރެއް އެކަށީގެންވާ ގޮތަކަށް ނުފެންނާތީ އެކަން ވެސް މިނިސްޓަރުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

"އަސްލު މީގައި ވާނުވާއެއް ނޭނގޭ. ސަރުކާރުގެ ހިއްސާ އޮންނަ ކަމަށް ވަންޏާ އެތަން ހިންގޭނެ ގޮތްތައް ހޯދަން ސަރުކާރުގެ ތެރެއިން މަސައްކަތްކުރެވި އެކަމުގެ ވާހަކަ ދެކެވި، ވާނުވާ ރައްޔިތުންނަށް ވެސް އޮޅުންފިލާ ގޮތަށް ކަންކަން ކުރާނެ،" ޝަރީފު ވިދާޅުވި އެވެ. "ދެން މީގައި ބޯޑްގައި ގޯހެއް އުޅޭ ކަމަށްވަންޏާ ގޮނޑި ހޫނުކުރަން މީހުން ބޭތިއްބުމުގެ ބަދަލުގައި ކަންކަން ކުރެވޭ ވަރުގެ ޒިންމާދާރު މީހުން ގެންނަން ޖެހޭ."

އޭޑީސީން މިނިސްޓަރާ އެކު ބޭއްވި ބައްދަލުވިމުގައި އައްޑޫގެ ޓޫރިޒަމް ފުޅާކުރުމަށް ކުރަން ހުރި މަސައްކަތްކާއި ލޯކަލް ޓޫރިޒަމް ތަރައްގީކުރަން ކުރާ މަސައްކަތްތައް ވެސް އެންމެ ރަނޅަށް ކުރިއަށް ނުދާކަން ފާހަގަކޮށްފައިވެ އެވެ.

"މިނިސްޓަރު ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ތަރައްގީކުރުމުގައި ލާމަރުކަޒީ އުސޫލުގެ ތެރެއިން ސިޓީ ކައުންސިލް ވަރަށް ބޮޑު ކަމަށް. އެހެންވެ އެ ބޭފުޅުންނޭ އެކަމުގައި އެންމެ ދައުރެއް އަދާކުރާނެ ބަޔަކީ،" ޝަރީފް ވިދާޅުވި އެވެ.

ޓޫރިޒަމް ތަރައްގީކުރަން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން 8،000 އެނދު ތަރައްގީކުރާނެ ވާހަކަ ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އަދި ޓޫރިޒަމަށް މިހާރު އައްޑޫން ޒޯންތަކެއް ކަނޑައަޅައި 96 ބިމެއް ހަމަޖައްސައި ގިނަ ބިންތަކުގެ ލޭންޑްސްކޭޕިން މަސައްކަތް ފަށާފައިވެ އެވެ.

"ހަގީގަތުގައި މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މާ ސާފު ޕްލޭންތަކެއް ނެތް. ވާނުވާ ނޭނގޭ އަދި ކަންބޮޑުވުން އުފެދޭ ކަހަލަ ގޮތްގޮތަށް މަސައްކަތްތައް ބައްޓަންކުރެވެމުން ދަނީ." ޝަރީފު ވިދާޅުވި އެވެ.

އެހެންވެ އޭޑީސީން ވަނީ އައްޑޫގެ ޓޫރިޒަމް ދާއިރާގައި ހުރި ކަންކަމާ ބެހޭ ގޮތުން ސްޓޭކް ހޯލްޑަރުންނާ އެކު ބައްދަލުވުންތަކެއް ބާއްވައި ހުރި އަސްލު މައްސަލައް ހޯދަން މަސައްކަތްކޮށް ދެއްވުމަށް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފަ އެވެ.

"އެބަޖެހޭ އެންމެން އެއްތަންވެގެން ވާހަކަ ދައްކައި މަޝްވަރާކުރެވޭނެ ގޮތްތަތަކެއް ހޯދަން. ޓޫރިޒަމަށް ދޮރު ހުޅުވޭނީ ގަން އެއާޕޯޓްގެ އޮޕަރޭޝަން ވެސް ހަރުދަނާކުރެވިގެން. އެހެންވީމަ ހަގީގަތުގައި ބައިވަރު އިޝޫތައް އެބަހުރި،" ޝަރީފް ވިދާޅުވި އެވެ. "މިކަންކަމަށް ހައްލު ހޯދޭނީ އެންމެން އެކީގައި ތިބެގެން ޑިސްކަސްކުރެވިގެން. އެކަން އެބަޖެހޭ އެއް ކަމަކަށް ކުރަން."

އައްޑޫގެ ރިސޯޓެއް ބަންދުކޮށްފައި އޮތް ނަމަވެސް 2019 އިން ފެށިގެން އައްޑޫގެ ތިން ވަނަ ރިސޯތް ސައުތު ޕާމް އަންނަނީ އޮޕަރޭޓްކުރަމުންނެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން އަންނަ އަހަރު އައްޑޫގައި ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާ އިރު، އައްޑޫގެ ޓޫރިޒަމް ދާއިރާގެ ކުރިމަގު އަދި ފެންނަން އޮތީ ވަރަށް ކުލަ ފަނޑުކޮށް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ނަމަވެސް މިނިސްޓަރު މައުސޫމް މިދިޔަ ޖެނުއަރީ މަހު އައްޑު އަށް ކުރެއްވި ދަތުރުގައި ވިދާޅުވީ "ރާއްޖޭގެ ޓޫރިޒަމްގެ ރަން އަހަރަށް މަރުހަބާ ކިޔާ އިރު އައްޑޫގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ އެންމެންގެ މޫނަށް ހިނިތުންވުމުގެ ކުލަވަރު ގެނެސްދޭނެ" ކަމަށެވެ.