Roadha Mihaaru
އައްޑޫގެ ދެ ރިސޯޓް ނުހުޅުވި ހާސްކަން އިތުރުވަނީ!

އައްޑޫ ދެ ރިސޯޓް ނުހުޅުވި ލަސްވާ ނަމަ އެހެން ގޮތްތަކެއް ހޯދަން ޖެހޭ: މައުސޫމް

26 ސެޕްޓެމްބަރ 2021

ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން އައްޑޫގައި ބަންދުކޮށްފައި އޮތް ދެ ރިސޯޓް ކަމަށްވާ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އާއި ކެނަރީފް ނުހުޅުވި ލަސްވުމަކީ އެހެން ގޮތަކަށް ވިސްނަން ޖެހޭ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން އައްޑޫގައި ބަންދުކޮށްފައި އޮތް ދެ ރިސޯޓް ކަމަށްވާ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އާއި ކެނަރީފް ނުހުޅުވި ލަސްވުމަކީ އެހެން ގޮތަކަށް ވިސްނަން ޖެހޭ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ، ބަންދުކޮށްފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އެ ދެ ރިސޯޓް ހުޅުވާނެ ދުވަހެއް ވިދާޅުވާން އަދިވެސް ދަތި ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ ގާނޫނު ބުނާ ގޮތުން މަރާމާތަށް ރިސޯޓްތައް ދެ އަހަރަށް ބަންދުކޮށްފައި ބޭއްވުމުގެ ފުރުސަތު އޮތަސް، އެކަމަކީ ޓޫރިޒަމް ވިޔަފާރިއާ ގުޅުން ހުރި ހުރިހާ ބަޔަކަށް ވެސް ގެއްލުން ވާނެ ކަމަކަށްވާތީ އެހާ ގިނަ ދުވަހު ރިސޯޓްތައް ބަންދުކޮށްފައި ބޭއްވުން އެއްގޮތަކަށް ވެސް ރަނގަޅު ނޫނެވެ.

"އެކަމަކު ތަން އޮޕަރޭޓްނުކުރާ ކަމަށް ވަންޏާ އެބަޖެހޭ އިތުރު ގޮތްތަކެއް ހޯދަން ވެސް، މިސާލަކަށް ރަށް އަތުލައި އެއްބަސްވުން ޓާމިނޭޓްކުރުން ކަހަލަ ކަންކަން. އެކަމަކު މިއީކީ ކުރަން ފަސޭހަ ކަންކަމެއް ނޫން. އަނެއްކާ މިފަދަ އޮޕްޝަނަކަށް ދާން ޖެހިއްޖެ ކަމަށް ވަންޏާ ކޯޓާ ހަމައަށް މައްސަލަ ގޮސް ޕްރޮސެސްތައް ވަރަށް ބޮޑު ދިގުލައިގެން ހިނގައިދާނެ،" މައުސޫމް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ އައްޑޫގެ ދެ ރިސޯޓް ވެސް ވީހާ ވެސް އަވަހަކަށް އަލުން އޮޕަރޭޝަނަށް ގެނައުން."

ޝަންގްރިއްލާ އާއި ކެނަރީފް ބަންދުކޮށްފައި އޮތުމުން އައްޑޫގައި ކުރިން މި އަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރަން ރޭވި ޕްލޭންތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

"އަންނަ އަހަރު ދެ ރިސޯޓުން ކުރެ ކުޑަމިނުން އެއް ތަން ވިޔަސް ހުޅުވައިގެން އައްޑޫގެ ރައްޔިތުންނަށް ލިބޭ އުފާވެރިކަމާ އެކު އަޅުގަނޑުމެން ބޭނުންވޭ ޓޫރިޒަމްގެ ހަރަކާތްތަކެއް އައްޑޫގައި ކުލަގަދަކޮށް ފާހަގަކުރަން." މައުސޫމް

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެންމެ މަތީފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާގެ އިތުރުން ކެނަރީފް ވީހާ ވެސް އަވަހަކަށް އޮޕަރޭޝަނަކަށް ގެނެވޭތޯ މެނޭޖްމަންޓްތަކާ ހުއްޓުމެއް ނެތި މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން ޝަންގްރިއްލާގައި ބޮޑެތި މަރާމާތުތަކެއް ކުރަން ހުރުމާ އެކު އެ މަސައްކަތް ފެށި، ހައެއްކަ މަސް ތެރޭގައި މަސައްކަތްތައް ނިންމައިލެވޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އައްޑު އަށް އަންނަ ޓޫރިސްޓުން އިތުރުކުރުމާއި އައްޑު އަށް އޮޕަރޭޓްކުރާ ފްލައިޓްތައް އިތުރުކުރުމަކީ ވެސް ޝަންގްރިއްލާ އާއި ކެނަރީފް ހުޅުވަން ބާރު ލިބޭނެ ކަމެކެވެ. އެހެންވެ މުޅި ދެކުނުގެ ޓޫރިޒަމަށް ހާއްސަކޮށްގެން ބޭރުގެ އެއާލައިންތައް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރުކުރުމަކީ ވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އޭރުން ދެން އެ ތަންތަން ބަންދުކޮށްގެން ތިބޭކަށް މެނޭޖްމަންޓްތަކަކުން ވެސް ބޭނުމެއް ނުވާނެ،" މައުސޫމް ވިދާޅުވި އެވެ.

އައްޑޫގެ އެންމެ ބޮޑު ދެ ރިސޯޓް ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާތީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވެ އެވެ. މީގެ ސަބަބުން އެތައް ބައެއްގެ ވަަޒީފާ ގެއްލި، އައްޑޫގެ އިގުތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރުކޮށްފައިވެ އެވެ.

އައްޑޫގައި އޮންނަ ތިން ރިސޯޓްގެ ތެރެއިން އޮޕަރޭޝަނުގައި އޮތީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހުޅުވި ސައުތު ޕާމް ރިސޯޓެވެ. މީގެ އިތުރުން ގަމުގައި ހިންގާ އީކްއޭޓަ ވިލެޖަކީ އައްޑޫގެ ޓޫރިޒަމްގެ މުހިއްމު ފެސިލީޓިއެކެވެ. އެތަން ވެސް އޮތީ އޮޕަރޭޝަނުގަ އެވެ.

އައްޑޫގެ ބޮޑު ދެ ރިސޯޓް އަލުން ހުޅުވޭނެ އިރެއް ޔަގީން ނުވާ އިރު، ލޯކަލް ޓޫރިޒަމަށް އައްޑޫގައި އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން ޓޫރިޒަމް ޒޯންތަކުން ގެސްޓް ހައުސްތައް ހިންގަން ދޫކުރަން ނިންމި ބިންތައް ހަވާލުކުރުމުގެ މަސައްކަތް މި އަހަރުގެ މާޗް މަހުގެ ތެރޭގައި ފަށާފައިވެ އެވެ.